އެސްޑީއެފްސީން ލޯނު ދޫކުރުމަށް ރިޝްވަތު ނަގާ ކަމުގެ ތުހުމަތު ފެންމަތިވެއްޖެ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓު ފައިނޭން ކޯޕަރޭޝަނުން ލޯނު ދޫކުރުމަށް ރިޝްވަތު ނަގާ ކަމުގައި ރައްޔިތުންގެ މަޖިލިސް މެންބަރު ޙަސަން ޢަފީފު ތުހުމަތުކުރައްވައިފިއެވެ. މިއަދު ފާސްކުރި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޢަފީފު ވިދާޅުވީ އެ ކުންފުންޏަށް މީހަކު ޕްރޮޕޯޒަލެއް ހުށަހެޅުމުން، އެ ޕްރޮޕޯސަލްގެ ދަށުން ހިންގުމަށް ހުށަހެޅި ވިޔަފާރިއަކީ ފީސަބަލް ވިޔަފާރިއެއް ނޫން ކަމުގައި އެ ކުންފުނިން އެންގި ކަމުގައެވެ. ނަމަވެސް ފަހުން އެހެން މީހަކު ހަމަ އެ ޕްރޮޕޯސަލް ހުށަހެޅުމުން ލޯނު ހަމަޖެހި އެ ވިޔަފާރި ފީސަބަލްވެއްޖެ ކަމުގައެވެ. އެކަން އެގޮތަށް ހަމަޖެހުނީ އެ ކުންފުނީގައި މަސައްކަތްކުރާ ބަޔަކަށް 90،000 ރުފިޔާ ދީގެން ކަމުގައި  އޭނާ ވިދާޅުވިއެވެ. "މި ކުންފުންޏަށް މީހަކު ހުށައެޅީ ޕްރޮޕޯސަލެއް. އޭނައަށް ލިބުނު ޖަވާބަކީ އެ ފީސިބްލްއެއް ނޫނޭ. ހަމަ އެ ޕްރޮޕޯސަލް އެހެން މީހަކަށް ދިނީ، ފީސިބަލް ވެއްޖެ. ފީސިބަލްވީ ކިހިނެއްތޯ؟ 90،000 ރުފިޔާ އެތަނުގައި ތިބި މީހުންނަށް ދައްކައިގެން." ވިލިފުށީ ދާއިރާ މެންބަރު ޙަސަން ޢަފީފް ވިދާޅުވިއެވެ. މިކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމުގައި ފާހަގަކުރައްވައި ޢަފީފު ވިދާޅުވީ މި ފަދަ ކުންފުނިތައް އޮޑިޓާ ޖެެނެރަލް އޮފީހުން އޮޑިޓުކުރަން ޖެހޭ ކަމުގައެވެ. ބަޖެޓަށް ބަހުސްކުރައްވަމުން އަފީފު ފާހަގަކުރެއްވީ މިހާރުވެސް ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ކަމުގައެވެ. އަދި ކުންފުނިތަކާ ގުޅޭ މައްސަލަތައް ބެލުން ލަސްވާ ކަމުގައި ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވުން އަމާޒުކުރެއްވިއެވެ. އެސްޑީއެފްސީ އުފެއްދީއްސުރެ އެ ކުންފުނިން ލޯނު ނެގުމަށް ރިޝްވަތުގެ ގޮތުގައި މިންވަރެއް ބައެއް މުވައްޒަފުން ހޯދާ ކަމުގެ ޝަކުވާއަކީ ޢާންމުންގެ ތެރޭގައި ޢާންމު ޝަކުވާއެކެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ