ރާއްޖޭގެ ކަނޑުގެ ރޯދި ހިމާޔަތްކުރުމަކީ ސަރުކާރާއި ސިފައިންގެ އެންމެ ބޮޑު ވާޖިބު: ރައީސް

ޅ. ނައިފަރުން: އަހްމަދު އަބްދުﷲ ސައީދު
ރާއްޖެ އަށް ލިބިފައިވާ ގުދުރަތީ އެންމެ ބޮޑު މުއްސަނދިކަން ކަމުގައިވާ ކަނޑުގެ ރޯދި ހިމާޔަތްކޮށް ބެލެހެއްޓުމަކީ ސަރުކާރާއި ދިވެހި ގައުމީ ދިފާއީ ބާރުގެ ސިފައިންގެ އެންމެ ބޮޑު ވާޖިބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑް އިފްތިތާހުކުރުމަށް، މިދިޔަ ބުރާސްފަތި ދުވަހު ނައިފަރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަނގަޅަށް ބަލަހައްޓައި އެ ސަރަހައްދުން ލިބެން ހުރި ހުރިހާ ފައިދާއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވޭން ހުރި ހުރިހާ މަސައްކަތެއް އަދުގެ ސަރުކާރުން ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމަކީ ކަނޑުގެ މުއްސަނދިކަން. އަޅުގަނޑުމެންގެ އިގްތިސާދު، އަޅުގަނޑުމެންގެ ދިރިއުޅުން ބިނާވެފައި މިވަނީ ކަނޑުގެ ރޯދީގެ މައްޗަށް. އެ މުއްސަނދިކަން ހިމާޔަތްކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި މި ސަރުކާރުގެ އަދި އެމްއެންޑީއެފްގެ އެންމެ ބޮޑު ވާޖިބު."
ރައީސް ނަޝިދު ވިދާޅުވީ މި ސަރުކާރުގެ ވެރިންނަކީ ރައްޔިތުންގެ ނޯކަރުން ކަމަށާއި މި ސަރުކާރު ދެމިއޮންނާނެ ހަމައެކަނި ބޭނުމަކީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުން ކަމަށެވެ. އަދި މި ސަރުކާރު އަބަދުމެ މަސައްކަތްކުރަމުން ގެންދާނީ ރައްޔިތުންނާއި ގައުމަށް ހޯދައިދެވެން އޮތް ފައިދާއަކާއި މަންފާ އާއި ލާބައެއް ހޯދައިދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތަކީ ސަރުކާރުން ތަންފީޒުކުރާ ހުރިހާ މަޝްރޫއުތައް ވީ އެންމެ ބޮޑަކަށް ރައްޔިތުންނާ ގާތުން ތަންފީޒުކުރެވޭނެ ގޮތެއް ހެދުމެވެ. އެ ގޮތުން އެމްއެންޑީއެފްގެ މަސައްކަތް ވެސް ލާމަރުކަޒީ އުސޫލުން ހިންގަމުން ގެންދިއުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ދިފާއީ ކަންކަން ހިންގުމުގެ ގޮތުން، ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ދެ ސަރަހައްދެއްގައި އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑް ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި އައްޑޫގައި ސިފައިންގެ ސަރަހައްދީ މަރުކަޒު ގާއިމުކުރި ފަހުން، އެ މަރުކަޒުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފަށާއި ސަރުކާރަށް ވެސް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެ، އެ ގޮތުން މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ދެކުނުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓެއް، އެމްއެންޑީއެފް ސަދަން ކޮމާންޑްގެ ސިފައިން އަތުލައިގެންފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މަސްކަނޑުތައް ހިމާޔަތްކުރުމަށް ނައިފަރުގައި ގާއިމުކުރެވޭ ސިފައިންގެ މަރުކަޒު ވަރަށް ފުރިހަމަ ދައުރެއް ކުޅޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. އަދި ނައިފަރަކީ މި ސަރަހައްދު ދިފާއުކޮށް ހިފެހެއްޓުމަށްޓަކައި ވަރަށް ރަނގަޅު މަރުކަޒެއްގެ ގޮތުގައި ގުދުރަތީ ގޮތުން ބޭނުންކުރެވެން އޮތް ރަށެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނައިފަރާ މެދު މި ސަރުކާރުން އުންމީދުތަކެއް ގެންގުޅޭ ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ވަރަށް ތަރައްގީވެފައިވާ މުޅިން އެހެން ނައިފަރެއް ފެނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެ ތަރައްގީ ހަގީގަތަކަށް ހެދުމަށްޓަކައި ސަރުކާރުން ވަނީ ވައުދުތަކެއްވެފައި ކަމަށެވެ.
އެ ވައުދުތައް ފުއްދުމާ ގުޅޭ އަމަލީ މަސައްކަތްތައް ނައިފަރުން ވެސް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ގޮތުން ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން ސަރުކާރުން ނައިފަރުގައި އަޅައިދިނުމަށް ރާވާފައިވާ ގެދޮރު އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް އެއީ ވީ އެންމެ އަވަސް ފުރުސަތެއްގައި ނައިފަރުގައި ދިގު މުއްދަތުގައި ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން މި ސަރުކާރުން އަޅަން ނިންމާ ގެދޮރު އަޅާން ފެށުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް މި ފެށޭ 2010 ވަނަ އަހަރުގެ ތެރޭގައި އެ އަމަލީ މަސައްކަތް ނައިފަރުގައި ފެނިގެންދާނެ."
"ހަމަ އެހެންމެ އަޅުގަނޑުމެންގެ ވަރަށް ފޮނި ތަސައްވުރެއް އެއީ ނައިފަރާއި ހިންނަވަރާ ދެމެެދު ފަސޭހަ އިން ދަތުރުކޮށް އުޅެވޭނޭ ގޮތެއް ހަމަޖެއްސުން. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ހިންނަވަރާއި ނައިފަރާ ދެމެދަކީ އެ ދެ ރަށް ހިމެނޭ ގޮތަށް ރަނގަޅު ރީތި 000` 30 ރައްޔިތުންނަށް ދިރިއުޅެވޭނެ ސަރަހައްދެއް. މި ސަރަހައްދަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގެ ތަރައްގީގެ އެންމެހައި ކަންކަން ރިވެތި ދިރިއުޅުމުގެ އެންމެހައި ކަންކަން ހިންގޭނެ ސަރަހައްދެއް. އެ ވިސްނުން އެ މަންޒަރު އަޅުގަނޑުމެން ދަނީ ދެކެމުން. އެ މަންޒަރު ހަގީގަތަކަށް ހެދުމަކީ އަޅުގަނޑުމެންގެ މަގްސަދު، އަޅުގަނޑުމެންގެ އަމާޒު،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތް އެންމެ ހިނދުކޮޅަކަށް ވެސް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ނައިފަރާއި ފާދިއްޕޮޅުގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި މަރުހަބާ އާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ނޮދަން އޭރިއާގެ ކޮމާންޑަރު ބްރިގޭޑިއަ ޖެނެރަލް އަހްމަދު މުހައްމަދު ވިދާޅުވީ ނޮދަން އޭރިއާ ގާއިމުކުރުމުން މި އޭރިއާގެ ހަތް އަތޮޅުގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ އަވަސް ހިދުމަތްތަކެއް ރައްޔިތުންނާ ގާތުން ލިބިގެންދާނެ ކަމަށެވެ. އަދި ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް މި ސަރަހައްދަކީ ޖިއޮގްރަފީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ވެސް ވަރަށް މުހިންމު ސަރަހަައްދެއްކަމަށް ވިދާޅުވި އެވެ.
ނޮދަން އޭރިއާ އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ދިވެހި ސިފައިންގެ ދިދަ ނޮދަން އޭރިއާގެ ކޮމާންޑަރާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. ނައިފަރުގައި އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ އިފްތިތާޙު ކޮށްދެއްވުމުގެ ކުރިން، ޅ.މަޑިވަރުގައި ހުންނަ އެ ކޮމާންޑްގެ ނަންބޯޑުގެ ފަރުދާ ކައްސަވާލަދެއްވީ ވެސް ރައީސް ނަޝީދެވެ. އަދި މަޑިވަރުގައި އެ މަނިކުފާނު ހުންނަވައިގެން، ހއ. އުލިގަމުގައި ހުންނަ އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާގެ ސާޗް އެންޑް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ރައީސް ފޯނުން ގުޅުވައި އެ ސެންޓަރު އިފްތިތާޙުކޮށްދެއްވި އެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާގައި ހިމެނެނީ އެންމެ އުތުރުގެ ހަތް އަތޮޅު ކަމަށްވާ، ހއ، ހދ، ށ، ނ، ރ، ބ އަދި ޅ. އަތޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ