އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމާއެކު 16 ޕަސެންޓްގެެ ކުރިއެރުމެއް

އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމާއެކު އެ ގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ. އޮސްޓްރޭލިއާއަކީ ރާއްޖެއަށް މިހާރު ނުވަ ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު އޮސްޓްރޭލިއާގެ މާކެޓު މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ. އެގޮތުން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 20,878 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު ޒިޔާރާތްކުރި 17,957 ފަތުރުވެރިންނާ އަޅާ ބަލާއިރު 16 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މި ކުރިއެރުމާއެކު، މީގެ މަހެއް ކުރިން ލިސްޓުގެ 10 ވަނައިގައި އޮތް އޮސްޓްރޭލިއާ މިވަނީ ސްވިޒަލޭންޑް ފަހަތަށް ޖައްސާލުމަށްފަހު، ރާއްޖޭގެ ގަދަ 10 މާކެޓުގެ ނުވަ ވަނައަށް ޖެހިލާފައެވެ. ސީދާ ދަތުރުތައް ފެށިފަހުން އޮސްޓްރޭލިއާއިން ރާއްޖެއަށް އައި ފުރަތަމަ ފްލައިޓްގެ ފަތުރުވެރިންނަށް މޯލްޑިވިއަންއިން މަރުހަބާ ކިޔަނީ -- ފޮޓޯ/ މޯލްޑިވިއަން އޮސްޓްރޭލިއާ މާކެޓަށް އައި ކުރިއެރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ގައުމީ އެއާލައިން މޯލްޑިވިއަން އިން މިދިޔަ މަހު އެ ގައުމާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމެވެ. އޮސްޓްރޭލިއާގެ މެލްބަންއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފެށި މި ސީދާ ދަތުރުތަކުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް 11 ގަޑިއިރުގެ ދިގު ދަތުރުފަތުރުގެ ނިޒާމު މިވަނީ ފަތުރުވެރިންނަށް މާ ބޮޑަށް ވެސް ފަސޭހަވެފައެވެ. މޯލްޑިވިއަނުން މިހާރު ހަމަޖައްސާފައިވާ ޝެޑިއުލަކީ ހަފުތާއަކު އެއް ދަތުރު ކުރުމެވެ. އެގޮތުން ކޮންމެ އާދިއްތަ ދުވަހަކު ރާއްޖެއިން މެލްބަންއަށް ފްލައިޓް ދާއިރު، އެނބުރި ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން އަންނާނީ ކޮންމެ އަންގާރަ ދުވަހަކުއެވެ. މޯލްޑިވިއަންއިން ލަފާކުރި ގޮތުގައި އަހަރެއްގެ ތެރޭގައި އެކަނިވެސް އޮސްޓްރޭލިއާއިން އިތުރު 11,000 ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެއެވެ. އަދި މިއީ ރާއްޖޭގެ އިގްތިސޯދަށާއި ފަތުރުވެރިކަން ސިންދަފާތު ކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މޯލްޑިވިއަންއިން ވަނީ ސިފަކޮށްފައެވެ. https://sun.mv/222202 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އޮސްޓްރޭލިއާގެ މެލްބަންއާ ދެމެދު ފެށި ސީދާ ދަތުރުތަކުގެ ފުރަތަމަ ފްލައިޓް އޮސްޓްރޭލިއާއިން ރާއްޖެއަށް އައީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުގައެވެ. މިއީ ކުރިއަރަމުން އަންނަ މާކެޓުތަކަށް އަމާޒުކޮށްގެން ގައުމީ އެއާލައިންގެ މާކެޓް ޝެއާ ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވެސް މޯލްޑިވިއަންއިން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ