މަޖިލިސް ތަޅުމުގެ މަސައްކަތް މަދުވެއްޖެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގެ މަސައްކަތްތައް މަދުވެފައިވާކަމަށާއި، މިދައުރުގައި ހުށަހަޅާނެކަމަށް ދަރުކާރުން ބުނެފައިވާ ބިލުތައް ލިބޭނެކަމަށް ލަފާނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިދައުރަށް ހުށަހެޅިފައިވަނީ ހަތަރު ބިލު ކަމަށާއި، މިދައުރަށް ހުށަހެޅަށް 32 ބިލެއް އެބައޮތްކަމަށެވެ.
"މި ބިލުތައް މި ދައުރުގައި މަޖިލީހަށް ލިބޭނެކަމަކަށް ލަފައެއް ނުކުރެވޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީލަށް ލިބިފައިވާ ބިލުގެ މަސައްކަތްތައް ކޮމިޓީތަކުގައި ބާރަށް ކުރިއަށްދާ ކަމަށާއި، ހާއްސަކޮށް ހެއްކާބެހޭ ބިލު އަދި މަދަނީ އިޖުރާއަތުގެ ބިލު މަސައްކަތް ޖުޑިޝަރީ ކޮމިޓީގައި ބާރަށް ކުރިއަށްދާކަމަށެވެ.
ބިލުތައް މަދުވުމުން މަޖިލިސް ތަޅުމުގެ މަސައްކަތްތައް މަދުވެފައިވާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، މިއަދުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ.
މަޖިލީހުގެ މިދައުރުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވަނިކޮށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވީ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ޤަޞްދުކުރާ ބިލުތަކުގެ ތެރޭގައި އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހިމެނޭ ކަމަށެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ ބައެއް ބިލުތަކުގެ ތެރޭގައި ހެއްކާބެހޭ ބިލު، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލު، ޙައްޖާއި ޢުމްރާގެ ކަންކަން އިންތިޒާމުކުރުމާބެހޭ ބިލު، ފޮރިން އިންވެސްޓްމަންޓުގެ ބިލު، މަސައްކަތު މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު އަދި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ހިމެނެއެވެ.
އެހެންނަމަވެސް މިހާތަނަށްވެސް މީގެން ގިނަ ބިލުތައް މަޖިލީހަށް ހުށަހަޅާފައިނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހަކީ ދައުލަތުގެ ބަޖެޓްގެ މަސައްކަތަށް ހާއްސަކުރެވޭ މަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ