ދިވެހި ރައްޔިތުން ޑިމޮކްރަސީއަށް ކުރި ދަތުރުގެ ކާމިޔާބީއަކީ ފެހި ޤާނޫނުއަސާސީ: އެމްއާރްއެމް

ދިވެހި ރައްޔިތުން ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެބޮޑު ކާމިޔާބީއެއް ލިބިގެންދިޔައީ 7 އޮގަސްޓް 2008 ދުވަހުގެ ރޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.
ޑިމޮކްރަަސީ ދުވަހުގެ މުނާސަބާތާއި ގުޅިގެން ރައީސް މައުމޫނުގެ އެމްއާރުއެމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ދިވެހި ރައްޔިތުން ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެބޮޑު ކާމިޔާބީއެއް ލިބިގެންދިޔައީ 7 އޮގަސްޓް 2008 ދުވަހުގެ ރޭކަމަށެވެ.
މިހާރު މިއޮތް ފެހި ޤާނޫނުއަސާސީ ތަސްދީޤު ކުރުމާއިއެކު އެޤާނޫނުއަސާސީގެ ދަށުން ޑިމޮކްރަސީގެ ހަމަތަކުގެމަތިން ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދިޔަ ކަމަށް ޔާނުގައިވެއެވެ.
ރައީސް މައުމޫންގެ އެމްއާރުއެމްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ދުނިޔޭގެ އެހެން ޤައުމު ތަކެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް ޑިމޮކްރަސީއަށް ކުރެވުނު، އަދި ކުރެވެމުންދާ މަސައްކަތަކީ ބުރަ އަދި ނުހަނު ދިގު މަސައްކަތެއް ކަމަށެވެ.
އެގޮތުން ރާއްޖެ ޑިމޮކްރަސީއަށް ކުރަމުން އައި ދަތުރުގެ ފެށުމުގެ ގޮތުގައި ފާހަގަކުރެވެނީ، 2004 ވަނަ އަހަރުގެ ޖޫން 9 ވަނަ ދުވަސް ކަމަށްވެސް އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.
އެމްއާރުއެމްއިން ބުނެފައިވަނީ އިސްލާހީ އެޖެންޑާއިން މަގުފަހިކޮށްދިން އެންމެ މުހިންމު އެއް ކަމަކީ، ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް ސިޔާސީ ކަންކަމާމެދު އާންމުންގެ މެދުގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އަދި ޤައުމުގައި އޭރު ހުރި މައްސަލަތައް ހައްލުކުރުމަށް މަގު ޗާޓެއް އެކުލަވާލައި ސިޔާސީގޮތުން ބޮޑެތި އިސްލާހުތަކެއް އޭގެ ދަށުން ގެނެސް، ސިޔާސީ ޕާޓީތައް ރާއްޖޭގައި އުފެދިގެންދިޔަކަން އެމްއާރުއެމުން ފާހަގަ ކޮށްފައިވެއެވެ.
ދިވެހި ރައްޔިތުންނަކީ ޑިމޮކްރަސީގެ ހަމަތަކަށް ލޯބިކުރާ ބައެއްކަން ހާމަވެގެންދިޔައީ އައު ޤާނޫނު އަސާސީއަށްފަހު ވޭތުވެދިޔަ އަހަރުތަކުގައި ބޭއްވި އިންތިޚާބުތަކުން ކަމަށާއި، އެ އިންތިޚާބުތަކުގައި ދިވެހި ރައްޔިތުންވަނީ އެ ރައްޔިތުންނަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ވޯޓު ލުމުގެ ހައްޤުގެ ބޭނުންކޮށް އެ ރައްޔިތުންގެ ބަސް އިއްވާފައި ކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.
އެގޮތުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަކީ ރާއްޖޭގައި ނެތެމުންދިޔަ ޑިމޮކްރަސީގެ ހަމަތައް އަލުން އިޔާދަކޮށް ޑިމޮކްރަސީގެ މަގުގައި ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުން ނިންމި މުހިންމު ނިންމުމެއް ކަމަށާއި، އެއީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ.
އެމްއާރުއެމުން ބުނީ ޑިމޮކްރަސީއަކީ ހަމައެކަނި ވޯޓުލުމުގެ ހައްޤު ނޫން ކަމަށާއި، ފުރިހަމަ ޑިމޮކްރަސީއަކަށް، އޭގެ ހަމަތައް ނަގަހައްޓާ ދަމަހައްޓާނޭ ސިޔާސީ ލީޑަރުން ބޭނުންވާ ކަމަށެވެ. ކުރީގެ ސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ ބޭރުން ހިނގި ކަންކަން ކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ.
އެމްއާރުއެމްގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރަމުން ދާއިރު ރާއްޖޭގައި މިހާރު އޮތް ސަރުކާރުން ޑިމޮކްރަސީ ނެގެހެއްޓުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރާނޭކަން ޕާޓީން ކަށަވަރު ކުރާނެ ކަމަށާއި، އެކަމަށް ދޭންޖެހުނު ކޮންމެ އެއްބާރުލުމެއް ދިނުމަށް ތައްޔާރަށް ތިބިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ