ފަރުވާ ކުޑަކޮށް ދުއްވައިގެން އެކްސިޑެންޓުވުމުން ޒިންމާ ނަގަން ޖެހޭ އިސްލާހެއް

މަގުމަތީގެ ގަވައިދުތަކާ ހިލާފަށް، އަދި މަގުމަތި ބޭނުން ކުރާ މީހުންގެ ފުރާނައަށް ބެލުމެއް ނެތި، އިންޖީނުލީ އުޅަނދު ދުއްވައިގެން ހިނގާ އެކްސިޑެންޓުތަކުގައި ޒިންމާ ނަގަން ޖެހޭ ގޮތަށް، ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް މިއަދު ހުށަހެޅުއްވި އިރު، ފަރުވާލެއް ނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެ ބިރުދެއްކުމުގެ އަމަލުތަކަކީ ކުށެއްގެ ގޮތުގައި މިހާރު ވެސް އޮންނަނީ ކަނޑައަޅާފަ އެވެ.
އެކަމަކު މީކާއީލް ވިދާޅުވި ގޮތުގައި:
މީހަކު މަރުވެދާނެ ނުވަތަ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމާމެދު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި މަގުމަތީގެ ގަވައިދުތަކާ ހިލާފަށް، އަދި މަގުމަތި ބޭނުން ކުރާ ބައެއް ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއްނެތް ގޮތަށް، އިންޖީނުލީ އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކެއް ނުހިމެނޭ
އެހެންވެ، އެކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅެން ނެތުމުން ގޮންޖެހުންތައް ކުރިމަތިވޭ
މީކާއީލް ވިދާޅުވި ގޮތުގައި، އޭނާގެ މި އިސްލާހުގެ ސަބަބުން، މަގުމަތީގެ ގަވައިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތްގޮތަށް އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގެ ޝިކާރައަށްވާ މީހުންނަށް އިންސާފު ލިބުމަށް ފަހިވާނެ އެވެ.
އޭނާ މިއަދު ހުށަހެޅުއްވީ، ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުމުގެ އަމަލުތަކުގެ މާއްދާއަށް، 'ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާ މެދު ފަރުވާލެއްނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމާ ބެހޭ' ނަމްބަރެވެ.
މާލޭގައި ދާދި ފަހުން ވަނީ، ބާރު ސްޕީޑެއްގައި ދުއްވި ސައިކަލެއް، މަގުމަތީ ދުވަން އުޅުނު މީހެއްގެ ގައިގާ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ. އަދި ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖާ، އެ އެކްސިޑެންޓުގައި ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ