ރާއްޖެ ބަލިކޮށް އިންޑިއާ އިން ދެ ވަނަ މޮޅު ހޯދައިފި

ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ގައުމީ އަންހެން ޓީމު ބަލިކޮށް، އިންޑިއާ އިން މުބާރާތުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ. 
ނޭޕާލް އަތުން ފުރަތަމަ މެޗުގައި 3-2 ސެޓުން މޮޅުވި، އިންޑިއާ އިން ރާއްޖޭގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. ރާއްޖެ ވަނީ ފުރަތަމަ މެޗުން ކިރްގިސްތާން އަތުން 3-0 ސެޓުން ބަލިވެފަ އެވެ. 
އެފްއައިވީބީން ދާދި ފަހުން ނެރުނު ވޮލީބޯޅައިގެ ރޭންކިންގައި ރާއްޖެ ފުރަތަމަ ފަހަރަށް ރޭންކް ކުރެވުނުއިރު އޮތީ އިންޑިއާ އަށް ވުރެން ހަތް ދަރަޖަ ކުރީގަ އެވެ. އެކަމަކު، އިންޑިއާ އިން އިއްޔެގެ މެޗުގައި ވަނީ ތަފާތު ކުޅުމެއް ދައްކައި ރާއްޖޭގެ މައްޗަށް ކުރިހޯދައިފަ އެވެ. އެ ގޮތުން، އިންޑިއާ އިން ސެޓުތައް ގެންދިޔައީ، 25-09، 25-14 އަދި 25-17 އިންނެވެ. ރޭ ކުޅުނު މި ގްރޫޕްގެ އަނެއް މެޗުން ކިރްގިސްތާން އަތުން ނޭޕާލް ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. 
ރާއްޖެ އަތުން ކިރްގިސްތާނުން ފުރަތަމަ މެޗުގައި މޮޅުވިއިރު، ސެޓުތައް ދިޔައީ، 25-19، 25-16 އަދި 25-22 އިންނެވެ. ނޭޕާލާއި އިންޑިއާ ވާދަކުރި މެޗު ފޯރިގަދަކޮށް ކުރިއަށްދިޔައިރު، ފުރަތަމަ ސެޓު ނޭޕާލުން 21-25 އިން ގެންގޮސްފައިވަނިކޮށް، އިންޑިއާ އިން ދެން ކުޅުނު ދެ ސެޓު، 25-20، 25-19 އިން ގެންދިޔަ އެެވެ. އެކަމަކު، ހަތަރު ވަނަ ސެޓުގައި ނޭޕާލުން 21-25 އިން ކުރިހޯދައި، ނަތީޖާ ނެރޭ ސެޓަކަށް މެޗު ގެންދިޔަ އެވެ. އެ ސެޓުން އިންޑިއާ މޮޅުވީ 15-09 އިންނެވެ. 
މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ރާއްޖޭން ނޭޕާލާ ކުޅޭއިރު، އިންޑިއާ އިން ބައްދަލުކުރާނީ ކިރްގިސްތާންއާ އެވެ. 
ގްރޫޕް ބީގައި ކުޅެނީ، އިރާން، ބަންގްލަދޭޝް، ކަޒަކްސްތާން އަދި ސްރީ ލަންކާ އެވެ. ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެވެ. 
ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމަށް ފަހު، ދެން އޮންނާނީ ރޭންކިން ބުރެކެވެ. ކްލަސިފިކޭޝަން ރައުންޑްގެ ނަމުގައި ކުޅޭ މި ބުރުގައި މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން 5-8 ވަނަ އަށް ދާ ގައުމުތައް ރޭންކް ކުރެވިގެންދާނެ އެވެ. އެ ބުރުގެ މެޗުތައް އޮންނާނީ، މި މަހުގެ 26 އާއި 27 ވަނަ ދުވަހު އެވެ. އަދި، މުބާރާތުގެ 28 އާއި 29 ވަނަ ދުވަހު އޮންނާނީ ސެމީ ފައިނަލް މެޗުތަކާއި ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ