ބަޖެޓް ޖަލްސާ: މުއްދަތު އިތުރުކުރާއިރު، ރިސޯޓުތަކުގެ ކުލި ބޮޑުކުރަން ޖެހޭނެ: މެމްބަރުން

ރިސޯޓްތައް ކުއްޔަށް ދޫކުރާ މުއްދަތު 50 އަހަރަށް އިތުރުކުރާއިރު، ދަށް ކުލިތަކުގައި ދޫކޮށްފައިވާ ރިސޯޓްތަކުގެ ކުލި މާކެޓްގެ މިހާރުގެ އަގާ އެއް މިންވަރަކަށް ބޮޑުކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އަހްމަދު ސަމީރު ވިދާޅުވީ ރިސޯޓްތައް ކުއްޔަށް ދޫކުރާ މުއްދަތު އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާއިރު، މުއްދަތު އިތުރުކުރާ ރަށްތައް ސަރުކާރުން ހާމަ ވެސް ކުރަން ޖެހޭނެ ކަމަށެވެ.
"އަލުން ރަށްތައް ދޫކުރަން ޖެހޭނީ މިހާރުގެ މާކެޓްގެ އަގާ އެއްގޮތަށް،" ސަމީރު ވިދާޅުވި އެވެ.
ހދ. މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވީ ރިސޯޓްތަކުގެ މުއްދަތު އިތުރުކުރަން ނިންމަންވާނީ އެކަމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް ބެލުމަށް ފަހު ކަމަށެވެ.
"މިފަދަ ބޮޑު ކަމެއް ކުއްލިއަކަށް ނިންމުން ބުއްދިވެރިއެއް ނޫން. އަދި ރިސޯޓްތަކުގެ މުއްދަތު އިތުރުކުރާއިރު، ކުޑަ ކުއްޔެއްގައި ދޫކޮށްފައިވާ ރިސޯޓްތަކުގެ ކުލި އެހެން ރިސޯޓްތަކުގެ ކުއްޔާ އެއް ހަމައަކަށް ގެނައުން މުހިންމު. އޭރުން ބަޖެޓަށް ގިނަ އަދަދެއްގެ ފައިސާ ވަދެގެންދާނެ،" އަހްމަދު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އިބްރާހީމް ހަމީދު ވިދާޅުވީ ރިސޯޓްތަކުގެ މުއްދަތު އިތުރު ކުރާއިރު، ރިސޯޓްތައް ހިންގާ ފަރާތްތަކަށް ފައިދާވާ ފަދައިން ދައުލަތަށް ވެސް އެކަމުގެ ފައިދާ ވާން ޖެހޭނެ ކަމަށެވެ. އެ ގޮތުން ކުލި ބޮޑުކުރުމުގެ އިތުރުން، ބެޑް ޓެކްސް އާއި ރިސޯޓްތަކުގެ އެހެނިހެން ހިދުމަތްތަކުން ވެސް ޓެކްސް ނެގުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޖެޓްގެ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ، ބަޖެޓް އެކުލަވާލާފައި ވަނީ އުއްމީދީ ބަޖެޓެއްގެ ގޮތުގައި ނޫން ކަމަށެވެ. ބައެއް މެމްބަރުން ވިދާޅުވީ ތިން މަސް ދުވަހުގެ ތެރޭގައި އިތުރު ބަޖެޓެއް ހުށަހެޅުމަށް އާ ސަރުކާރަށް ފުރުސަތު ދޭން ޖެހޭނެ ކަމަށާއި އެ ބަޖެޓް ހުށަހަޅާއިރު މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ހިމެނޭ ވަރަށް ގިނަ ކަންކަން ރަނގަޅު ވެސް ކުރަން ޖެހޭނެ ކަމަށެވެ.
"މިހާރު ހުށަހަޅާފައި މިވާ ބަޖެޓުގައި ރިކަރަންޓް ހަރަދު މާ ބޮޑު. ސަރުކާރު މުވައްޒަފުންގެ މުސާރަ އަށް ކަނޑައަޅާފައިވާ މިންވަރު ވަރަށް ބޮޑު،" މ. މެމްބަރު އަހްމަދު ހަމްޒާ ވިދާޅުވި އެވެ.
ހަމްޒާ އިތުރަށް ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން ޖެހޭނީ އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯ ތަންފީޒު ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި ސަޕްލިމަންޓްރީ ބަޖެޓް ހުށަހަޅާއިރު ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށާއި ގައުމީ ތަރައްގީގެ ކަންކަން އިތުރަށް ތަރައްގީކުރެވޭނެ ގޮތްތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނ. މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވީ ސިއްހީ ދާއިރާ އަށް އާ އެއްވެސް ކަމެއް އާ ސަރުކާރުން ތައާރަފު ކުރުމަށް ހުށަހަޅާފައި ނުވާ ކަމަށާއި އަންނަ އަހަރު 1،000 ޓީޗަރުން ގެންނަން ވައުދުވެފައިވާއިރު، އެކަމަށް ހިނގާނެ ހަރަދު ބަޖެޓުގައި ފެންނަން ނެތް ކަމަށެވެ. އަދި ބައެއް އެމްބަސީތައް ބަންދުކުރުމަށް ސަރުކާރުން ބުނެފައިވާއިރު، ބަޖެޓުގައި ހުރިހާ އެމްބަސީތަކުގެ ހަރަދުތައް ހިމެނިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ސަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހަރަދުތައް ބަޖެޓުން ފެންނަން ނެތުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
ކ. އަތޮޅު މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ މިހާރުގެ ސަރުކާރުގެ ބަޖެޓެއް ނޫން ކަމަށާއި އެ ބަޖެޓް ތައްޔާރުކޮށްފައި އޮތީ ކުރީގެ ސަރުކާރުން ކަމަށެވެ. އަދި ބަޖެޓުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަ ހުރިކަން މާރިޔާ ވެސް ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ