ޔާމީނަށް އޮފީސް ހިންގުމުގެ ހަރަދު ދިނުމާ މެދު ގޮތެއް ނިންމަން އޭޖީގެ ލަފާ ހޯދަނީ ޔާމީނަށް އޮފީސް ހިންގުމުގެ ހަރަދު ދިނުމާ މެދު ގޮތެއް ނިންމަން އޭޖީގެ ލަފާ ހޯދަނީ

ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިދޭ އިނާޔަތްތައް އެކީ އެއް ފަހަރާ ނަގައިދޭން އަބްދުﷲ ޔާމީން ހުށަހަޅާފައިވާ ގޮތަށް އެ ފައިސާ ދޫކުރާ މެދު އެޓާނީ ޖެނެރަލް (އޭޖީ) ގެ ގާނޫނީ ލަފާ ހޯދަން ފިނޭންސް މިނިސްޓްރީން ހުށަހަޅައިފި އެވެ.
ފިނޭންސުން މި ލަފާ ހޯދަން ހުށަހެޅީ، ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނު ބަދަލުކޮށް، އެ އިނާޔަތްތަކުގެ ތެރެއިން ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އޮފީސް ހިންގުމުގެ ހަރަދު އުނިކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ފިނޭންސުގެ ބަހެއް ހޯދަން އަދަދު އިން މަސައްކަތް ކުރި ނަމަވެސް، ހަބަރު ޝާއިއުކުރުމާ ހަމައަށް އެ މިނިސްޓްރީގެ ޖަވާބެއް ނުލިބެ އެވެ. ނަމަވެސް މި ލަފާ ހޯދަން އޭޖީ އޮފީހަށް ހުށަހަޅާފައިވާ ކަން މި ނޫހުން ވަނީ އިތުބާރު ހުރި މަސްދަރުތަކުން ކަަށަވަރުކޮށްފަ އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުން މި ގާނޫނު ބަދަލުކުރަން ހުށަހެޅީ ވެސް ޔާމީންގެ ހުށަހެޅުއްވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީސް ކޮންޓްރީލް ކުރާ ޕީއެންސީން ގާނޫނު ބަދަލުކުރިއިރު، އަންނަ އަހަރުގެ ބަޖެޓު ވެސް އޮތީ މި ހުރިހާ އިނާޔަތްތަކެއް ދޭ ގޮތަށް، އެކަމަށް ފައިސާ ބަޖެޓުކޮށްގެން ފާސްކޮށްފަ އެވެ.
ވެރިކަން ނިމުނު ހިސާބުން ފެށިގެން އޮފީސް ހިންގުމުގެ ހަރަދަށް ލިބެން ޖެހޭ 14.7 މިލިއަން ރުފިޔާ އެއްފަހަރާ ހޯދުމަށް އެދި ޔާމީން ވަނީ ޑިސެމްބަރު 10، ގައި ސިޓީއެއް ހުށަހަޅުއްވާފަ އެވެ. އެ ފައިސާ ނުނަންގަވާ ކަމަށް ވިދާޅުވެ ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަވެސް ދެއްކެވި އެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މީގެ ކުރިން އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު 175،000ރ. ދައުލަތުން ދެ އެވެ. އެ ފައިސާ ކަނޑާލަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި މިހާރު ދެނީ މަހަކު 50،000 ރުފިޔާ އެވެ. އޭގެ އިތުރުން، ރައީސްކަން ކޮށްފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް ސަލާމަތާއި ރައްކާތެރިކަން ދޭންޖެހެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމު ދެ ދައުރު ނުވަތަ އެއަށްވުރެ ގިނަ ދައުރު ފުރިހަމަކޮށްފައިވާ ނަމަ 75،000 ރުފިޔާ އިނާޔަތުގެ ގޮތުގައި ލިބޭނެ އެވެ. ދެ ދައުރު އަދާ ކުރައްވާފައިވާ ބޭފުޅަކަށް މިވަގުތު ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ