ހިސާންގެ ދިފާޢުގައި ނަޝީދު ނިކުމެއްޖެ

ކުޑަކުދިންތަކަކަށް އަނިޔާ ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ޤާނޫނީ ވަކީލް ހިސާން ހުސައިންގެ ދިފާޢުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިކުމެވަޑައިގެންފިއެވެ.
ހިސާންގެ އަނިޔާ ލިބުނު ކަމަށް ބުނާ މީހަކު ރައީސް ޞާލިހަށް ސިޓީއެއް ފޮނުވުމުން ހިސާން ދިފާޢު ކުރައްވާ ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިސާން އަށް އެމަނިކުފާނުގެ އިތުބާރު އެބައޮތް ކަމަށެވެ.
"އަޅުގަނޑުގެ ވަކީލް އަދި އެމްޑީޕީގެ ޓިކެޓްގައި ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ހިސާންގެ އަބުރު ނަގާލުމަށް ރޭވިގެން ހިންގާ ސިޔާސީ ހަރަކާތަކީ ފިނޑި އަދި ދަށުދަރަޖައިގެ އަމަލުތަކެއް. އުސްތާޛާ ހިސާން އަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް." ނަޝީދު ވިދާޅުވިއެވެ.
މީގެ އަހަރުތަކެއް ކުރިން ކިޔަވާ ކުދިން ތަކަކަށް އަނިޔާ ކުރި ކަމަށް ބުނެ ހިސާން އާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް އަނިޔާ ލިބުނު މީހަކު ރައީސް ޞާލިހަށް ފޮނުވި ސިޓީ މިހާރު ވަނީ މީސް މީޑިއާގައި އާއްމު ވެފައެވެ.
ރައީސް ސޯލިހަށް އޭނާ ފޮނުވި ސިޓީގައި މީގެ އަހަރު ތަކެއް ކުރިން އޭނާގެ އިތުރުން އޭރު އެ ގޭގައި (މ.ނޫހިރި) ގޭގައި ކިޔަވަން ތިބި އިތުރު ހަތަރު ކުއްޖަކަށް ހިސާން ކުރި ބޮޑެތި ލާއިންސާނީ އަނިޔާތަށް ވަރަށް ތަފުސީލް ކޮށް ވަނީ ބަޔާން ކޮށްދީފައެވެ.
ރައީސް ސޯލިހަށް ފޮނުވސީޓީގައި ބުނެފައި ވަނީ އެމްޑީޕީ އަކީ ވަކި މީހަކަށް ވަކިގޮތަކަށް އަމަލު ނުކުރާނެ ޕާޓީއަކަަށް ވީހިނދު މި މައްސަލާގައި ހިސާން އާއި މެދުވެސް އަމަލު ކުރަން ވާނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އާއި މެދުވެސް އަމަލު ކުރިގޮތަށެވެ.
ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީން ޓިކެޓް ދިން އަބްދުލްމުޣުނީ އަށް އެމްޑީޕީން ކުރި ތާއިދު އަނބުރާ ގެންދިޔައީ މުޣުނީ ކުރީގެ އަނބިމީހާ އަށް އަނިޔާ ކުރިމަކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ވާހަކަދައްކަން ފެށުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ