މިހިތް އެދޭތީ... 16
"އާންތައާ ދޭތެރޭ ހަމްދަރުދީވެސް ވެވިއްޖެ... ހުރި ހަމައެކަނި އަންހެން ދަރިފުޅު ގެއްލުނީ... ދެން މިހާރު ހުރި ހަމައެކަނި ފިރިހެން ދަރިފުޅުވެސް... ބޮޑުއްތަ އިއްޔެ ގުޅާފަ ބުނި، އާންތަ އަބަދު އައިޝާ ހަނދާންކޮށްފަ ރޯ ވާހަކަ... ތިކުރާ ކަންތައް ހުއްޓާފަ، ދުވަސްކޮޅަކަށް މަންމަ ކައިރިއަށް ގޮސްލަބަލަ..." ރިއުމާންގެ ވާހަކަ އެހިސާބަށް ދިޔަ ތަނައި އޭނާގެ ފަހަތުގައި ހުރި އިޒީ ޔައިލްއަށް ފެނުނެވެ. ******** "ހިތްހަމަނުޖެހުނީތަ؟... ހުއްޓާލާށޭ މި ބުނަނީ ޔައިލްއަށް ރަނގަޅަކަށް..." ޔައިލް އެއްޗެއް ނުބުނުމުން، ރިއުމާން ހީކުރީ ހިތްހަމަނުޖެހުނީ ކަމަށެވެ. ޔައިލްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަގޮތް ފެނި، ރިއުމާން ފަސްއެނބުރި ބަލައިލިއެވެ. އިޒީ ފެނުމުން، ރިއުމާނަށްވެސް ސިހުމެއް ލިބުނެވެ. އަނގަ އޮޅޭގޮތްވިއެވެ. ޔައިލް އެއްޗެއް ބުނުމުގެ ކުރިން އިޒީ އެނބުރި އައިކޮޅަށް ހިނގައިގަތެވެ. "ޝިޓް..." ރިއުމާނަށް އޭނާގެ ބޮލުގައި އަތުން ޖަހައިލެވުނެވެ. "އަޑު އިވުނުބާ؟..." "ވެއިޓް..." ޔައިލް އިޒީގެ ފަހަތުން ދިޔައެވެ. ދެމީހުން ބައްދަލުވީ، ލިފްޓުންނެވެ. "ކޮންކަމެއް ހުއްޓާށޭ އޭނަ އެބުނީ؟..." ލިފްޓްގެ ދޮރު ލެއްޕުނުތަން ބަލަން ހުރެފައި، އިޒީ ސުވާލުކުރިއެވެ. "އަހަރެންގެ ވާހަކަ ދޯ އެބުނީ؟..." ޔައިލް ވަގުތުން އިޒީގެ އަތުގައި ހިފައިލިއެވެ. "އެއް މިލިޔަން މީހުން ބުންޏަސް، ކިހިނެއް މިކަން ހުއްޓާނީ؟..." ޔައިލް ވާހަކަ ދެއްކީ، ދުވަހަކުވެސް ނުދައްކާހައި ލޯބިންނެވެ. "އެހެންމީހުން އެ އުޅެނީ ޖޭވެގެން... އެމީހުންނަށް ނުލިބި އަހަންނަށް މިކުއްޖާ ލިބުނީމަ..." އިޒީގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުން ސިއްރުކުރަމުން އޭނާ އަވަހަށް އިސްޖަހައިލިއެވެ. ޔައިލްގެ ކޮންމެ ޖުމުލައަކުން، އިޒީގެ ނުތަނަވަސްކަން ދުރުކޮށްދެނީ އަޖައިބުކުރުވާފަދަ ގޮތަކަށެވެ. އެއީ ލޯބި ހެއްޔެވެ؟ "މިހާރު ތި އުޅެނީ އަހަރެން ހައްދާލަން..." އިޒީ ތުންފިއްތައިލިއެވެ. "ކިހިނެއް ހެދިއްޔާ ގަބޫލު ކުރާނީ؟..." ޔައިލް ބޭނުންވީ ކޮންމެ ކަމެއް ކޮށްގެންވެސް އިޒީއަށް އެކަން ސާބިތުކޮށްދޭށެވެ. "ބުނޭ... ވަގުތުން..." ޔައިލްގެ ޖުމުލަ ފުރިހަމަނުވަނީސް، ލިފްޓް ހުއްޓުނެވެ. ދެމީހުންނަށް އެކަކު އަނެކަކާއި ދުރަށްޖެހިލެވުނީ ކިރިޔާއެވެ. ދޮރު ހުޅުވުނެވެ. އެތެރެއަށް ވަނީ ރިޝާނެވެ. ޔައިލްގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. "ހާއި..." ޔައިލްއަށް ބަލަން ހުރި ރިޝާންގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ސަލާމަށް އަތް ދިއްކޮށްލިއިރު، ޔައިލް އެ އަތުގައި ހިފައިފާނެކަމާއިމެދު އޭނާ ހުރީ ޝައްކެއްގެ މަތީގައެވެ. "ރިޝާން...." ރިޝާންގެ ނަން އަޑު އިވުމުން، އިޒީ އިސްއުފުލައި ބަލައިލިއެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް ރިޝާން ހުރީ ނުރަސްމީކޮށެވެ. ކުރިން ނުފެންނަ ހިނިތުންވުމެއް އެ ތުންފަތުގައިވީއިރު، ޔައިލްއަށް ބަލަން ހުރީ، ނުދަންނަ މީހަކަށް ބަލާ ފަދައަކުން ނޫނެވެ. ޔައިލް ހުރީ ރިޝާންގެ އަތުގައި ނުހިފަން ހުރި ކަހަލަ ގޮތަކަށެވެ. ދެމީހުންވެސް ބައްދަލުވީ އަލަށް ނޫންކަން އެކަކު އަނެކެއްގެ ނަޒަރުން ބުނެދިނެވެ. އިޒީ ބަލަން ފެށުމުން، އިތުރުގޮތެއް ނެތިގެން ޔައިލް ރިޝާން ދިއްކޮށްލި އަތުގައި ހިފިއެވެ. "މިއަދު ފޮނުވި ފައިލު ލިބުނުތަ؟..." ޔައިލްގެ މޫނުން ނަޒަރު ވަކިކޮށް، އިޒީ އާއި ދިމާއަށް އެނބުރިލަމުން ރިޝާން އަހައިލިއެވެ. އިޒީ ހަމައެކަނި ބޯ ޖަހައިލީއެވެ. "ހީކުރީ މީހަކު ގަސްދުގަ ފޮރުވީ ކަމަށް؟...." ލާނެތް ރާގަކަށް އެހެން ބުނެލަމުން، ރިޝާން ޔައިލްއަށް ބަލައިލިއެވެ. "ނޭނގޭނެއެއްނުދޯ؟..." "ތިކަހަލަ ކަންކަން ކުރާ މީހަކު ނޫޅޭނެ އަހަރެންގެ ސެކްޝަނަކު..." އިޒީ ޔަގީންކަމާއި އެކުގައި ބުނެލިއެވެ. "އެއީ ތެދެއް؟..." ރިޝާން ބަލައިލީ ޔައިލް އަށެވެ. ދެއަތް މުށްކަވާލައިގެން ހުރިއިރު ޔައިލްއަށް ކެތްވަނީކީ ނޫނެވެ. އަމިއްލަ ނަފުސު ކޮންޓްރޯލް ކުރަން އޭނާ އެތައް މަސައްކަތެއް ކުރިއެވެ. ރިޝާންގެ މަގުސަދަކީ އިޒީގެ ކުރިމަތީގައި އޭނާ ބަދުނާމުކޮށްލުން ހެއްޔެވެ؟ "އެބަޖެހޭ ވާހަކައެއް ދައްކާލަން..." ކެތްނުވެގެން ޔައިލްއަށް ބުނެވުނެވެ. އިޒީގެ ހިތުގައި ސުވާލުތައް ފުނިޖެހޭނެކަން ޔައިލްއަށް ކަށަވަރެވެ. އެ ސުވާލުތަކާއި ފަހުން ކުރިމަތިލާންޖެހޭނެކަންވެސް އެނގެއެވެ. އެހެނަސް، ޔައިލް ވިސްނީ އެކަންކަމާއި ފަހުން ކުރިމަތިލެވިދާނެ ކަމުގައެވެ. އިޒީއަށް ވިސްނައިދީ، މާފަށް އެދެވިދާނެކަމުގައެވެ. އެހެންމީހެއްގެ ފުށުން ބަހެއް އިވިގެން ބަދުނާމުވުން އެއީ މާ ހަޑިކަމެކެވެ. އިޒީ ދިޔުމުން، ޔައިލް އާއި ރިޝާން ލިފްޓްގައި އެކަނިވިއެވެ. ލިފްޓް އަނެއްކާވެސް ދިޔައީ ތިރިއަށެވެ. "ކޮންކަމެއް ނުވެގެން ރިޝާން ތިއުޅެނީ؟..." މަޑުން ވާހަކަ ދައްކާކަށް ޔައިލް މަސައްކަތެއް ނުކުރެއެވެ. "ތި މާސްކު ނުނަގައިގެން..." ރިޝާން ހީގަތެވެ. "މިކަމާ ރިޝާންއާ ކޮން ގުޅުމެއް އޮތީ؟..." ޔައިލް ކުރިއަށްވުރެ ހިތްހަމަނުޖެހުނެވެ. "އައި ލައިކް ހާރ... ނޮޓް އޮންލީ ލައިކް ހާރ... އައި ލަވް ހާރ... ތާރޓީން އިޔަރސް ކުރިން ފެށިގެންވެސް...." އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ރިޝާން ބުނެލިއެވެ. ޔައިލް ހުއްޓުން އެރިއެވެ. ރިޝާންގެ އިއުތިރާފާއިއެކު، ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. އެހެން މީހެއްގެ ދުލުން އިޒީދެކެ ލޯބިވާ ވާހަކަ ބުނާ އަޑު އަހަން ފަސޭހައެއް ނުވިއެވެ. ******** ބައްދަލުވުން ބާއްވާ ހޯލުން އިޒީ އާއި ބައްދަލުކުރީ ރިޝާން އެކަންޏެވެ. ރިޝާންގެ ކޯތާފަތާއި ދިމާއިން ނޫފައިގަނެފައިވާ ތަނެއް އިޒީއަށް ފެނުނެވެ. އެއީ ލިފްޓުން ދިމާވިއިރު، ރިޝާންގެ މޫނުން ފެނުނު ޒަހަމެއް ނޫނެވެ. އިޒީ ހާސްވިއެވެ. އޭނާގެ ދެލޯ ހޯދީ ޔައިލްއެވެ. ޔައިލް ފެންނަން ނެތުމުން، އޭނާ ހާސްވީ ސަބަބެއް ނެތިއެއް ނޫނެވެ. ރިޝާންގެ މޫނުގައި އެފަދަ އެންމެ ޒަހަމެއްވާއިރު، ޔައިލްގެ މޫނުގައި އެފަދަ އެތައް ޒަހަމެއް ވާނެއެވެ. އޭނާ ރިޝާނަށް ކުޑަކޮށްވެސް އިތުބާރެއް ނުކުރެއެވެ. ޔައިލް އާއި ދެމީހުންގެ ބައްދަލުވުމަށްފަހު، ރިޝާން ޔައިލްއަށް ކަމެއް ކުރީ ހެއްޔެވެ؟ ނޫނީ އެ ދެމެދުގައި ހަމަނުޖެހުމެއް ހިނގީ ހެއްޔެވެ؟ އެކަމަކު، އެފަދަ ކަމަކަށް މަގުފަހިވާން، ދެމީހުންގެ ދެމެދުގައި ދެކެވުނީ ކޮން ވާހަކައެއް ހެއްޔެވެ؟ "ރަސްމީ ކަމަކު ނޫން އިނގޭ މިއަދު މި އައީ.... ނުރަސްމީ ކަމަކު އައީ..." ރިޝާން ބޭނުންވީ އިޒީގެ ސަމާލުކަން އަތުލާށެވެ. "މިއަދު ފޮނުވި ފައިލު ނުލިބޭކަމަށް ހީކޮށް، އެހެން ފައިލެއް ހިފައިގެންނޭ މިއައީ..." ރިޝާން އިޝާރާތްކުރީ މޭޒުމަތީގައި އޮތް ފައިލަށެވެ. ފައިލުން ނަޒަރު ވަކިކޮށްލި އިޒީގެ މޫނުން ފެންނަން ހުރީ ނުތަނަވަސްކަމެވެ. "ގުޅާލާފަވެސް އަހާލެވޭނެއެއްނު..." ހިތްހަމަނުޖެހުނު ނަމަވެސް މަޑުމައިތިރި ރާގަކަށް އިޒީ ބުނެލިއެވެ. "އޭރުން ހީވެދާނެ ބްލެކްމެއިލް ކުރާ މީހެކޭ..." ރިޝާން ޖަހައިލީ ހިނިގަނޑެކެވެ. ކުއްލިއަކަށް ރިޝާން ދައްކަންފެށި ވާހަކައަކުން އިޒީ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. "އޯކޭ މިހާރު ފައިލު ލިބިއްޖެ..." އިޒީ ފައިލު ނެގިއެވެ. "ޔައިލްއާ ވާހަކަ ދައްކާއިރު ތިހާ ދުރުކޮށްލާފަ ވާހަކަ ނުދައްކަނީ ކީއްވެތަ؟..." ރިޝާންގެ ކެތްތެރިކަން ކޮޅުންލިއެވެ. "އެއީ ކާކުކަން ނޭނގޭތީތަ؟ ނޫނީ އޭނަ އޮޅުވާލައިގެން އުޅޭތީތަ؟..." "ކީކޭ ކިތަން ތިއުޅެނީ؟..." ހިތްހަމަނުޖެހުނުވަރުން އިޒީއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. "ބުނަން މިއުޅެނީ އޭނަ އުޅެނީ އިޒީއަށް އޮޅުވާލައިގެންނޭ... އޭނަގެ ޓްރޫ އައިޑެންޓިޓީ ސިއްރުކޮށްގެން... އެއީ ތި ހީކުރާހާ މާތް މީހެއް ނޫން... އެއީ ދޮގުހަދާ އޮޅުވާލާ މީހެއް..." ރިޝާނަށް ދެއްކުނީ އޭނާ ދައްކަން އައި ވާހަކަތަކެއް ނޫނެވެ. ހިތުގައި ޖެހުނުވަރުން، އަމިއްލަ ޖަޒުބާތުތަކުގެ މައްޗަށް ބާރުފޯރުވަން އުނދަގޫވީއެވެ. ******** އިޒީ އޭނާގެ ކެބިންގެ ދޮރު ހުޅުވައިލިއިރު، ޔައިލް ހުރީ ކުރިމަތީގައެވެ. އިޒީ އުއްމީދުކުރިގޮތަށް މޫނުގެ ދެތިން ތަނެއްގައި ޒަހަމުގެ ނިޝާން ފެންނަން ހުއްޓެވެ. ޔައިލްގެ މޫނުން ފެނުނު ހާސްކަން، އޭނާގެ ކުށަށް އިއުތިރާފުވަމުންދިޔަ ކަހަލައެވެ. ކުޑައިރުކޮޅަކު ޔައިލްގެ މޫނަށް ބަލަން ހުރެފައި، އިޒީ ގޮސް، ގޮނޑީގައި އިށީނެވެ. ޔައިލް ހުރީ ވާހަކަ ފަށަންވީ ކޮޅެއް ނޭނގިފައެވެ. އިޒީގެ މޫނުން ފެނުނު އަސަރުތަކަށް އިތުރު ތަފްސީލެއް ބޭނުމެއް ނުވެއެވެ. ޔައިލް ދެރަވީ އޭނާގެ ސަބަބުން، އިޒީއަށް އެފަދަ އުނދަގުލަކާއި ކުރިމަތިލާންޖެހޭތީއެވެ. "ސިޓް..." ގޮނޑިއަށް އިޝާރާތް ކުރަމުން އިޒީ ބުނެލިއެވެ. ބަސްއަހާ ކުއްޖަކު ފަދައިން ޔައިލް ގޮނޑީގައި އިށީނެވެ. "ފައިލުގަ އޮތް ފޮޓޯ..." އިޒީ އެދުނީ ރިޝާން ދިން ފައިލުގައިވާ ތަސްވީރު ދިނުމަށެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ޔައިލް އޭނާ ގެނައި ތަސްވީރުތައް އިޒީގެ ކުރިމަތީގައި ބޭއްވިއެވެ. އިޒީ އެ ތަސްވީރުގެ ވާހަކަ ދައްކާނެކަން އެނގޭތީ އޭނާ އިނީ މާ ކުރިން ތަސްވީރުތައް އަތަށް ލައިގެންނެވެ. އިޒީގެ ދަތްތަކަށް ބާރުވިއެވެ. ދެލޮލަށް ކަރުނަ ޖަމާވިއެވެ. އޭނާ އެންމެ އިތުބާރުކުރި މީހާވެސް އޮޅުވައިލީއެވެ. އެހެން މީހެއްގެ ދުލުން ހަގީގަތް އެނގުމަށްވުރެ، ޔައިލްގެ އިއުތިރާފުން، ހިތަށް ކުރި އަސަރު ބޮޑުވިއެވެ. "ސޮރީ...." ޔައިލް މަޑުމަޑުން ބުނެލިއެވެ. ތުރުތުރުލަމުންދިޔަ އަތަކުން އިޒީ އެ ތަސްވީރުތައް ނެގިއެވެ. ފުރަތަމަ ތަސްވީރުން ފެންނަނީ ސްކޫލް ގޭޓެކެވެ. ބޯ ވާރޭގެ ތެރޭގައި ނަގާފައިވާ އެ ތަސްވީރުގައި، ގޭޓުގެ ބޭރުން ފުލުހުން ޓޭޕު ދަމާފައި ހުއްޓެވެ. ތަސްވީރުގެ އެއް ކަނުގައި، ޔުނީފޯމުގައި ހުރި ކުއްޖަކު ހުއްޓެވެ. ވެހެމުންދިޔަ ވާރޭގައި އެ ކުއްޖާ ފެންނަން ހުރީ ފުސްކޮށެވެ. އިޒީގެ ނޭވާ ހުއްޓުނެވެ. "މީ...މީ...." އިޒީގެ ދެލޮލަށް ކަރުނަ ޖަމާވި ތަން ޔައިލްއަށް ފެނުނެވެ. އޭނާ އިނީ އިޒީގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާއިއެކު ބަލާށެވެ. "ކޯއްޗެއް ކަން އެނގޭތަ؟..." ޔައިލް އަހައިލިއެވެ. "ނޭނގެ..." ދުލުން އެ ޖުމުލަ ބޭރުވި އިރުވެސް ހެދުނީ ދޮގެއްކަން އިޒީއަށް އެނގެއެވެ. ޔައިލްގެ ކުރިމަތީގައި އެހެން ބުނެވުނީ ކީއްވެކަމެއް އިޒީއަކަށް ނޭނގުނެވެ. މާޒީގެ ހަނދާންތަކުން އިޒީގެ ސިކުނޑިއަށް އުނދަގޫ ކުރިއެވެ. ބޯ ވާރޭގެ ތެރެއިން އެފަހަރު އޭނާއަށް ފެނުނީ އައިޝާއެއް ނޫނެވެ. މަގުގެ އެއްފަރާތެއްގައި އިޒީއަށް ބަލަން ހުރި ފިރިހެން ކުއްޖާއެވެ. އިޒީގެ ބޮލަށް ވާންފެށި ތޫނު ތަދަށް ކެތްނުވެގެން އޭނާ ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. "އިޒީ..." ޔައިލް ތެދުވެ، އިޒީ އާއި ދިމާއަށް ގުދުވެލިއެވެ. "އައި އޭމް ފައިން..." އިޒީ އަތުގެ އިޝާރާތުން ޔައިލްގެ ކައިރީގައި މަޑުކުރުމަށް އެދުނެވެ. "ތީ އަބަދުވެސް ބުނާ ވާހަކައެއް... އެކަމަކު، އިޒީ އޯކޭ ނޫންކަން އެބަ އެނގޭ..." ޔައިލްގެ އަޑު މަޑެވެ. އެ އަޑުގައިވީ އޯގާތެރިކަމެވެ. އިޒީ އިސްއުފުލައިލިއިރު، ޔައިލް އޮތީ ކުރިއެކޭ އެއްގޮތަށް މޭޒުގައި އަތް ވިއްދާލައިގެން އޭނާއާ ދިމާއަށް ގުދުވެގެންނެވެ. ނުހަނު ގާތުގައެވެ. ޔައިލް އިޒީއަށް ބަލަމުން ދިޔައީ، އޭނާ އެސްފިޔަ ޖަހައިލިޔަސް، އިޒީ ގެއްލިދާނެތީ ބިރުން ބަލަން ހުރި ފަދައަކުންނެވެ. އެ މޫނުގައިވީ ކަންބޮޑުވުމެވެ. އިޒީއަށް ދެރަގޮތެއްވާން ނޭނދޭފަދަ ނަޒަރެކެވެ. އިޒީގެ ހިތުގެ ތެޅުން އިތުރުވިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހާލަތުގެ މަތިން ހަނދާންނެތުނެވެ. "އިޒީ މާ ބޮޑަށް ކަންކަމާ ވިސްނަނީއޭ.... ތިއަށް ކިޔަނީ އޯވާ ތިންކިންގް..." އިޒީއަށް ބަލަން އިރުކޮޅަކު ހުރެފައި، ޔައިލް ބުނެލިއެވެ. "ކިހިނެއްތަ އެހާ ފަސޭހައިން ޔައިލްއަށް އަހަރެން އެނގެނީ؟..." އަމިއްލަ ނަފުސު ނުހުއްޓުވެނީސް، އިޒީގެ ދުލުން އެ ޖުމުލަ ބޭރުވިއެވެ. "އެއީ، އަހަރެންވެސް މީ އިޒީ ކަހަލަ މީހެއްވީމަ..." ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު، ޔައިލް ބުނެލިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ