ޒަކާތުގެ ފުރަތަމަ ޤާނޫނު ރައީސް ތަސްދީޤުކުރައްވައިފި

ޒަމާނީ ހަމަތަކާއި އޮނިގަނޑަކާއެކު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް އެކުލަވާލި ޒަކާތުގެ ފުރަތަމަ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފިއެވެ.
މި ބިލު މަޖިލީހުން ފާސްކުރައްވާފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 28 ވަނަ ޖަލްސާގައެވެ.   
މިއީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤްޞަދުތައް ޙާޞިލުކުރެވޭނެ
ގޮތެއްގެމަތިން ޒަކާތުގެ ކަންކަމާގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ ގޮތުން
ތަޢާރަފްކޮށްފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން
ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައަޅާ، ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި
ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ
ގޮތެއްގެމަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ
ބޭނުންކުރުމާގުޅޭ ޢާންމު އުސޫލުތައް ވެސް ކަނޑައަަޅާފައިވެއެވެ.
އަދި ޒަކާތާގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތައް
ކަނޑައަޅާ، ފިޠުރު ޒަކާތާއި މުދަލު ޒަކާތް ދެއްކުން ލާޒިމުވުމުގެ ޝަރުތުތައް އެ މީހެއްގެ
ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު، ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ
ޤަވާއިދުތަކުގައި ބަޔާންކުރާ ގޮތުގެމަތިން ޒަކާތް ދައްކަންވާނެ ކަމަށާއި، ޒަކާތުގެ ނިސާބު ކަނޑައަޅަންޖެހޭ ގޮތްތަކާއި ޒަކާތް ދައްކާ މީހާގެ ކިބައިގައި
ހުންނަންޖެހޭ ޝަރުތުތަކާއި ޒަކާތް ލިބޭ މީހުންނަކީ ކޮބައިކަމާއި، ޒަކާތު ފަންޑު އުފައްދައި ފަންޑު ހިންގުމުގެ އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ. 
މި ގާނޫނުގައި ވާގޮތުން ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާނީ މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީންނެވެ. އަދި ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ
މުދަލާއި ފައިސާ ބެހުން ހިމެނޭގޮތުން ޒަކާތާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ،
ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. 
ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ރާއްޖޭގެ
ޒަކާތުގެ ނިޒާމު ހިންގައި، ބެލެހެއްޓުމަށްޓަކައި ވަޒީރަށާއި ޒަކާތު ހައުސްއަށް
ލަފާދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި ޒަކާތު ކައުންސިލްގެ
ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންޖެހޭނެ ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ކައުންސިލު އެކުލަވާލެވިގެންދާނީ ވަޒީރާއި މޯލްޑިވްސް ޒަކާތު ހައުސްގެ
ޑިރެކްޓަރ ޖެނެރަލްއާއި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ 2 މެންބަރުން ހިމެނޭގޮތަށް، ޖުމްލަ 9
މެންބަރުންގެ މައްޗަށެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި، ހިންގުމާގުޅޭ ކަންކަމުގައި
ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި، އިރުޝާދު ދިނުމަށްޓަކައި
ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް ވަޒީރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ
އެކުލަވާލަންވާނެކަމަށް ވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. 
ޑިރެކްޓަރ ޖެނެރަލް ނުވަތަ ޒަކާތު ހައުސްގެ އެއްވެސް މުވައްޒަފަކު، ޒަކާތް
ނެގުމާއި، ބެހުމާއި، ޒަކާތުގެ ފައިސާއިން އިންވެސްޓްކުރުމުގެ އެއްވެސް ކަމެއްގައި،
މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ
ޚިލާފަށް ޒަކާތް
ދެއްކުން ލާޒިމުނުވާ ފަރާތެއްގެ އަތުން ޒަކާތް ނެގުން ނުވަތަ، ޒަކާތް ދެއްކުން ލާޒިމުނުވާ މުދަލަކުން ޒަކާތް
ނެގުން ނުވަތަ، ޒަކާތުގެ ބެހެނިވެރިއެއްކަމަށް ނުވާ
ފަރާތަކަށް އަދި/ނުވަތަ ޒަކާތުގެ ބޭނުމަކަށް ނުވާ ބޭނުމަކަށް ޒަކާތުގެ ފައިސާ
ދޫކުރުން، ނުވަތަ، މި ޤާނޫނުން ހުއްދަކޮށްފައިވާ ބޭނުންތަކަށް
ފިޔަވައި، އެނޫން އެއްވެސް ބޭނުމަކަށް ޒަކާތުގެ ފައިސާ ބޭނުންކުރުން ނުވަތަ އެ
ފައިސާއިން އިންވެސްޓްކުރުމަކީ މި ގާނޫނުގެ ދަށުން ކުށެކެވެ. މި ކުށުގެ
އަދަބަކީ، އެ ކުށް ކުރި ފަރާތެއް 1,000/- (އެއްހާސް) ރުފިޔާއާއި 100,000/- (އެއްލައްކަ) ރުފިޔާއާ ދެމެދުގެ
ޢަދަދަކުން ޖޫރިމަނާކުރުން ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. 
މި ބިލަށް ޢަމަލުކުރަން ފަށާނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ