ދެމުންގެންދާ ސަބްސިޑީޒް ތަކާއި އިނާޔަތްތައް ހުއްޓާ ނުލުމަށް ސަރުކާރަށް ގޮވާލައިފި

ރައީސް ނަޝީދު ސަރުކަރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގައި އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް ދެމުންގެންދިޔަ ސަބްސިޑީސްތަކާއި އިނާޔަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.
މިއަދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންގެ ގުޅިފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުން މަސްވެރިންނަށާއި އާއްމު ރައްޔިތުންގެ ކަރަންޓް ބިލްތަކަށް ދެމުންދާ ސަބްސިޑީސްތަކާއި އެކަނިވެރި މައިންނަށް ދެވޭ އިނާޔަތްތަކާއި، އެކަނިވެރި ދަރިންނަށް ދެމުންދާ އިނާޔަތްތައް ހުއްޓާލުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އާއި 23 ޑިސެމްބަރު އިއްތިހާދު ގުޅިގެން ކުރައްވާ މަސައްކަތް ކުއްވެރިކޮށް އެއްވެސް ޝަރުތެއްނެތި އެކަން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
މީގެ އިތުރުން، މިއިނާޔާތްތަކާއި ސަބްސިޑީސްތައް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލަން ޖެހޭ ކަމަށް ވިދާޅުވެ މެމްބަރު ނަޝީދު ވާހަކަފުޅު ދައްކަވަމުން ވަޑައިގަންނަވަނީ މިހާރުގެ ސަރުކާރު އަޑީގައި އޮވެގެން މިއަހަރުގެ ބަކީ އޮތް ތަނުގައި މިފަދަ އިނާޔަތް ތަކާއި ސަބްސިޑީސްތައް ނުދީ ހިފަހެއްޓުމުގެ ނިޔަތުގައި ކަމަށާއި އެބޭފުޅުންގެ މައިގަނޑު މަގުސަދަކީ ދޭންޖެހޭ އިނާޔާތްތަކާއި ސަބްސިޑީސްތައް ހުއްޓުވާލައި މަޖިލީހުން މިކަންކަމަށް ކަނޑައަޅާފައިވާ ބަޖެޓްތައް އެހެން ގޮތްތަކަކަށް ބެނުން ކުރެއްވުން ކަމުގައި ގުޅިފައިވާ ނޫސްބަޔާނުގައިވެއެވެ.
މެމްބަރު ނަޝީދުގެ މިއަމަލުތަކުން ހާމަވެގެންދަނީ ރައްޔިތުން އިންތިހާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ވެރިކަމުން ދުރުކުރުމަށް ހިންގި "ބަޣާވާތު"ގެ އަޑީގައިވެސް ހުންނެވީ ޚުދު ނަޝީދު ކަމަށާއި އެމްޑީޕީގެ ސަރުކާރުން ޖިނާއީ އަދުލުގެ ނިޒާމް ހަމަ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ގިނަ ބިލްތަކެއް ނަޝީދު މުޤައްރިރުކަން ކުރައްވަމުން ގެންދަވާ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ހިފަހައްޓާފައިވާ ކަމަށްވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އަށް މެމްބަރުންގެ ގުޅިފައިވާ ނޫސްބަޔާނުގައިވެއެވެ.
އެގޮތުން ހެއްކާއިބެހޭ ބިލާއި، ޖިނާއީ އިޖުރާތުގެ ބިލާއި، ގާނޫނުލް އުގޫބާތާއި ބެހޭ ބިލާއި، އާބިޓްރޭޝަނާއި ބެހޭ ބިލާއި، ޕެރޯލާއި ބެހޭ ބިލް މެމްބަރު ނަޝީދު ވަނީ ގަސްތުގައި ހިފަހައްޓައި ރައްޔިތުން އަދަވަޅަކަށް ވައްޓާލާފައިވާ ކަމަށާއި މިހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ މެމްބަރު ނަޝީދު ނަންގަވަން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށްވެސް އެމްޑީޕީން ދެކޭކަމަށްވެސް މިނޫސްބަޔާނުގައިވެއެވެ.
ދިވެހިރައްޔިތުން ނިކަމެތިކޮށްލާ، ސަލާން ޖެހުމުގެ ޝަގާފަތް އަލުން އަނބުރާ ތަޢާރަފް ކުރުމަކީ އިދިކޮޅު ފަރާތްތަކުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތެއްކަމަށާއި ރައްޔިތުން އަޅުވެތި ކުރުމަށް މިސަރުކާރުން ހިންގާ އެންމެހާ ކަންތައްތައްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށާއި އަދި މިފަދަ ކަންކަމުގައި އަބަދުވެސް ރައްޔިތުންނާއިއެކު ވާނޭކަމުގެ ފުރިހަމަ ޔަގީންކަން މިފުރުސަތުގައި އަރުވާކަމަށްވެސް އެމްޑީޕީގެ ނޫސްބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ