މަހުލޫފް ގެ ބޮޑު ސުވާލު އެފްއޭއެމްއަށް: ސަރުކާރުން ދެމުން ގެންދިޔަ ފައިސާ އެފްއޭއެމް އިން ދެނީ ކިހިނެއް؟

ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް މިއަހަރުވެސް ކުލަބުތަކަށް ފައިސާ ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެކަމުގެ ޔަގީންކަން ނެތް ކަމަށް ބުނެ އެފްއޭއެމް އިން ކުލަބުތަކަށް ފައިސާ ދޭނެ ކަމަށް ބުނުމުން އެކަމަށް ހަރަދުކުރާނެ ފައިސާ ހޯދަނީ ކިހިނެއް ތޯ، ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފް އެފްއޭއެމްއާ ސުވާލު ކުރައްވައިފި އެވެ. ކުރީގެ ސަރުކާރުން ފެށި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް އެސިސްޓަންޓްސް (އެސްއޯއީ) ޕްރޮގްރާމުގެ ދަށުން ސަރުކާރު ކުންފުނިތަކުން މެދުވެރިކޮށް މީގެ ކުރިން ކުލަބުތަކަށް ފައިސާ ދެމުން އައިސް އެކަން ހުއްޓާލާފައި ވަނިކޮށް އިންތިހާބީ އައު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ފައިސާ އަނބުރާ ކުލަބުތަކައް މި އަހަރުން ފެށިގެން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ނަމަވެސް އޭގެ ފަހުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފާއި އެފްއޭއެމްއާ ދެމެދުގައި ޖެހުނު މައްސަލައެއް ބޮޑުވެ ސަރުކާރާއި އެފްއޭއެމްއާ ދެމެދުގައި އޮތް ގުޅުން ކޮންމެސް ވަރަކަށް ހީނަރުވެގެންދިޔަ އެވެ. ހަމަ އެއާއި އެކު ރާއްޖޭގެ ކުލަބުތަކުންވެސް އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް ބުނެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ. އެފްއޭއެމް އަކީ ސަރުކާރުން ނުފޫޒު ފޯރުވޭނެ އިދާރާއަކަށް ނުވުމުން އެތަނަށް ސަރުކާރުން ނުފޫޒު ފޯރުވާނަމަ ފީފާއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފީފާއިން ދީފައިވާ އިރު ފީފާއާއި އޭއެފްސީގެ ވަފުދެއް ރާއްޖެ އައިސް ކުލަބުތަކާ ބައްދަލުކޮށް އެފްއޭއެމްއާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލަތައް ބެލުމަށް ފަހު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވެން ނެތް ކަމަށް ވަނީ ނިންމަވާފަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމުގެ ތުހުމަތާ ގުޅިގެން މަހުލޫފް ގޭގައި މަޑުކުރަން ރައީސް އެންގެވުމުން، އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ އެފްއޭއެމްއިން ކަންތައް ކުރަމުންދާ ގޮތާ މެދު ހިތްހަމަ ނުޖެހި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ދާދި ފަހަކުން އަލީ ވަހީދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެފްއޭއެމް އިން ސަރުކާރު ބަދުނާމު ކުރަން މަސައްކަތް ނުކުރުމަށް ވަނީ ގޮވާލައިފަ އެވެ. އެފްއޭއެމްއާ ސަރުކާރާއި ދެމެދު އުފެދުނު މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައި ވާ އިރު ސަރުކާރަށް ބަރޯސާ ނުވެ އެފްއޭއެމްއިން ކުލަބުތައް ހިންގަން ދޭން ޖެހޭ ފައިސާ ދޭނެ ކަމަށް ބުނެފައި ވާއިރު އެކަމަށް ބޮޑު ހަރަދެއް ދާނެ އެވެ. އެގޮތުން އަހަރެއްގެ މައްޗަށް ކޮންމެ ކުލަބަކަށް ގައިގަނޑަކަށް ތިން މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ އިރު އެފްއޭއެމްގައި އެވަރުގެ މާލިއްޔަތެއް އޮންނާނެ ކަމާ މެދު މަހުލޫފް ވަނީ ސުވާލު ކުރައްވާފަ އެވެ. ދާދި ފަހުން މަހުލޫފް ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ އެފްއޭއެމްއިން ސަރުކާރަށް ބަރޯސާ ނުވެ ކުލަބުތަކައް ފައިސާ ދޭން މަސައްކަތް ކުރީ އޭއެފްސީގެ އިންތިހާބަށް ކުރިމަތި ލައްވައިގެން އުޅުއްވާ އަލް ރޮމާއިތް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް އެ ބޭފުޅާ ވަނީ އޭއެފްސީގެ އިންތިހާބުން ނަން އަނބުރާ ގެންގޮސްފަ ކަމަށާއި ސަރުކާރުން ކުލަބުތަކައް ދެމުންގެންދިޔަ ތިން މިލިއަން ރުފިޔާ އެފްއޭއެމްއިން ދޭނެ ގޮތެއް ސާފުކޮށްދެން ޖެހޭ ކަމަށް މަހްލޫފު ވަނީ އެ ޓްވީޓުގައި ބުނެފަ އެވެ. AFC inthikhaabuga vaadha kurevvi Al-Romaithi medhuverikoh club thakah faisaa libeynekamah dhalha dhahkaa olhuvaalaigen ulhenikoh, Romaithi AFC inthikhaabun nan anburaa gendhavaifi.Sarukaarun club thakah dhemun gendhiya 3M rufiyaa @MaldivesFA inn dheynegotheh saafukohdheynjehey. pic.twitter.com/3DCWtBHnMj — Ahmed Mahloof (@AhmedMahloof) March 21, 2019
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ