ޖޫރިމަނާ ފައިސާ ހޯދަން މީރާއަށް ކޯޓަށް ދެވޭ ގޮތަށް ޓެކުސް ޤާނޫނު އިސްލާހުކޮށް ފާސްކޮށްފި

ޓެކުހާ ގުޅޭ ޖޫރިމަނާއާއި އިތުރު ފީތައް ހޯދުމަށް މަދަނީ ދައުވާތައް ކޯޓަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވިނުއު އޮތޯރިޓީ (މީރާ)އަށް ލިބޭ ގޮތަށް ޓެކުސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލިހަށް ހުށަހެޅި ބިލެކެވެ. މި ބިލުގެ ބޭނުމަކީ ޤާނޫނެއްގެ ދަށުން ނުވަތަ ޤަވާޢިދެއްގެ ދަށުން ނުވަތަ ހެދިފައިވާ އެއްބަސްވުމަކާ އެއްގޮތްވާ ގޮތުގެ މަތިން، އަމިއްލަ ފަރުދަކު ނުވަތަ ޤާނޫނީ ޝަޚުޞަކުން ދައުލަތަށް ނުވަތަ ސަރުކާރަށް ދައްކަން ޖެހޭ ޓެކުހަށް ނުވާ ފައިސާ ދައުލަތުގެ ފަރާތުން ބަލައިގަތުމުގެ ބާރު މީރާއަށް ދިނުމެވެ. މި ބިލު ދިރާސާކޮށްފައިވަނީ މަޖިލިހުގެ އިޤުތިޞާދީ ކޮމިޓީންނެވެ. އެ ކޮމިޓީންވަނީ ޓެކުހާ ގުޅޭ ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ފީއެއް ފަދަ ފައިސާއެއް ދައުލަތަށް ނުދައްކައިފިނަަމަ، އެ ފައިސާ ހޯދުމަށް، ޝަރީޢަތަކަށް މައްސަލަ ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މީރާއަށް ދީފައެވެ. އެ ފައިސާ ހޯދަނީ އެއީ ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއް ކަމުގައި ބަލައިގެންނެވެ. މި ބިލުގައި ބުނެފައިވާ ގޮތުން ޓެކުސް ދައްކަން ޖެހި، ނުދައްކާ އޮތް ފަރާތުގެ ނަމާއި، އެޑްރެސް ހިމެނޭ ގޮތަށް އޭނާ ދައްކަންޖެހޭ ފައިސާގެ ތަފުސީލު ހިމެނޭ ލިޔުމެއްގައި ކޮމިޝަނަރ އޮފް ޓެކްސޭޝަން ސޮއިކުރެއްވުމުން، އެއީ އެ ޢަދަދުގެ ދަރަނި ސާބިތުކުރުމަށް އެކަށީގެންވާ ހެއްކެއް ކަމުގައި ބަލަންޖެހެއެވެ. އަދި ލިޔުމަކީ އެ ލިޔުމުގެ މައްޗަށް ބިނާކޮށް ހުކުމްކުރުމުގެ ބާރު ލިބިދޭ ލިޔުމެއް ކަމުގައިވެސް ބިލުގައި ބުނެފައިވެއެވެ. ހަމައެހެންމެ ޓެކުހާ ގުޅޭ ގޮތުން ރާއްޖެއިން ބައިވެރިވާ މުއާހަދާތަކާއި ބޭރުގެ އެހެން ޤައުމަކާ ޓެކުހާ ގުޅޭ ގޮތުން ހަދާ އެއްބަސްވުމެއްގެ ދަށުން ބޭރު ޤައުމެއްގެ ނުވަތަ ވަކި ސަރަހައްދެއްގެ ޓެކުހާ ބެހޭ އިދާރަތަކާ މައުލޫމާތު ބަދަލުކުރުމުގެ އުސޫލުތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ