ކުރީގެ ކޮވިޑު ފެސިލިޓީގައި ޖަލު އިމާރާތުގެ ބްލޮކެއް ނިންމައި، 16 ގައިދީއަކު އެ ތަނަށް ބަދަލުކޮށްފި
ހުޅުމާލޭގައި ހިންގި ކޮވިޑް-19 ފެސިލިޓީގައި އިމާރާތްކުރާ ޖަލު ޔުނިޓުގެ ފަސް ބްލޮކުގެ ތެރެއިން ބްލޮކެއްގެ މަސައްކަތް ނިންމައި، ބައެއް ގައިދީން އެ ތަނަށް ބަދަލުކޮށްފިއެވެ. ކޮވިޑުގެ މުއްދަތުގައި ބޭނުންކުރި ފެސިލިޓީ ހުރި ތަނުގައި އަލަށް އިމާރާތްކުރާ ޖަލު ޔުނިޓުގައި 140 މީހުންގެ ޖާގައެއް އޮންނާނެއެވެ. އެ ތަނުގައި ޖުމުލަ ފަސް ބްލޮކުގެ، ދެ ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. ކަރެކްޝަންސް އިން މިއަދު ބުނީ، ފަސް ބްލޮކުގެ ތެރެއިން ފުރަތަމަ ބްލޮކުގެ މަސައްކަތް ނިންމައި، ފުރަތަމަ ބެޗުގެ 16 ގައިދީއަކު އެ ޔުނިޓަށް އިއްޔެ ބަދަލުކޮށްފައިވާ ކަމަށެވެ. https://x.com/CorrectionsMv/status/2058498051757511007 މިއީ ހުކުމް ތަންފީޒުކުރާ ގައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ގައިދީން ބޭތިއްބުމަށް، ހޯލްޑިން ސެލްތައް އެކުލެވޭ ގޮތަށް އޭސީއާއެކު ބިނާކުރެވޭ ޔުނިޓެއް ކަމަށް، ކަރެކްޝަންސްއިން ބުންޏެވެ. އަދި މި ތަނުގެ ތިރީ ފަންގިފިލާގެ ހުރިހާ މަސައްކަތެއް އަންނަ ޖޫން މަހު ތެރޭ ނިންމައިލެވެމުން، ކޯޓުތަކަށާއި ސިއްހީ ބޭނުންތަކަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބައިތިއްބުމަށް ލުއި ލިބި، ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް، އެ އިދާރާއިން ބުންޏެވެ. ކަރެކްޝަންސްއިން ބަލަހައްޓާ ޖަލުތަކަށް 140އެއްހާ ޖާގަ އިތުރުކުރެވޭނެ ކަމަށް، ޖަލުތަކުގެ ކޮމިޝަނަރު ޙަސަން ޒަރީރު ވިދާޅުވީ މިދިޔަ ޑިސެންބަރު މަހެވެ. https://sun.mv/215516 ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަރީރު ވިދާޅުވީ، މި ސަރުކާރު އައި ފަހުން ޖަލުތަކަށް 124 ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އަދި 140 ޖާގަ އިތުރުކުރުމުގެ މަސައްކަތް ކަރެކްޝަންސްއިން ކުރާނެ ކަމަށެވެ. ޖަލުތަކުގެ ޖާގަ އިތުރުކުރުމުގެ ސަބަބުން، ދުވާލަކު 50އަކަށް މީހުން ގެނެސް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ދުވާލެއްގެ މައްޗަށް 50އާއި 70އާ ދެމެދު އޮންލައިންކޮށް ޝަރީއަތްތައް ހިންގައެވެ. އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޯ ދަ ޕްރިވެންޝަން އޮފް ޓޯޗާއިން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، 2024ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި ތިބި ގައިދީންގެ އަދަދު 1،347އަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ