ސަތޯގެ ވާހަކަތަކަށް އަދީލް ރައްދުދީފި

ގައުމީ އަންހެން ވޮލީބޯޅަ ޓީމު އޮތީ ބޮންސުންލާފައި ކަމަށާއި އޭގެ ޒިންމާ ނަގަން ޖެހެނީ ކުރީގެ ކޯޗުން ކަމަށް އަންހެން ޓީމުގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފައިވާތީ ކުރީގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ރައްދުދީފި އެވެ.
ވީ ސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސަތޯ ބުނީ ގައުމީ ޓީމުގެ ކޯޗުގެ މަގާމަކީ ބޮޑު ޒިންމާއެއް ކަމަށާއި ގައުމީ ޓީމުގައި މި ވަގުތު ވަކި ޓާގެޓެއް ނެތް އިރު ހަމައެކަނި މިހާރު ކުރަމުންދާ މަސައްކަތަކީ ޓީމެއް ބިނާ ކުރުން ކަމަށެވެ. އަންހެން ވޮލީގެ ހާލަތު ދަށްވުމުގައި ކުރީގެ ކޯޗުންގެ އިހުމާލު ބޮޑު ކަމަށާއި މީގެ ކުރިން ކޯޗުން ބެލީ ރަނގަޅު ޓީމެއް ބީނާ ކުރުމުގެ ބަދަލުގައި ދަތުރު ދިޔުމަށް ކަމަށް ސަތޯ ވަނީ ތުހުމަތުކޮށްފަ އެވެ.
ސަތޯ ބުނީ މިއަދު ވައިބަގައި ގުރޫޕުތައް ހަދައިގެން ވޮލީ އެސޯސިއޭޝަނަށް ނިސްބަތްކޮށް ވާހަކަ ދައްކާ ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރަން ފުރުސަތު ލިބި ވަނީ ފެއިލްވެފައި ކަމަށެވެ. ވޮލީގައި ބާރަށް އަޑުގަދަކުރާ ކޮންމެ މީހަކު ވެސް އެމީހަކަށް ވޮލީއަށް ކޮށްދެއްވުނީ ކޮންކަމެއްތޯ ސުވާލުކޮށްލުމަށް ސަތޯ ވަނީ ވޮލީ އާއިލާގެ ކިބައިން އެދިފަ އެވެ. އަދި ވޮލީ ރަނގަޅު ނުވެގެން އުޅެނީ ވަކި މީހެއް މަގާމެއްގައި ހުރެގެން ނޫން ކަމަށް ވެސް ސަތޯ ވަނީ ފާހަގަކޮށްފަ އެވެ.
ވޮލީ މެޗެއްގެ ތެރެއިން ސަތޯ.: އޭނާ ވަނީ ކުރީގެ ކޯޗުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ ކުރިން ގިނަ އަންހެން ޓީމުތަކަށް ކޯޗުކޮށްދިން ސަތޯ އަންހެން ޓީމާ ހަވާލުވީ މިދިޔަ މަހު އެވެ. ގައުމީ ޓީމާ ހަވާލުވެ ސަތޯ ވަނީ މިހާރު ޓީމާ އެކު ފަރިތަކުރުންތައް ފަށައިފަ އެވެ. ފަރިތަކުރުންތައް ފެށިތާ ދެ ހަފްތާވެފައިވާއިރު ސަތޯ ވަނީ ދެން މުބާރާތްތަކަށް ބޭރަށްދާނީ ބޭރުގައި ޓްރެއިނިން ކޭމްޕް ޖެހުމަށް ވުރެން ބޮޑަށް ރާއްޖޭގައި ލިބެން ހުރި ވަސީލަތްތަކުން ފަރިތަކޮށްގެން ކަމަށެވެ. އަދި ކުރިއާ ހިލާފަށް ރާއްޖޭގެ އެކި ހިސާބުން ވޮލީ ޓީމަށް ކުޅުންތެރިން ނެގުމުގެ މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ސަތޯގެ ވާހަކަތަކަށް ރައްދެއްގެ ގޮތުގައި ބޭބެ ބުނީ ސަތޯ ދެއްކި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އަންހެން ޓީމު ފާއިތުވި އަހަރުތަކުގައި ވަނީ ބޮޑެތި ކުރިއެރުންތައް ހޯދާފައި ކަމަށެވެ.
"ޓީމުގައި ބޮންސުންލާފައި އޮތީ ކޮންކަމެއް ކަމެއް ބުނެދީފައެއް ނެތް. ނެޝަނަލް ޓީމުގައި ތިބީ ވަރަށް ޑިސިޕްލިން ރަނގަޅު ކެރޭ ކުދިބައެއް. ވޭތުވެދިޔަތަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައި ތިބި ކުޅުންތެރިންތަކެއް،" ކުރިން ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރި ބޭބެ "މިހާރަ"ށް ބުންޏެވެ.
"މި ގޮތަށް ޓީމުގެ ކުޅުންތެރިންނާއި ކުރީގެ އޮފިޝަލުންނާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކައި އަގުވައްޓާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިއީ ހިތާމަހުރި ކަމެއް. ކޯޗު ސަތޯ އެބަޖެހޭ ޒިންމާދާރުވާން. މިއީ ކްލަބެއްގެ ވާހަކައެއް ނޫން މި ދެއްކެނީ. މިއީ ގައުމީ ޓީމެއްގެ ވާހަކަ."
ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވުމުގެ ކުރިން ބޭބެ ވަނީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި އަންހެން ޓީމު ގޮވައިގެން ވާދަކޮށްފަ އެވެ. ބޭބެގެ އިރުޝާދުގެ ދަށުން 2016 ވަނަ އަހަރު އިންޑިއާގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ޕާކިސްތާން ބަލިކޮށް އަންހެން ޓީމު ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އެ ފަހަރު ލަންކާ އަތުން ބަލިވި ނަމަވެސް ނިސްބަތުން ރަނގަޅު ވާދައެއް ކުރި އެވެ. އޭގެ ފަހުން މިިދިޔަ އަހަރު މާލޭގައި އޮތް އޭވީސީ މުބާރާތުގައި ވެސް ކުޅުނީ ބޭބެގެ އިރުޝާދުގެ ދަށުންނެވެ.
އިންޑިއާގައި 2016 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައި ޕާކިސްތާން އަތުން މޮޅުވި މެޗަށް ފަހު ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން. އުފާފާޅުކުރަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ
"ސައުތު އޭޝިއަން ގޭމްސް އަށް ފަހު އަންހެން ޓީމު ވަނީ ވަރަށް ބޮޑުތަން އިމްޕްރޫވްކޮށްފައި. ޒުވާން ކުޅުންތެރިން ވެސް ވަނީ ޓީމަށް އިތުރުވެފައި. އަދި މި ސަރަހައްދުގެ މުބާރާތްތަކުގައި ރަނގަޅަށް މަސައްކަތްކޮށްފިނަމަ މެޑަލް ވެސް ލިބުން ވަރަށް ގާތް،" ބޭބެ ބުންޏެވެ.
މި އަހަރު ވޮލީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ބޭބެ ހަމަޖެއްސުމުން އޭނާ އަންހެން ޓިމާ ދުރަށް ޖެހިލި އެވެ. އެ މުއްދަތުގެ ތެރޭގައި އަންހެން ޓީމުގެ ކޯޗަކަށް ހަމަޖެއްސި ފަތުހުﷲ ވަހީދު (ފައްލޯ) އާއި މުހައްމަދު ނަދީމް ވަނީ ޓީމު ކުރިއަށް ގެންދިއުމަށް މަަސައްކަތްތަކެއް ކޮށްފަ އެވެ. ފައްލޯ އާއި ނަދީމް ތަފާތު ސަބަބުތަކާ ހުރެ އިސްތިއުފާ ދިންއިރު، ބޭބެ ޓީމަށް އަލުން އައީ ޖުލައި މަހުގަ އެވެ.
ބޭބެ ޓީމާ ހަވާލުވެ އޮގަސްޓް މަހު އޮތް އޭޝިއަން ގޭމްސް އަށް ތައްޔާރުވި ނަމަވެސް އެ މުބާރާތުގައިގައި ގައުމީ އަންހެން ޓީމު ބައިވެރިނުކުރެ އެވެ. އޭގެ ބަދަލުގައި އޮލިމްޕިކް ކޮމިޓީން ވަނީ ތައިލެންޑްގެ ޓްރެއިނިން ކޭމްޕެއް އަންހެން ޓީމަށް ދީފަ އެވެ. ބޭބެ ވަނީ އެ ޓްރެއިނިން ކޭމްޕްގައި ޓީމަށް ލިބުނު ކުރިއެރުން ފާހަގަކޮށްފަ އެވެ.
"ތައިލެންޑް ޓީމުތަކުގެ ކޯޗުން ވެސް ވަރަށް ބޮޑަށް ފާހަގަކުރި ޓީމަށް ލިބިފައި އޮތް ކުރިއެރުން. ވަރަށް ބޮޑަށް ކުޅުންތެރިންނަށް ތައުރީފް ވެސް ކުރި،" ވޮލީގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބޭބެ ބުންޏެވެ.
"ރަނގަޅު ޕްލޭނަކާ އެކު އަޅުގަނޑު 2019 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކުއްލިއަކަށް މިދިޔަ މަހު އެސޯސިއޭޝަނުން ނިންމީ އަޅުގަނޑު މަގާމުން ދުރުކޮށް ސަތޯއާ ޓީމު ހަވާލުކުރަން."
ވޮލީބޯލް އެސޯސިއޭޝަންގެ ހިންގުމާ މެދު ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފްގެ ލީޑަޝިޕްގައި މައްސަލަތައް ހުރިކަން ފާހަގަކޮށް ދާދި ފަހުން އެ އެސޯސިއޭޝަންގެ ސީނިއާ ނައިބު ރައީސްގެ މަގާމުން މުހައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ