ހައްޖަށް ދާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރަން ފަށަނީ

ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން ފައިސާ ޚަރަދުކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ ހަފްތާގައި އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ ޕެންޝަން އޮފީހާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފަރުޟު ޙައްޖު އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާކަން ކަނޑައަޅާ، އެފައިސާ އެ ކޯޕަރެޝަނަށް ދޫކުރާނީ ޕެންޝަން އޮފީހުން ކަމަށެވެ. އަދި މިކަމަށް އެދުމުގެ ފުރުޞަތު މި މަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ފަރުޟު ޙައްޖު އަދާމުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް އެފަރާތެއްގެ ޙައްޖު ދަތުރުގެ އަގުގެ ބައެއް ދެއްކުމަށް އެފައިސާ ބޭނުން ކުރެވޭނެ އިންތިޒާމް ޕެންޝަން އޮފީހާއި ގުޅިގެން އެ ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށެވެ.
އަދި ޙައްޖު ކޯޕަރޭޝަނަށް ކުރީބައިގައި ފައިސާ ދައްކާފައިވާފަރާތްތަކުގެ ތެރެއިން، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާއިން ޙައްޖުގެ އަގުގެ ބައެއް ދެއްކުމަށް ބޭނުންވާ ފަރާތްރަކަށް އެފުރުޞަތުވެސް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން އެ ފަރާތަކުން ބޭނުން ވެއްޖެނަމަ ޕެންޝަން އޮފީހުން ލިބޭ ފައިސާ ރީފަންޑް ކޮށްދިނުމުގެ އިންތިޒާމްވެސް ހަމަޖައްސައިދޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނީ ޙައްޖަށް ދިއުމަށް އެ ކޯޕަރޭޝަނަށް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް، ޙައްޖުގެ އަގުގެ %50 ފައިސާ އެ ކޯޕަރޭޝަނަށް ދެއްކުމުން، އެފަރާތަކަށް ޙައްޖަށް ދިއުމުގެ ޖާގަ ކަށަވަރުކޮށްދީ ސްލޮޓް ލިސްޓުން ޖާގަ ދިނުމުގެ އިންތިޒާމް ހަމަޖައްސައި ދޭނެ ކަމަށެވެ.
ޙައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން ތިންސަތޭކަ ތިރީސް ހަހާސް ރުފިޔާ ޖަމާކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ޙައްޖުވުމަށް ޕެންޝަން ސްކީމުގެ މެންބަރުންނަށް ބޭނުންކުރެވެން ހުރި އަދަދު، އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ސްޓޭޓްމަންޓުންނާއި ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަނުން ބެލޭނެ އިންތިޒާމު ޕެންޝަން އޮފީހުން ވަނީ ހަމަޖައްސާފައެވެ.
ފަރުޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެގޮތް ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ