ހައްދެއް ނެތި ސިޔާސީ ޕާޓީތަކަށް ފައިސާ ލިބޭ ގޮތަށް އޮވެގެން ނުވާނެ: އޭސީސީ

ސިޔާސީ ޕާޓީތަކުގެ ގާނޫނު މިހާރު އޮތީ އެއްވެސް ހައްދެއް ނެތި ފައިސާ ހޯދޭ ގޮތަށް ކަމަށާއި އެކަމުގެ ސަބަބުން ރިޝްވަތާއި ކޮރަޕްްޝަނަށް މަގުފަހިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
"ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމު ހަރުދަނާކުރުން" ނަމުގައި ބުރާސްފަތި ދުވަހު އޭސީސީން ނެރުނު ރިޕޯޓްގައި ބުނީ ދައުލަތުގެ ބަޖެޓް ފިޔަވައި ސިޔާސީ ޕާޓީތަކަށް ފައިސާ ހޯދޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާވައިވާ ފަރާތްތަކުން ފައިސާ އާއި އެހީ ހޯދޭނެ މިންވަރާއި ބާވަތް ގާނޫނުގައި ކަނޑައަޅާފައި ނެތްކަން ފާހަގަކުރެވޭ ކަމަށެވެ. ސިޔާސީ ޕާޓީތަކަށް ފައިސާ ހޯދުމާއި ހަރަދުކުރުމުގެ ކަންތައްތައް ކަމާ ގުޅޭ ގާނޫނުތަކުގައި ހުރީ ފުށުއަރާ ގޮތަށް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. އެހެންވެ، އޭސީސީން ބުނީ ސިޔާސީ ޕާޓީތަކަށް ފައިސާ ހޯދުމުގެ ފުރުސަތު އޮތީ އެއްވެސް ހައްދެއް ނެތި ހުޅުވިފައި ކަމަށެވެ.
"...ޕާޓީތަކަށް ލިމިޓެއް ނުވަތަ ހުދޫދެއް ނެތި ފައިސާ ހޯދުމުގެ ފުރުސަތު ފަހިވެފައި ވުމަކީ ޕާޓީތަކުގެ ތެރޭގައި ވާދަވެރިކަން ކުޑަވެ، ރިޝްވަތާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފައިސާ އާއި އެހީ ހޯދުމަށް ހުޅުވިފަިއވާ ފުރުސަތެކެވެ،" އޭސީސީގެ ރިޕޯޓްގައިވެ އެވެ.
އިދާރާތަކާއި ކުންފުނިތަކުން ޕާޓީތަކަށް ހަރަދުކުރުމުގެ ގިނަ މައްސަލަތަކެއް
އޭސީސީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ވެރިކަންކުރާ ޕާޓީގެ ސިޔާސީ ހަރަކާތްތަކަށް ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކުރުމުގެ ޝަކުވާތައް ކޮންމެ އިންތިހާބަކާ ގުޅިގެން ވެސް އެ ކޮމިޝަނަށް ލިބެ އެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން އެގޮތަށް ސިޔާސީ ޕާޓީތަކަށް ފައިސާ ހަރަދުކުރުމުގެ 37 މައްސަލައެއް މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮމިޝަނަށް ލިބިފައިވެ އެވެ.
ކޮމިޝަނަށް ހުށަހެޅި މައްސަތަކުގެ ތެރެއިން ރިޕޯޓްގައި ފާހަގަކޮށްފައިވާ އެއް މައްސަލަ އަކީ 2018 ވަަނަ އަަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅުންނަށްް ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް ޓިކެޓް ހަމަޖައްސައިދިނުމާއި ކެމްޕޭނަށް ބޭނުންކުރި ކެންވަސް އާއި ފޮތި ތައްޔާރުކޮށްްދިނުމެވެ. މިނިސްޓްރީއަަކަށް ގަނެފައިވާ 950 އަށް ވުރެ ގިނަ ގޮނޑި ޕާޓީއެއްގެ ޖަލްސާއަކަށް ބޭނުންކުރި ކަަމަށް ބުނާ މައްސަލައަކާއި އަތޮޅުކައުންސިލެއްގެ އިދާރާ ޕާޓީއެއްގެ ކަންކަމަށް ބޭނުންކުރި މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްގައި ބުންޏެވެ.
ޕާޓީތަކަށް ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކުރުމުގެ މައްސަލަތަކުގެ ތެރެއިން ރިޕޯޓްގައި ހިމަނާފައިވާ ބޮޑު އަނެއް މައްސަލަައަކީ ކެންޑިޑޭޭޓަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގެ ބިންތަކާއި އެޗްޑީސީގެ މުވައްޒަފުން ބޭނުންކުރުމުގެ މައްސަލަ އެވެ.
އޭސީސީން ހުށަހަޅާ ހައްލުތައް
ޕާޓީތަކަށް އެއްވެސް ހައްދެއް ނެތި ފައިސާ ހޯދައި ހަރަދުކުރެވޭ ގޮތަށް އޮންނަ އޮތުމުގެ ސަބަބުން ނުކުންނަ މައްސަލަ ހައްލުކުރަން އޭސީސީގެ ރިޕޯޓުގައި ތިން ކަމެއް ހުށަހަޅައިފައި ވެ އެވެ.
އެއް ކަމަކީ ޕާޓީގެ މެމްބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން ވިޔަފާރީގެ މުއާމަލާތްތަކުންނާއި ދަރަނީގެ ގޮތުގައި ސިޔާސީ ޕާޓީތަކަށް ފައިސާގެ އެހީ ދެވޭނެ އެންމެ މަތީ އަދަދު ކަނޑައަޅައި ފައިސާ ދެވޭ ވަރު ލިމިޓް ކުރުމެވެ. ދެވަނަ ކަމަކީ ކާކުކަން ނޭނގޭ ގޮތަށް ފައިސާ ނުދެވޭ ގޮތަށް ގާނޫނުގައި ސާފުކޮށް ކަނޑައެޅުމެވެ.
ސަރުކާރުގެ ކުންފުނިތަކުން ޕާޓީތަކަށް ހަރަދުކުރުން ހުއްޓުވަން ހުށަހަޅާފައިވާ އެއް ހައްލަކީ ކުންފުނިތަކުން ދޭ އެހީ ޕާޓީތަކުން ބޭނުންކޮށްގެން ނުވާނެކަަމަށް ގާނޫނުގައި އޮންނަ އޮތުމުގެ ބަދަލުގައި، ކުންފުނިތަކުން އެގޮތަށް ޚަރަދު ނުކުރެވޭނެކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކުރުމެވެ.
ސިޔާސީ ޕާޓިތަކުން ދަރަންޏަށް ފައިސާ ހޯދޭނެ ގޮތްތައް ގާނޫނުގައި ކަނޑައެޅުމާއި ޕާޓީތަކުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގައި ދަަރަނީގެ ތަފްސީލު ހިމަނަން ލާޒިމްކުރުމަށް ވެސް އޭސީސީން ލަފާ ދިނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ޖުމްލަ ބަޖެޓުގެ ވަކި ޕަސެންޓެއް ޕާޓީތަކަށް ދޭންޖެހެ އެވެ. އެހެންވެ ބަޖެޓްގެ ޖުމްލަ އަދަދު ބޮޑުވި ވަރަކަށް ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދު ވެސް އިތުރުވާން ފުރުސަތު އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ