މުޝައްރަފަށް ޕާކިސްތާނުގެ އާންމު އިންތިޚާބުގައި ވާދަކުރެވޭ ގޮތް ވެއްޖެ

އިސްލާމްއާބާދު (އެޕްރީލް 8): ބޭރުގައުމުތަކުގައި ހަތަރު އަހަރުވަންދެން ދިރިއުޅުއްވުމަށް ފަހު ދާދިފަހުން ޕާކިސްތާނަށް އެނބުރި ވަޑައިގެންނެވި އެގައުމުގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒްމުޝައްރަފަށް ޕާކިސްތާނުގެ އާންމު އިންތިޚާބުގައިވާދަކުރެވޭގޮތް ހަމަޖެހިއްޖެ އެވެ.
އަންނަ މޭމަހުގެ 11ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާނުގެ އާންމު އިންތިހާބުގައި ޕާލަމެންޓްގެ ގޮނޑިއަކަށް ވާދަކުރެއްވުމަށް މުޝައްރަފް ބޭނުންފުޅުވާ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން އިންތިޚާބުގައި ވާދަކުރެއްވުމުގެ ހުއްދަ އޭނާ އަށް ލިބިވަޑައިގަތީ ޕާކިސްތާނުގެ ހުޅަނގު އުތުރުގެ އަވަށެއްކަމަށްވާ ޗިތުރާލުންނެވެ. މިއީ އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާސަރަހައްދެކެވެ. އެ ސަރަހައްދުގެ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި އެސަރަހައްދުގެ ގޮނޑިއަކަށް ވާދަކުރެއްވުމުގެ ހުއްދަ މުޝައްރަފަށް ދޭން ނިންމީ އޭނާއާ ދެކޮޅަށްއުފުލާފައިވާ އެއްވެސް ދައުވާއެއް މިހާތަނަށް ސާބިތުވެފައިނުވާތީ އެވެ.
މިދިޔަ މާޗްމަހު، މުޝައްރަފް އެނބުރި ގައުމަށް ވަޑައިގެންނެވިއިރު އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލި އޭގެތެރެއިން އެއްދަޢުވާއާގުޅިގެންއޭނާ ހައްޔަރުކުރުމަށް ކޯޓްއަމުރެއް ވެސް ނެރެފައިވެ އެވެ. މުޝައްރަފްގެ މައްޗަށް ކުރެވިފައިވާ އެއްދަޢުވާއަކީ ބަލޫޗިސްތާނަށް ނިސްބަތްވާ ޕާލަމެންޓް މެންބަރެއްކަމަށްވާ ނަވާބު އަކްބަރު ޚާން އަވަހާރަކޮށްލުމުގައި އޭނާ ބައިވެރިވެވަޑައިގެންފައިވާ ކަމުގެ ދައުވާ އެވެ. އަނެއް ދައުވާއަކީ ތާލިބާނުންގެ ހަމަލާއެއްގައި އަވަހާރަކޮށްލި ކަމަށް ބެލެވިފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫއަށް ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން މުޝައްރަފްގެ ވެރިކަމުގައި ގަސްދުގައި ނުދިންކަމުގެ ތުހުމަތެވެ.
ބޭނަޒީރު އަވަހާރަކޮށްލި ބަޔަކަށް އެކަންކުރަން ފަސޭހަވީ މިކަމުގެ ސަބަބުން ކަމަށާ މިކަމުގައި ޕާކިސްތާނުގެ ރައީސްގެ ހައިސިއްޔަތުން މުޝައްރަފް އިހްމާލުވެފައިވާ ކަމަށް ދައުލަތުން އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ. ޖެނެރަލް މުޝައްރަފް ގައުމަށް ވަޑައިގަތުމުގެ ކުރިން ކަފާލާތުގެދަށުން، އޭނާއާ ދެކޮޅު ދައުވާތަކުގެ މައްސަލަތައް ކޯޓުންވަނީ ފަސްކޮށްފަ އެވެ. އަދި އިންތިހާބުގައި ވާދަކުރެއްވުމުގެ ހުއްދަ ޗިތުރާލުންއޭނާ ހޯއްދަވާފައިވާ އިރު ކޯޓުން ވަނީ އޭނާގެ ކަފާލާތުގެ މުއްދަތުވެސް އިތުރުކޮށް ދީފަ އެވެ.
ނަމަވެސް މުޝައްރަފް ބޭނުންފުޅުވާ އިންތިޚާބީ ދާއިރާތަކުގެ ތެރެއިންކަރާޗީގެ އިންތިޚާބުގައިވާދަކުރުމުގެ ހުއްދަ ލިބިގަތުމުގައި މުޝައްރަފްވަނީ ނާކާމިޔާބުވެފަ އެވެ. ކަރާޗީން މުޝައްރަފަށްހުއްދަ ދޭން ދެކޮޅު ހެދީމުޝައްރަފްގެ ވެރިކަމުގައި ދެފަހަރެއްގެ މަތިން ދަސްތޫރާ ޚިލާފްވެވަޑައިގެންނެވުމާއި ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު އިފްތިޚާރު ޗައުދަރީ ގަވާއިދާ ހިލާފަށް މަގާމުން ވަކިކުރެއްވި މައްސަލައެއްގެ ދައުވާ މުޝައްރަފްގެ މައްޗަށް އުފުލާފައިވާތީ އެވެ. މީގެއިތުރުން މުޝައްރަފް ބޭނުންފުޅުވާ އިންތިޚާބީ ދާއިރާތަކުގެ ތެރެއިންޕަންޖާބުގެ ކަސޫރު އަވަށުންނާއި އިސްލާމް އާބާދުން ވެސް ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރްސަތު މުޝައްރަފަށް ދިނުމަށް ދެކޮޅުހަދާފަ އެވެ.
ޕާކިސްތާނުގެ ދަސްތޫރު ބުނާގޮތުންއާންމު އިންތިޚާބުގައި ގިނަ ގޮނޑިތަކަކަށް އެއްކެންޑިޑޭޓަކަށް އެއްފަހަރާ ކުރިމަތިލައިގެން ވާދަކުރެއްވިދާނެ އެވެ. ނަމަވެސް އިންތިޚާބަށް ފަހު ޕާލަމެންޓްގައި ތަމްޘީލް ކުރެވޭނީ އެންމެ ދާއިރާއެކެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ