ށ. އަތޮޅުން 5 މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. އަތޮޅުގައި ފުލުހުން ހިންގި ތިން އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
މިގޮތުން ފުލުހުން ހިންގި އޮޕަރޭޝަންސްގެ ތެރެއިން، ށ. ބިލެތްފަހިން ހައްޔަރު ކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ އެރަށުގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.
މިއަދު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ތިން ރަބަރު ޕެކެޓު އެމީހާ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ 
” ށ. ފޯކައިދޫގައި ބަޔަކު ބަނގުރާ އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 22 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި ހިނގާ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ތިބި ގެ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ތެއްޔަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވެއެވެ.” ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަނާއި ގުޅިގެން ބުނެފައި ވެއެވެ.
ފުލުހުން ހިންގި ތިންވަނަ އޮޕަރޭޝަންސް ގައި ވަނީ، މާލެއިން ފުރައިގެން ށ. ފުނަދުއަށް ދަތުރުކުރަމުންދާ ބޯޓަކުން ފުނަދުއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި  ބޮޑު ރަބަރު ޕެކެޓެއް އަތުލައިގެންފައެވެ. އެ ޕެކެޓް ފެނިފައި ވަނީ، އެ ބޯޓުން ގެނައި ތަކެތި ބަލައި ފާސްކުރިއިރު އެވެ.
މި މަހުގެ 28 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ ށ. ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން 22 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
މި ތިން މައްސަލަވެސް ފުލުުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ