ގިނަ ގޮނޑި ލިބުނީ ބަރުލަމާނީއަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް: ރައީސް ނަޝީދު

ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ތާއީދުކުރާ ގިނަ ކެނޑިޑޭޓުންތަކެއް އެމްޑީޕީގެ ޤައުމީ މަޖިލީހަށް އިންތިހާބުވިކަމީ ރާއްޖެއަށް ލިބުނު ކުރިއެރުމެއްކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓު އިއްޔެ ބޭއްވީ ރައީސް އިބްރާޙިމް މުހަންމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާ ދެމެދު ސިޔާސީ ހިޔާލުތަފާތުވުން ބޮޑުވެފައި ވަނިކޮށެވެ. އެހެންވެ މި އިންތިހާބު ސިފަކުރީ ގައުމީ މަޖިލީސް ކޮންޓްރޯލްކުރައްވާނެ ބޭފުޅަކު ކަނޑައެޅުމުގެ އިންތިހާބެއްގެ ގޮތުގަ އެވެ.އިންތިހާބު ވާދަވެރިކަމާ އެކު ނިމުނު އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިިހްގެ ފެކްޝަނުން ބުނަނީ ޖުމްލަ 97 ގޮނޑީގެ ތެރެއިން 65 ގޮނޑި ކަށަވަރުވި ކަމަށެވެ. މިއީ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ރައީސަށް ލިބިވަޑައިގަތުން ކަމަށް ވެސް އެ ފެކްޝަނުން ދެކެ އެވެ.އެހެން ބުނަނީ އޭގެ ތެރޭގައި މިވަގުތު ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވެސް ހިމެނޭތީ އެވެ.ރައީސް ނަޝީދު ޓުވިޓާ މެދުވެރިކޮށް ވިދާޅުވީ "ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ގިނަ ކެންޑިޑޭޓުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބުވިކަމީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް" ކަމަށެވެ.އިންތިހާބުގެ ކުރިން ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު ތާއީދު ކުރައްވާނީ، ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ކަމަށެވެ. ނަޝީދު ބޭނުންވެވަޑައިގަންނަވަނީ މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ގައުމުގެ ހިންގުން ބަދަލު ކުރުމަށް ކަމަށް އޭގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.ރައީސް ސޯލިހުއަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ކެމްޕެއިނުގައި ކުރިއަށް ނެރުނު ވައުދަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރުމެވެ. ދާއިރާތަކުގެ އިންތިހާބުގައި ރައީސް ސޯލިހުގެ ކެބިނެޓުގެ ބައެއް މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ ބައެއް އިސްވެރިން ވާދަ ކުރެއްވި އެވެ.މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މިނިސްޓަރު އިބްރާހިމް އަމީރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ފަދަ ރައީސް ސޯލިހްގެ އެންމެ އަރިސް ބޭފުޅުން ވަނީ ގައުމީ މަޖިލީހުގެ އައު ދައުރުންވެސް ފުރުސަތު ހޯއްދަވާފަ އެވެ. އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމުގެ ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފަ އެވެ.ސިޔާސީ ކަންކަމާއި ވިސްނާ ބައެއް މީހުންގެ ނަޒަރުގައި ނިމުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަކީ ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އެމްޑީޕީ އާންމު މެންބަރުންގެ ތެރޭގައި ހިޔާލު ހޯދުމަށް ބޭއްވި އިންތިހާބެކެވެ.ބަރުލާމާނީ ނިޒާމެއް ގެނައުމަށް ނަޝީދު އިސްވެ ހުންނަވައިގެން ޕެޓިޝަނެއްގެ ކަންކަން ވެސް ދަނީ ހިނގަމުންނެވެ. އެ ޕެޓިޝަންގައި 60،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެ ޕެޓިޝަންގެ ހަރަކާތުގައި އިސްކޮށް އުޅޭ މީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ