ރިޔާސީ ކޮމިޝަނަށް ޔާމީން ހާޒިރުވެ ވަޑައިނުގެންނެވި މައްސަލަ ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދެފި

ރައްޔިތުންގެ މަޖިލީހުގެ މ. މުލަކު މެމްބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން، ރިޔާސީ ކޮމިޝަނަށް ހާޒިރުވެ ވަޑައިނުގެންނެވި މައްސަލަ ބަލައިދިނުމަށް ފުލުހުންގެ ކިބައިން ރިޔާސީ ކޮމިޝަނުން އެދެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރިޔާސީ ކޮމިޝަނަށް ހާޒިރުވެ ވަޑައިގަތުމަށް ޔާމީނަށް އެންގުމުން ވެސް އޭނާ ހާޒިރުވެ ވަޑައިނުގެންނެވުމުން އެ މައްސަލަ ބަލައިދިނުމަށް ރިޔާސީ ކޮމިޝަނުން އެދިފައިވާތީ ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށް ރޭ ޗިޓް ހަވާލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އެ ޗިޓް ޔާމީނަށް ރައްދުކުރެވޭ ގޮތް މިހާތަނަށް ވެފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލައިގައި ރޭ 30: 11 ހާއިރު ކުއްލި ގޮތަކަށް މީޑިއާއާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ ރޭ އިރާކޮޅު އޭނާ އެއާޕޯޓަށް ވަޑައިގަންނަވަން އުޅެނިކޮށް ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށް އެދި ޗިޓް ހަވާލުކުރުމަށް ފުލުހުން އޭނާގެ ގެއަށް ދިޔަ ކަމަށެވެ. އަދި ފުލުހުންނާ ވާހަކަ ދެއްކީ ގޭގައި ގެންގުޅޭ ބަންގްލަދޭޝް މީހަކު ކަމަށާއި ފަހުން ޗިޓް ހިފައިގެން އައުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެން ނަމަވެސް އޭގެ ފަހުން ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރެއްވުމަށްޓަކައި ކޯޓު އަމުރެއް ނެރެން އުޅޭ ކަމުގެ އަޑުތައް އިވިވަޑައިގެންނެވި ކަމަށް ޔާމީން ވިދާޅުވި އެވެ.
ޑީއާރުޕީ އޮފީހުގައި ބޭއްވި އެ ނިއުސް ކޮންފަރެންސްގައި ޔާމީން ވިދާޅުވީ އެ މައްސަލައިގައި ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ އިސްމާއީލް އަތީފުއާ ވާހަކަ ދެއްކެވި ކަމަށާއި ފުލުސް އޮފީހަށް ހާޒިރު ކުރަން ބޭނުންވަނީ ފުލުހުން ބަލާ މައްސަލައެއްގައި ނޫން ކަމަށް އަތީފު ވިދާޅުވި ކަމަށެވެ.
"އަޅުގަނޑު ދެންނެވިން އަޅުގަނޑު ހައިރާންވަމޭ ރިޔާސީ ކޮމިޝަނަށް ހާޒިރު ނުވެގެން އެކަމާ ފުލުހުން އުޅުއްވަން ޖެހޭތީ. ފުލުހުން ބައްލަވަން ބޭނުންވާ މައްސަލައެއް އޮތީތޯ؟ ފުލުހުން ބައްލަވަން ބޭނުންވާ މައްސަލައެއް ނެތް ކަމަށް ]އަތީފު[ ވިދާޅުވީ. އެގޮތަށް އަޅުގަނޑު ކައިރީ ވިދާޅުވި. އެހެން ނަމަވެސް ސަރުކާރުގެ މުއައްސަސާއަކުން އަންނަން އެންގީމަ ނައީމަ ތިމަންނަމެން ބަންޑާރަ ނާއިބުގެ ލަފާ ވެސް ހޯދައިފީމޭ. ބަންޑާރަ ނާއިބުގެ ލަފާ ހޯދީމަ ވިދާޅުވިއޭ ހާޒިރު ކުރެވޭނެ އޭ،" ކުރީގެ ރައީސް މައުމޫނުގެ ކޮއްކޯފުޅު ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ހުންނެވި ބަންޑާރަ ނާއިބު ހުސްނުއް ސުއޫދު ދެއްވާނީ ޕްރޮފެޝަނަލް ލަފާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ވަރަށް ސިޔާސީ ބޭފުޅެއް ކަމަށެވެ. އެހެންވެ އޭނާ ދެއްވާނީ ސިޔާސީ ލަފާ ކަމަށް ގަބޫލުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެ ވާހަކަ ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި އަތީފަށް ދެންނެވި ކަމަށް ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގައި އުޅުއްވިއިރު ހިނގި ކަމަކާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރައްވާ ނަމަ ހާޒިރުކުރައްވަންޖެހޭ ސަބަބު އެންމެ ކުޑަމިނުން އެނގިވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ.
"ސަރުކާރުގައި އުޅުނުއިރު އަޅުގަނޑުގެ މައްސަލައެއް ބަލާ ކަމަށް ވަންޏާ އަޅުގަނޑަކީ އެކި ހައިސިއްޔަތުން ތަފާތު ތަންތަން ބެލެހެއްޓި މީހެއް. ޓްރޭޑްގައި އަޅުގަނޑު ވަޒީރަކަށް ހުރިން. ހަޔާ އެޑިއުކޭޝަންގައި އަޅުގަނޑު ވަޒީރަކަށް ހުރިން. އޭގެ އިތުރުން އަޅުގަނޑަކީ ޗެއާމަނެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ކުންފުނިތައް ބެލެހެއްޓި މީހެއް،" ޔާމީން ވިދާޅުވި އެވެ. އަޅުގަނޑު ]ރިޔާސީ ކޮމިޝަނަށް[ މި ގެންދަނީ ކީއްކުރަންކަން އަޅުގަނޑަށް އެނގެން ޖެހޭ. ސަބަބަކީ ކުންފުންޏަކާ ބެހޭ މައުލޫމާތެއް ހޯދާ ކަމަށް ވަންޏާ އަޅުގަނޑުގެ ވިސްނުމަކީ ކުންފުނިތަކާ ބެހޭ ގާނޫނާ އެއްޗެހި ރަނގަޅަށް ބައްލަވާފައި، އިންޓަނޭޝަނަލް ބިޒްނަސް ބެސްޓް ޕްރެކްޓިސް ބައްލަވައިފި ކަމަށް ވަންޏާ އެނގިވަޑައިގަންނަވަންޖެހޭނެ ކުންފުންޏެއްގެ ޗެއާމަނެއް ގެންދަން ޖެހޭނީ ކުންފުނިން ހޯދަންޖެހޭ ހުރިހާ މައުލޫމާތެއް ހޯދާފައި. ބޯޑުން ހޯދަންޖެހޭ މައުލޫމާތެއް ހޯދާފައި، ކުންފުނީގެ މެނެޖިން ޑިރެކްޓަރާ ވެސް ވާހަކަ ދައްކާފައި. ދެން އެ މީހުންގެ ފަރާތުން އެނގެންވާނެ މިކަން ނިންމާފައި މި އޮތީ ޔާމީނޭ. ތިމަންނަމެންނަށް އިތުރު ތަފުސީލެއް ނުދެވޭނެ އޭ. އެ ހިސާބަށް ދިޔައީމަ ނޫނިއްޔާ އަޅުގަނޑު ގެންދެވިގެން ނުވާނެ ކުންފުންޏަކާ ބެހޭ މައުލޫމާތެއް ސާފުކުރާކަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރިޔާސީ ކޮމިޝަނަކަށް ބަޔަކު ހާޒިރުކުރުމަށް މަޖުބޫރު ކުރުވިދާނެ އެއްވެސް ގާނޫނެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓް އޮފީސް ފަދަ ތަންތަން ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވަނީ ބޭނުމަކު ކަމަށާއި އެ މުއައްސަސާތަކަށް ހާޒިރުވާން އެންމެންނަށް މަޖުބޫރު ކަމަށެވެ.
"އެ ނޫން ކަމެއް ކުރާކަށް ރިޔާސީ ކޮމިޝަނެއް އުފެއްދިޔަސް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެއްވެސް ގާނޫނީ ވަކީލަކު އަޅުގަނޑު ކައިރީގައި ނުބުނޭ ރިޔާސީ ކޮމިޝަނުން އަންގައިގެން އެތަނަށް ދާން ލާޒިމްކުރާ ގާނޫނެއް އޮތް ކަމަކަށް. އަޅުގަނޑުގެ ގާނޫނީ ވަކީލު އެގޮތަށް އެޑްވައިޒް އެއް ނުކުރޭ. އަޅުގަނޑު ވެސް ގަބޫލުކުރާ އުސޫލެއް ނޫން އެއީ. އޭގެ ހިމާޔަތް ރައްޔިތުންނަށް ލިބެންވާނެ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ ކޮމިޝަނަށް ހާޒިރުވެވަޑައިނުގަތް މައްސަލައިގައި ކޯޓަށް ދިއުމުން އެކަމަށް ޖަވާބުދާރީވާނެ ކަމަށާއި ފުލުސް އޮފީހަށް ގެންދަވަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ޔާމީން އަދި ވިދާޅުވީ ފުލުސް އޮފީހުގެ ފަރާތުން އަތީފާ ވާހަކަ ދެއްކެވުމުން ފުލުހުން ވެސް އިހުތިރާމާއެކު މި މައްސަލައިގައި އަމަލުކުރުމަށް ތައްޔާރަށް ތިބިކަން އެނގިވަޑައިގެންނެވި ކަމަށާއި މިއަދުގެ ވަގުތެއްގައި ގުޅުއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
ފުލުސް އޮފީހަށް ޔާމީން ހާޒިރުކުރެއްވުމަށް ރޭ އިރާކޮޅު ފުލުހުން ޗިޓް ފޮނުވިއިރު އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު ވަނީ، ޔާމީނާއި ކުރީގެ ސަރުކާރުގެ ވެރިން ހައްޔަރުކުރުމަށް ގޮވާލައި ރޭ ގެ ވަގުތެއްގައި މާލޭގެ ބައެއް މަގުތަކުގައި ލޮރީ ބުރެއް ބާއްވައިފަ އެވެ. އެގޮތުން އަޑުގަދަކުރާއިން އެ މީހުން ގޮވަމުން ދިޔައީ ޔާމީނުގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދު އަދި ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ހައްޔަރު ކުރުމަށެވެ. އަދި އެ ބޭފުޅުންނަށް ނިސްބަތް ކުރައްވައި އެއީ "ވަގުން" ކަމަށް ވެސް ގޮވަމުން ގެންދިޔަ އެވެ.
ރޭގެ ނިއުސް ކޮންފަރެންސްގައި ޔާމީން ވިދާޅުވީ ރިޔާސީ ކޮމިޝަނަށް އޭނާ ހާޒިރު ކުރައްވަން އުޅޭ ވަގުތަކީ މިދިޔަ ހުކުރު ދުވަހު ޑީއާރުޕީގެ ކެންޑިޑޭޓް މުހައްމަދު ޣައްސާން މައުމޫނާއި އޭނާގެ ޓީމަށް ނޭރުނު މައްސަލައިގައި ހޯމް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގައި ޒިންމާދާރު ކުރުވުމަށް މަސައްކަތް ކުރާ ވަގުތެއްކަން ފާހަގަ ކުރައްވައިފަ އެވެ. އެހެންވެ މި ކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަން ޔާމީން ފާހަގަ ކުރެއްވި އެވެ.
މިއަދު މެންދުރު ފަހު ރިޔާސީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔާމީން ހާޒިރުކުރަން އެ ކޮމިޝަނުން ބޭނުންވީ އެސްޓީއޯގެ އޮޑިޓް ރިޕޯޓާ ބެހޭ ގޮތުން މައުލޫމާތެއް ސާފުކުރުމަށް ކަމަށެވެ. ޔާމީނަކީ އެސްޓީއޯގެ ޗެއާމަންކަން ކުރެއްވި ބޭފުޅެކެވެ.
ނޫސް ބަޔާނުގައިވާ ގޮތުން، ޔާމީން އެ ކޮމިޝަނަށް ހާޒިރު ކުރެއްވުމަށް ޓަކައި ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންތައްތައް އެ ކޮމިޝަނުން ކުރަމުން ގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ