ދިރާގު ޔޫތު ލީގު: 14 އަހަރުން ދަށުގެ މުބާރާތް ފަށައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ދިރާގު ޔޫތު ލީގުގެ ކުޅުން މިއަދު ފަށައިފި އެވެ.
އެފްއޭއެމުން ޔޫތު ލީގު ތައާރަފުކުރީ މިދިޔަ އަހަރެވެ.
ޔޫތު ފުޓުބޯޅަ ކުރިއެރުވުމުގެ ގޮތުން އެފްއޭއެމުން ފަށާފައިވާ ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓްގެ ދަށުން ލީގު ފެށިއިރު، މިދިޔަ އަހަރު ބާއްވާފައިވަނީ 13 އަހަރުން ދަށުގެ ކުޅުމެވެ. އެކަމަކު މިއަހަރު 12 އަހަރުން ދަށާއި، 14 އަހަރުން ދަށުގެ ކުޅުން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
ޔޫތު ލީގުގެ ކުޅުން މިއަދު ހަވީރު ފެށިއިރު، މިއަދު ފަށާފައިވަނީ 14 އަހަރުން ދަށުގެ މުބާރާތެވެ. އެގޮތުން މިއަދު ހަވީރު ވަނީ ދެމެޗު ކުޅެފައެވެ.
ފުރަތަމަ މެޗުގައި ބައްދަލުކުރީ ބީޖީ ސްޕޯޓްސް އެކަޑަމީ އާއި ހުޅުމާލެ ސްޕޯޓްސް ސްކޫލެވެ. މިމެޗު ފަސޭހަކަމާއެކު 6-0 އިން ކާމިޔާބުކުރީ ހުޅުމާލެ ސްޕޯޓްސް ސްކޫލުންނެވެ.
މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ މާޒިޔާ ފުޓްބޯލް އެކަޑަމީ އާއި ހުޅުމާލެ ސްޕޯޓްސް އެކަޑަމީ އެވެ. މިމެޗުވެސް ފަސޭހަކަމާއެކު 6-0 އިން ކާމިޔާބުކުރީ މާޒިޔާ ފުޓްބޯލް އެކަޑަމީންނެވެ.
މިދިޔަ އަހަރުގެ ޔޫތު ލީގުގައި 9 އެކަޑަމީއަކުން ވާދަކުރިއިރު، މިފަހަރުގެ ޔޫތު ލީގުގައި 11 އެކަޑަމީއަކުން ވާދަކުރެއެވެ. އެއީ ބީޖީ ސްޕޯޓްސް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް ސްކޫލް، މާޒިޔާ ފުޓްބޯލް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް އެކަޑަމީ، އީގަލްސް ފުޓްބޯލް އެކަޑަމީ، ޓީސީ ފުޓްބޯލް އެކަޑަމީ، މޯލްޑިވްސް ސޮކާ މޭޓްސް، އާލީ ޓަޗް ފުޓްބޯލް އެކަޑަމީ، އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ، ވިކްޓަރީ ސްޕޯޓްސް ކްލަބު ފުޓްބޯލް އެކަޑަމީ އަދި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް އެވެ.
މިދިޔަ އަހަރުގެ ޔޫތު ލީގު ކާމިޔާބުކޮށްފައިވަނީ އާލީ ޓަޗް ފުޓްބޯލް އެކަޑެމީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ