މޫސީގާރުންނާއި ނެށުންތެރިން ފަރިތަކުރުމަށް އޮލިމްޕަސް ދޫކުރަން އެންސީއޭ އިން ނިންމައިފި

މޫސީގާރުންނާއި ނެށުންތެރިންނަށް ފަރިތަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އޮލިމްޕަހުގައި ފަރިތަކުރާނެ ކޮޓަރިއެއް ދޫކުރުމަށް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ނިންމައިފި އެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ގެ ބެލުމުގެ ދަށުން ހިންގާ އެންސީއޭ އިން މައުލޫމާތު ދޭ ގޮތުގައި އޮލިމްޕަހުން ކޮޓަރި ދޫކުރުމަށް ހަމަޖައްސާފައި ވަނީ ނެށުންތެރިންނާއި ސަގާފީ އަދި ޒަމާނީ މޫސީގީ ގްރޫޕްތަކުގެ އިތުރުން އަމިއްލަ މޫސީގާރުންނަށެވެ.
މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ކޮޓަރި ދޫކުރުން ފަށާނެ ކަމަށް އެންސީއޭ އިން މައުލޫމާތު ދެއެވެ.
ފަރިތަކުރުން ތަކަށް ކޮޓަރި ދޫކުރަން ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 01:30 ން 03:30 ށް، ހަވީރު 04:00 ން ހަވީރު 06:00 އަދި ރޭގަނޑު 08:30 ން 10:30 ށެވެ.
ހޮނިހިރު ދުވަހު ކޮޓަރި ދޫކުރާނީ ހަވީރު އަދި ރޭނގަޑަށެވެ.
އޮލިމްޕަސް ގެ ކޮޓަރި ބޭނުންވާ ފަރާތްތަކުން އެންސީއޭގެ ފަންނުވެރިންގެ ދަފްތަރު ގައި ރަޖިސްޓްރީ ވާން ޖެހޭނެ އެވެ. އަދި ކޮޓަރި ހޯދުމަށް އެދޭ ފޯމް ފުރުމަށް ފަހު އެންސީއޭ އަށް ހުށަހަޅަންޖެހޭނެ އެވެ.
މި ފޯމް އެންސީއޭގެ ރިސެޕްޝަނުން އަދި ވެބްސައިޓުންވެސް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ