އޮތީ ރައްޔިތުންގެ ފައިސާ އަނބުރާ ހޯދައިދިނުމުގެ ހެޔޮ ނިޔަތް: އޭސީސީގެ ރައީސް

އެސެޓް ރިކަވަރީގެ ގައުމީ ނިޒާމެއް ގާއިމުކުރުމަށް ފަށާ މަސައްކަތުގެ ފަހަތުގައިވަނީ ކޮރަޕްޝަނުގެ ސަބަބުން ގެއްލިދާ ފައިސާ އަނބުރާ ހޯދައިދިނުމަށް ނަތީޖާ ނެރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ ހެޔޮ ނިޔަތް ކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމްކުރުމާގުޅޭ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ކޮރަޕްޝަނުގެ ކުށުން ދައުލަތުން ގެއްލިގެންދާ ފައިސާގެ އަދަދު ވަރަށް ބޮޑުކަން ދިރާސާތަކުން ހާމަވާކަމަށެވެ. އެގޮތުން އެއީ ކޮންމެވެސް ރަށެއްގައި ސުކޫލެއް، ހޮސްޕިޓަލެއް، ނުވަތަ ބަނދަރެއް އެޅުމަށް ބޭނުންކުރެވިދާނެ ފަދަ ފައިސާގެ އަދަދުތަކެއްކަމަށައި، އެކަމުން އެނގިގެންދަނީ ކޮރަޕްޝަނުގެ ކުށުގެ ގެއްލުމުގެ ބޮޑު މިންވަރުކަމަށެވެ.
މިއަދު އަޅުގަނޑުމެންގެ ހިތްނިޔަތް ޚާލިސްކަމާއެކު އޮތީ ކޮރަޕްޝަނުގެ ނުބައި ޢަމަލުތަކުން ގެއްލިދާ ރައްޔިތުންގެ ފައިސާ އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް، ދައުލަތެއްގެ ގޮތުގައި ކުރަންޖެހޭ މަސައްކަތް ހަރުދަނާކޮށް، ނަތީޖާ ނެރެވޭ ނިޒާމަކަށް މި ނިޒާމު ހެދުމުގެ ހެޔޮ ނިޔަތްކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.
އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގައި ކާމިޔާބު ހޯދިދާނެ ގޮތްތަކާމެދު މަޝްވަރާކޮށް، އެއްގަލަކަށް އަރައި، ކުރާން ހުރި ކަންކަމުގެ މައްޗަށް އެކުލެވޭ މަގުޗާޓެއް އެކުލަވައިލުން މުހިއްމުކަމުގައިވެސް ވިދާޅުވިއެވެ.
ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ދައުލަތަށް ވެއްދެމުގެ ނިޒާމު ހަރުދަނާކުރާ ވާހަކަ ދެކެވޭއިރު، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި މިކަމަށް މަސައްކަތް ކުރެވޭނެ ޖާގައޮތްކަމަށް ދެކޭކަމަށާއި ދުނިޔޭގެ އެހެން ޤާއުމުތަކުގައި މިފަދަކަންކަން އޮންނަ ގޮތުގެ މައްޗަށް ކޮމިޝަންގެ ރައީސްވަނީ އަލިއަޅުއްވާލައްވާފައެވެ.
އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމެއް ޤާއިމްކުރުމާ ގުޅޭ މަސައްކަތަށް އެކުލަވާލި ފަންނީ ކޮމެޓީގެ ދައުރު މިކަމުގައި އިންތިހާއަށް މުހިއްމުކަން ފާހަގަކުރައްވައި ކޮމިޓީގެ މަސައްކަތް އަވަސްކޮށް، އެދެވޭފަދަ ކުރިއެރުންތަކާއެކު ރަނގަޅު ނަތީޖާއެއް ނެރެދިނުމަށް ޝާމިލްވަނީ ބާރުއަޅުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ