ރާއްޖޭގެ ސިޔާސީ މުސްތަގްބަލް ބައްޓަން ކުރާނެ ޕާޓީއަކަށް ޕީއެންސީ ވާނެ: ޚަލީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވެގެންދާނީ ރާއްޖޭގެ ސިޔާސީ މުސްތަގްބަލް ބައްޓަން ކުރާނެ ޕާޓީއަށް ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ ކުރީގެ ސެކެޓްރީ ޖެނަރަލް ޚަލީލް ވަނީ މިއަދު ޕީޕީއެމުން ވަކިވެ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެކަމާއި ގުޅިގެން ޚަލީލް 'ސަން' އަށް ވިދާޅުވީ، ޕީޕީއެމްގައި މުސްތަގްބަލެއް އޮތް ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށާއި އޭނާ ހުންނަވާނީ ކުރީގެ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށެވެ. ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހުރެ އެ ޕާޓީގެ ހަރަކާތްތައް އެންމެ އެށީގެންވާގޮތެއްގައި ކުރިއަށްނުދާ ކަމަށާއި އެ ޕާޓީއާ ޚިލާފަށް ޕީއެންސީ ވެގެން ދާނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބު ޕާޓީއަށް ކަމަށެވެ. "ޕީއެންސީ އަކީ ރާއްޖޭގެ ސިޔާސީ މުސްތަގްބަލް ބައްޓަން ކުރާނެ ޕާޓީއަކަށް ވެގެން ދާނެ،" ޑރ. ޙަލީލް ވިދާޅުވި އެވެ. ޚަލީލްގެ އިތުރުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ހުސެއިން ޝަރީފް ވެސް މިއަދު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ. ޕީޕީއެމް އެއްވެސް ބެލެނިވެރިއެއް ނެތް ގޮތަށް ވައިގެ ތެރެއަށް ދޫކޮށްލާފައި ވަކި ޕާޓީއެއް ހަދައިގެން ކުރިއަށް ދާން ފުރުސަތު ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފަ އެވެ. ޕީއެންސީ އުފައްދަން މަސައްކަތް ކުރަމުންދަނީ ޕީޕީއެމްގެ ދައްކަންޖެހޭ ދަރަނިވެސް އޮއްވަ އެވެ. އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ޕީއެންސީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދަރަންޏަށް ޕާޓީ ދޫކޮށް އާ ޕާޓީ ހެދުމަކީ ރާއްޖޭގައި ސަގާފަތެއް ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ