އެންޑީއޭގެ ސީއީއޯގެ މަގާމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އަލުން އަނބުރާ މުޖުތަމައުއަށް ނެރުމުގެ ޒިންމާ އުފުލަމުން އަންނަ އެޖެންސީ އަށް ސީއީއޯއެއް ހޯދަން އިއުލާނުކުރީ، އެ މަގާމުގައި އެންމެ ފަހުން ހުންނެވި ހަސަން ޝަހީލް މިދިޔަ ސެޕްޓެމްބަރު 27 ގައި އިސްތިއުފާ ދެއްވުމުންނެވެ.
އެންޑީއޭގެ ސީއީއޯގެ މަގާމަށް އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ އޮކްޓޯބަރު 5 ގަ އެވެ. އެކަށީގެންވާ ވަރަށް ތަރުހީބު ނުލިބުމުން އޭގެ ދެ ހަފުތާ ފަހުން އޮކްޓޯބަރު 19 ގައި އަނެއްކާ ވެސް އިއުލާނުކުރި އެވެ. ކޮންޓްރެކްޓް އުސޫލުން ތިން އަހަރަށް ސީއީއޯއެއް ހޯދަން އެންމެ ފަހުން އިއުލާނުކޮށްފައި ވަނީ އިއްޔެގަ އެވެ.
އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައިވުމާ އެކު ހިންގުމުގެ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. މުސާރައިގެ ގޮތުގައި މަހަކު 18،000ރ. އާއެކު 1،000ރ. ގެ ފޯން އެލަވަންސް އަދި ލިވިން އެލަވަންސް އަށް 12،500ރ. އާއެކު ޖުމްލަ 31،500ރ. ލިބޭނެ އެވެ.
މީގެ އަށް އަހަރު ކުރިން އުފެއްދި އެޖެންސީގެ ސީއީއޯގެ މަގާމުން ޝަހީލް އިސްތިއުފާ ދެއްވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް، ބަޔަކު އަޑީގައި ތިބެގެން އަބުރު ކަތިލައި އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުކޮށްފަ އެވެ. އޭރު "ޗޭންޖް އެންޑީއޭ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ވެސް ކުރިއަށްގެންދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ