"މުސްތަގުބަލު ރައީސް ޔާމީން ހުންނަވާނީ ޕީއެންސީގައި"

ކުރިޔަށް އޮތްތަނުގައި ރައީސް އަބްދުﷲ ޔާމީން ވެސް ހުންނަވާނީ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގައި ކަމަށާއި އެއަށް ފަހު ރާއްޖޭގެ ވެރިކަމާ އެމަނިކުފާނު ހަވާލުވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ކޮންގްރެސް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮތް ނިންމާނެ ޕާޓީއަކަށް ދެން ވާނީ އެ ޕާޓީ ކަމަށާއި އެހެން ވަނީ އެއީ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅުގެ ދަށުން އުފެއްދެވި ޕާޓީއަކަށް ވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނުގެ ތަސައްވަރަކީ ރައްޔިތުން ބަލައިގެންފައިވާ ތަސައްވަރެއް ކަމަށެވެ. ކުރިޔަށް އޮތްތަނުގައި ރައީސް އަބްދުﷲ ޔާމީނު ހުންނަވާނީ ޕީއެންސީގައި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި އެ ޕާޓީ ރާއްޖޭގައި ވެރިކަން ކުރާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި ޕާޓީއަކީ އަބްދުއްރަހީމްގެ ޕާޓީއެއް ނޫން، މި ޕާޓީއަކީ މުހައްމަދު ސައީދުގެ ޕާޓީއެއް ނޫން. މި ޕާޓީއަކީ މަޝްވަރާ މަޖިލީހުގެ ޕާޓީއެއް ވެސް ނޫން. މި ޕާޓީގެ ހަގީގީ ވެރިޔަކީ ޔާމީން އަބްދުލް ގައްޔޫމް،" އަބްދުއްރަހީމް ވިދާޅުވި އެވެ. "މި ރާއްޖޭގެ ސިޔާސީ މައިދާނުގައި ދެން ކޮންގްރެސް ޕާޓީގެ އަޑު ވކަނޑުވައެއް ނުލެވޭނެ. މި ސަރުކާރު ޖަވާބު ދާރީ ކުރުވުވުމުގައި ކޮންގްރެސް ޕާޓީ ތެދުވާނީ ސާބިތުކަމާއެކު ބުނަންޖެހޭ ބަސް ބުނާނީ ނިކަން ކެރިގެން ސާބިތުކަމާއެކުގައި. ކޮންގްރެސް ޕާޓީ ދެން މި ރާއްޖޭގެ ރިޔާސަތާ ހަވާލުވާނެ ކަމާ ދޭތެރޭގައި އިރާދަކުރެއްވީއާ ޝައްކެއް ނެތް،"
މިރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ --
އަބްދުއްރަހީމް ވިދާޅުވީ އިންތިހާބަކުން ބަލިވުމަކީ ސިޔާސީ މައިދާނުން ދުރަށްދާން ޖެހޭ ސަބަބެއް ނުވަތަ ލީޑާޝިޕް އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސަބަބަކީ މިދިޔަ ދެ އިންތިހާބުގައި ރައީސް ޔާމީންގެ ލީޑާޝިޕް ނާކާމިޔާބީ ލިބުނީ ދެ އިންތިހާބު ވެސް ވަގަށް ނަގާފައި އޮތުމުން ކަމަށާާއި އެއީ ރައްޔިތުން ވޯޓު ނުދީގެންވި ބައްޔެއް ނޫން ކަމަށެވެ.
ކޮންގްރެސް ޕާޓީގައި ގައުމު ހިންގޭ ވަރުގެ ގާބިލްކަން އެބަހުރި ކަމަަށާއި ޕާޓީގެ ގުނަވަންތަކުގައި އެވަރުގެ ހަކަތަ ހުރި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެ ޕާޓީއަކީ ރާއްޖޭގައި އެންމެ އަވަހަށް އުފެއްދި ޕާޓީއަކަށް ވެފައި ރައީސް ޔާމީން އެންމެ ލޯބިފުޅުވާ ޕާޓީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ