ރާއްޖެ އިން ހައްޖަށް ދާ ބައެއް މީހުން މިއަދު ފުރައިފި

އަބްދުﷲ ޖަމީލު އަދި އަހުމަދު ސައީދު
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ ބައެއް މީހުން މިއަދު މެންދުރު މާލެ އިން ފުރައިފި އެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އެއާލައިނުން މިއަދު ފުރީ އަލްމަނާސިކުގެ ހަވާލުގައި 92 މީހުންނާއި ޒައީމާ ޖަމާއަތުގެ ހަވާލުގައި 69 މީހުން އަދި ސިސިލްފަރު ޖަމާއަތުގެ ހަވާލުގައި 17 މީހުންނެވެ.
އަލްމަނާސިކް ގުރޫޕުން ވާހަކަ ދެއްކެވި އަލީ ޝަރީފު ވިދާޅުވީ އެ ޖަމާއަތުގެ ހަވާލުގައި މި އަހަރު މުޅިއެކު 100 މީހުން ގޮސްފައިވާ ކަމަށެވެ. އަދި މިއަދު ފުރި މީހުން ދަތުރުކުރާ ބޯޓު މާލޭ ގަޑިން މިރޭ 30: 7 ހާއިރު ޖައްސާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެންގެ ހައްޖަށް މީހުންގެ ގެންދާ ފުރަތަމަ ފަހަރު. މީގެ ކުރިން އަޅުގަނޑުމެން އުމްރާ އަށް މީހުން ގެންގޮސްދެނީ،" އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ އެ ޖަމާއަތުގެ ހަވާލުގައި ދިޔަ މީހުން އެނބުރި މާލެ އަންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.
މި އަހަރު 350 މީހުން ހައްޖަށް ގެންދާ ޒައީމާ ޖަމާއަތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އެ ޖަމާއަތުގެ ހަވާލުގައި މިއަދު 69 މީހުން ފުރާނެ ކަމަށެވެ. އަދި ބާކީ ތިބި މީހުން ފުރާނީ އަންނަ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ. އަދި އެ ޖަމާއަތުގެ ހަވާލުގައި ދާ މީހުންގެ ފުރަތަމަ ގްރޫޕް އަންނާނީ އަންނަ މަހުގެ ނުވަ ދުވަހު އެވެ. އަދި ދެވަނަ ގްރޫޕް އަންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.
މި އަހަރު 290 މީހުން ގެންދާ ސިސިލްފަރު ޖަމާއަތުން ވާހަކަދެއްކި ބޭފުޅަކު ވިދާޅުވީ އެ ގްރޫޕްގެ ހަވާލުގައި ދާ މީހުންގެ ތެރެއިން ބަކީ ތިބި މީހުން އަންނަ ހޮނިހިރު ދުވަހު ފުރާނެ ކަމަށެވެ.
މި އަހަރު 356 މީހުން ހައްޖަށް ގެންދާ އަތަމާ ޖަމާއަތުގެ ވެރިޔާ އަބްދުއްލަތީފު ހުސެއިން މަނިކު މިއަދު ވިދާޅުވީ އެ ގްރޫޕްގެ ހަވާލުގައި ހައްޖަށްދާ ހުރިހާ މީހުންގެ ދަތުރުގެ އިންތިޒާމް އެމިރޭޓްސް އެއާލައިނުން ހަމަޖެހިފައިވާ ކަމަށެވެ. އަދި ޖަމާއަތުގެ ފުރަތަމަ ގްރޫޕް އަންނަ ބުރާސްފަތި ދުވަހު ފުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ޖަމާއަތުގެ ހަވާލުގައި ދާ މީހުން އަންނަ ދުވަހެއް އޭނާ ވިދާޅެއްނުވެ އެވެ.
"ވިސާގެ ކަންތައް ވެސް މިހާރު އެ ހަމަޖެހެނީ. ހަތަރު ދުވަހުގެ މަތިން ހުރިހާ އެންމެން ފުރުވާލެވޭނެ،" އަބްދުއްލަތީފު ވިދާޅުވި އެވެ.
މީގެ އިތުރުން ސަންޝައިން މޯލްޑިވްސްގެ ފަރާތުން ވެސް ފޮނުވާ މީހުން މިމަހުގެ 21 ހާތަނުގައި ފުރާނެ ކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ.
ރާއްޖެ އިން މި އަހަރު ހަތަރު ޖަމާއަތެއްގެ ހަވާލުގައި 1096 މީހުން ފުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ