މެއި މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް

މިއަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއްލައްކައަށްވުރެ މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މެއި މަހު 103،022 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ 2018 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 10.9 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އިޓަލީ ވިލާތުން ޒިޔާރަތްކޮށްފަވާއިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަވަނީ އިންޑިއާއިންނެވެ. ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން ޖަރުމަނުވިލާތުން އަދި ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އިނގިރޭސި ވިލާތުންނެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ ދެ ގުނައަށް ކުރިއަށް ޖެހިލާފަ އެވެ. އެހެންކަމުން އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތަށް ކުރިއެރުންތައް ލިބެމުންދާކަން މިނިސްޓްރީން ފާހަގަކުރެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 749،114 ފަތުރވެރިންނެވެ. މިއީ 2018 ވަނަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 18.4 އިންސައްތައިގެ ކުރިއެރުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ