ނޫސްވެރިއެއްގެ މައްޗަށް ޔާމީން ކުރައްވާ އަބުރުގެ ދައުވާ ކުރިއަށް ގެންގޮސްފި

އަބުރަށް ހުތުރުވާ ފަދަ ލިޔުމެއް ލިޔުނު ކަމަށް ބުނެ ހާމަ ނޫހުގެ ނޫސްވެރިއެއް ކަމަށްވާ އިބްރާހިމް ވަހީދު (އަސްވާޑު)ގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރައްވާ އަބުރުގެ ދައުވާގެ ޝަރީއަތް މަދަނީ ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.
އެ ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ޔާމީންގެ ފަރާތުން ދައުވާ ހުށަހަޅުއްވަމުން އޭނާގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ޖޫން ،4 2009 ގައި ހާމަ ނޫހުގެ އަދަދުގައި ޔާމީނާ ބެހޭ ގޮތުން ލިޔެފައިވާ ދޮގު ލިޔުމުގެ ސަބަބުން ޔާމީންގެ އިއްޒަތާއި ކަރާމާތަށް އުނިކަން ލިބިފައިވާ ކަމަށެވެ. އެ ލިޔުމުގައި އެޗްއެސްބީސީގައި ޔާމީންގެ އެކައުންޓުގެ ސްޓޭޓްމަންޓެއް އޮތް ކަމަށާއި އެ އެކައުންޓުގައި 45.9 މިލިއަން ސިންގަޕޫރު ޑޮލަރު އޮތް ކަމަށް ލިޔެފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. ނަމަވެސް އެއީ ދޮގެއް ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ޔާމީނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށާއި އޭނާއަކީ ސިޔާސީ ޕާޓީއެއްގެ ވެރިއެއް ކަމަށެވެ. އެ މަގާމުތަކަށް ރައްޔިތުން ޔާމީން ހޮވީ އިތުބާރު ކުރާތީ ކަމަށާއި ނަމަވެސް ވަހީދުގެ އާޓިކަލްގެ ސަބަބުން މިހާރު ބައެއް ރައްޔިތުންގެ ހިތުގައި ޔާމީނާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
އަބުރާ ބެހުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 15 ވަނަ މާއްދާގެ ހ. ގެ ދަށުންނާއި ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ދަށުން ޔާމީން އެދިވަޑައިގަންނަވާ ބަދަލު ނަގައިދެވޭނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
ޝަރީއަތުގައި ވަހީދު ބުނީ އެ ދައުވާ އަށް އިންކާރު ކުރާ ކަމަށާއި ދުވަހަކު ވެސް އެއްވެސް މީހެއްގެ އަބުރަށް އަރައިގެންފައި ނޯންނާނެ ކަމަށެވެ. އަދި މައްސަލައިގެ ބާވަތުން އިތުރަށް ކުރިއަށް ގެންދަން ބޭނުންވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރުމަށްފަހު ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ޝަރީއަތުގެ މަޖިލީހުގައި ނަގައިދެއްވުމަށް އެދިވަޑައިގަންނަވާ ބަދަލުގެ އަދަދު ވިދާޅުނުވި ނަމަވެސް ޔާމީން ކުރައްވާ ދައުވާ ފޯމުގައި ނަންގަވައިދެއްވުމަށް އެދިވަޑައިގެންފައި ވަނީ 24،345،305ރ. ނަގައިދެއްވުމަށެވެ.
ބަދަލު ނަންގަވައިދެއްވުމަށް އެދިވަޑައިގެންފައިވާއިރު އެ ދައުވާގައި، ލިބިފައިވާ މާއްދީ ގެއްލުމުގެ ބަޔަކާއި މައުނަވީ ގެއްލުމުގެ ބަޔެއް ހިމަނާފައި ވެ އެވެ. ވަހީދުގެ ލިޔުން ޝާއިއު ކުރުމުން އެކަމާ ގުޅިގެން ކުރަންޖެހުނު މަސައްކަތަށްވާ ފައިސާ އާއި ވަކީލަކު އައްޔަން ކުރުމަށް ހަރަދުވި ފައިސާ އާއި ނަފްސު ރައްކާތެރި ކުރުމަށް ކުރަންޖެހުނު މަސައްކަތާއި އާއިލާ ރައްކާތެރި ކުރުމަށް ކުރަންޖެހުނު މަސައްކަތް ވެސް އެ މާއްދީ ގެއްލުމުގެ ބައިގައި ހިމަނާފައިވެ އެވެ. އެ ބައިގައި ހޯދުމަށް އެދިފައި ވަނީ 21،775،305ރ. އެވެ.
މައުނަވީ ގެއްލުމުގެ ބައިގައި ހިމަނާފައި ވަނީ ނަފްސަށް ލިބިފައިވާ ގެއްލުމާއި ނަމަށް ލިބިފައިވާ ގެއްލުމާއި ސިޔާސީ ފުރުސަތުތަކަށް ލިބިފައިވާ ގެއްލުމެވެ. އެ ބައިގައި ހޯދުމަށް އެދިފައި ވަނީ ޖުމްލަ 2،570،000ރ. އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ