ބައިނަލްއަގުވާމީ މުޖުތަމައުގައި ސަލާންޖެހުމުގެ އާދަ ނިމުމަކަށް ގެންނާނަން: ޔާމީން

ބައިނަލްއަގުވާމީ މުޖުތަމައު ސަލާންޖެހުމުގެ އާދަ ދޫކޮށްލަން ޖެހޭކަމަށާއި އެކަން ނިމުމަކަށް ގެންނަވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރޭ އާޓިފިޝަލް ބީޗްގައި ޕީޕީއެމްއިން ބޭއްވި މާ މާހެފުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރުމަކީ ބައިނަލްއަގުވާމީ މުޖުތަމުގެ ރާއްޖޭގެ ގަދަރު އުފުލޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ ބައިނަލްއަގުވާމީ މުޖުތަމު ކައިރިއަށް އާދައަކަށް ހަދައިގެން ސަދަގާތަކަށް ނުވަތަ ހައިރާތައް އެދިގެންދާކަށް. ދިވެހި ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށް ވީނަމަވެސް ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ އިހުތިރާމާއި ކަރާމާތް އަދި ގަދަރު ލިބިގެންވާ ގައުމަކަށް ހެދުމަކީ އަޅުގަނޑުމެންގެ އެއް އަމާޒު. މި މަސައްކަތް އަޅުގަނޑުމެން ކުރާނީ އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތާއެކީ ސެޕްޓެމްބަރު 7ގައި ނަގާ ވޯޓު ކާމިޔާބުވެގެން،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމުގެ ވާހަކަ ދައްކާއިރު ވެރިކަމުގައި ތިބެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދިފައި ނެތް ކަމަށެވެ. އެތައް ޒުވާނުންނެއް މިއަދުވެސް ތިބީ ވަޒީފާއެއް ނެތިކަމަށް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދިރިއުޅުން ދެކޮޅު ނުޖެއްސިގެން މިދަނީ. ވަޒީފާ އަށް ބޭނުންވާ އެތައް ޒުވާނުންނެއް އެބަތިބި. އެ މީހުންގެ ހުވަފެން ހަގީގަތަކަށްވާ ތަނެއް ނުފެނޭ. ފުރުސަތު ލިބުނީމާ އެ ފުރުސަތުގެ ބޭނުން ނުހިއްޕަވައި މިހާރު 3،000 ނުވަތަ 5،000 ވަޒީފާ އުފައްދާ ވާހަކަ އަޑު އެބަ އިވޭ. އޭރު އެ ފުރުސަތުގެ ބޭނުން ހިއްޕެވި ނަމަ މިއަދު ދައްކަން ޖާގަ އޮތް ވާހަކައެއް ނޫން އެއީ،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކޮންމެ ލީޑަރަކު އިންތިހާބުވި ނަމަވެސް އޭނާގެ ގާބިލްކަން ދައްކަން ޖެހޭނެ ކަމަށާއި އެހެން ނޫންނަމަ ފެއިލްވެގެންދާނެކަމަށެވެ.
"އެމްޑީޕީ ސަރުކާރު ފެއިލްވެގެން ދިޔައީ އޭރު ހުރި އިގްތިސާދީ ބޮޑެތި މައްސަލަތަކަށް ހައްލު ނުހޯދުނީމާ. އެ މައްސަލަތަކަށް ހައްލު ނުހޯދި ސިޔާސީ މީހުން ކަންކަމަށް އަޑު އުފުލައި ކުރެވޭ ގޯސްކަންތައްކުގެ ވާހަކަ ދެއްކީމާ ރައްޔިތުން ހައްޔަރުކޮށް، ސިޔާސީ ލީޑަރު ހައްޔަރުކުރުމާއި އަދި އެ މީހުންނާ ދޭތެރޭ ހުކުމްކުރަން ތިބި ފަނޑިޔާރުންނަށް އެކި ކަހަލަ ހުށަހެޅުންތައް ހުށަހަޅައި ބިރު ދެއްކުމުގެ ތެރެއިން، އެބޭފުޅުންނަށް އެކަންކޮށް ނުދެއްވުނީމާ ފަނޑިޔާރުން ހައްޔަރުކޮށް ކޯޓުތަކުގައި ތަޅުވައި މިކަހަލަ ހިތްދަތި އެތައް ކަމެއް ފެނިގެން ދިޔައީ،" ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ