ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް: ހއ. ޗެމްޕިއަންކަން ދިއްދޫ އަށް، ޅ. އަތޮޅު ޗެމްޕިއަންކަން ކުރެންދޫ އަށް ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް: ހއ. ޗެމްޕިއަންކަން ދިއްދޫ އަށް، ޅ. އަތޮޅު ޗެމްޕިއަންކަން ކުރެންދޫ އަށް

މިހާރު ކުރިއަށްދާ އެފްއޭއެމްހެ އަތޮޅު ފުޓްބޯޅަ މުބާރާތް، ބީއެމްއެމް އެެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން، ދިއްދޫން ހޯދިއިރު، ޅ. އަތޮޅުގެ ޗެމްޕިއަންކަން ކުރެންދޫން ހޯދައިފި އެވެ.
މި ދެ އަތޮޅުން ވެސް ވާދަކުރީ، ކޮންމެ އަތޮޅަކުން ދެ ޓީމު ކަމަށްވާތީވެ، ކުޅެފައިވަނީ އެގްރިގޭޓަށް ބަލާގޮތަށް ދެ ލެގެވެ. އެ ގޮތުން، ހއ، އަތޮޅުގެ ޗެމްޕިއަންކަން، ދިއްދޫން ހޯދީ އެގްރިގޭޓަށް ބަލާއިރު، އިހަވަންދޫ އަތުން 9-1 އިން ކުރިހޯދައިގެންނެވެ.
އެ ގޮތުން، އިހަވަންދޫ ދަނޑުގައި ކުޅުނު ފުރަތަަމަ ލެގުން ދިއްދޫ މޮޅުވީ 3-1 އިންނެވެ. މި މެޗުގައި ދިއްދޫގެ ލަނޑުތައް ޖެހީ، މުހައްމަދު ނައުޝާދު ދެ ގޯލުގެ އިތުރުން، ހުސެއިން ޒިމްޔާން އެވެ. އަދި، އިހަވަންދޫގެ ހަމައެކަނި ލަނޑު ޖެހީ، އިބްރާހިމް މާޖިދު އެވެ. ދިއްދޫ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން އެ ޓީމު މޮޅުވީ، 6-0 އިންނެވެ. ލަނޑުތައް ޖެހީ، ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ތައުމީން ނޫހު ހަތަރު ގޯލުގެ އިތުރުން ނައުޝާދު އާއި ޒިމްޔާން އެވެ.
ޅ. އަތޮޅުގެ ޗެމްޕިއަންކަން، ކުރެންދޫން ހޯދީ ނައިފަރު އަތުން އެގްރިގޭޓަށް ބަލާއިރު، 6-3 އިން ކުރިހޯދައިގެންނެވެ. ނައިފަރު ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ކުރެންދޫ މޮޅުވީ 3-1 އިންނެވެ. ކުރެންދޫގެ ލަނޑުތައް ޖެހީ، މުހައްމަދު ރިޔާހު އަލީ އާއި އިޔާޒް އިލްޔާސްގެ އިތުރުން ނައިފަރުގެ މުހައްމަދު އަޒުހާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި، ނައިފަރުގެ ލަނޑު ޖެހީ، އަބްދުﷲ ރަމީޒް އެވެ.
ދެ ވަނަ ލެގުގައި ކުރެންދޫ ދަނޑުގައި އެ ޓީމުން 3-2 އިން ނައިފަރު ބަލިކުރި އެވެ. މި މެޗުގައި ކުރެންދޫގެ ލަނޑުތައް ޖެހީ، އިޔާޒް، ސާލިމް އަބްދުﷲ އަދި އައިމަން އިލްޔާސް އެވެ. ނައިފަރުން މި މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހިއިރު، އެ ލަނޑުތައް ކާމިޔާބުކުރީ، އިމްރާން މުހައްމަދު އާއި މުހައްމަދު ނަދީމް އެވެ.
ނޯތު ރީޖަންގެ ލީގު ކޮލިފައިން އިން މިހާތަަނަށް ޖާގަ ހޯދާފައިވަނީ، ހދ. ގެ ޗެމްޕިއަން، ކުޅުދުއްފުށްޓާއި ރަނަރަޕް، ހަނިމާދޫ އާއި، ނ. ގެ ޗެމްޕިއަން، މަނަދޫ އާއި ރަނަރަޕް، ކެނދިކުޅުދޫގެ އިތުރުން، ހއ. ގެ ޗެމްޕިއަން، ދިއްދޫ އާއި ރަނަރަޕް، އިހަވަންދޫ އަދި ޅ. އަތޮޅުގެ ޗެމްޕިއަން، ކުރެންދޫ އާއި ރަނަރަޕް، ނައިފަރު އެވެ.
އެފްއޭއެމުން އިއުލާނުކޮށްފައިވާ މި ސީޒަނުގެ ކަލަންޑަރުގައިވާ ގޮތުން، ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަން ކަނޑައެޅުމާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން، އަންނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ނިމުމުގެ ކުރިން، ކަނޑައެޅިގެންދާނެ އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.
މި ސީޒަނުން ފެށިގެން، ދިހަ ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއާ ލީގު، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ލީގަށް ކޮލިފައިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ