ލ. ކުނަހަންދޫ ކައިރީ ފިނޮޅަކުން ކުޑަކުއްޖެއްގެ ކަށިތަކެއް ފެނިއްޖެ

ލ.ކުނަހަންދޫ ކައިރީގައި އޮންނަ ފިނޮޅަކުން ކުޑަ ކުއްޖެއްގެ ކަށިތަކެއް ފެނިއްޖެ އެވެ. ފުލުހުން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
ކުނަހަންދޫ ކައުންސިލްގެ ނައިބު ރައީސް ޔޫސުފް މަނިކު މިއަދު ވިދާޅުވީ ފިނޮޅުން އެ ކަށިތައް ފެނުނީ މިއަދު މެންދުރު 1:00 ޖަހާކަންހާއިރު ސްކޫލްގައި އުޅޭ ތިން ކުއްޖަކު އެ ސަރަހައްދުގައި ބަޔަކު ކަހަނބު ފެޅި ކަމަށް ބުނުމުން ކަހަނބުފަތް ހޯދަންވެގެން ގޮސް ފިނޮޅަށް ގޮސް ކޮންނަނިކޮށް ކަމަށެވެ.
ކަށިތައް ފެނުނީ ޕްލާސްޓިކް ލޭނު ބޮތްކެއްގެ ތެރެއިން ކަމަށް ވެސް މަނިކު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކަށިތައް ފެނުނި ކުދިން ބޮކި ފަޅައިލާ ބެލިއިރު ކަށިތަކުގެ އިތުރުން ކަޅު ވެއްޔާ ގަލާ ކުޑަ ރުމާލެއް ކަހަލަ ފޮތިކޮޅެއް ވެސް އޭގެ ތެރޭ އޮތް ކަމަށެވެ. އަދި އެކަށިތައް ޑޮކްޓަރަކަށް ދެއްކުމުން އެއީ ތުއްތު ކުއްޖެއްގެ ކަށިތަކެއް ކަން ޔަގީން ކޮށްދެއްވި ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
"އަޅުގަނޑު ތަކުރާރުކޮށް ސުވާލު ކުރިން މިއީ އިންސާނެއްގެ ކަށިހޭ. ޑޮކްޓަރު ސަތޭކަ ޕަސެންޓް ޔަގީން ކަން ދެއްވި. އަދި ކަށިތައް ވަކި ވަކިން ނަގާ ވިދާޅުވި މިއީ ކުއްޖާގެ ހަށިގަނޑުގެ އަތުގެ ކައްޓޭ ފައިގެ ކައްޓޭ،" ކުނަހަންދޫ މަނިކު ވިދާޅުވި އެވެ.
ފިނޮޅުން ފެނުނު ކަށިތައް މިހާރު ހުރީ ކުނަހަންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ