އަނިޔާވެރިކަމުގައި ރައީސް ޔާމީން އާއި ޝައިޚް އިމްރާން އާއި ދެމެދު އެއްވެސް ތަފާތެއް ނެތް: އެމްޓީޑީ

އަނިޔާވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މި ސަރުކާރުގެ ހޯމްމިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ދެމެދު އެއްވެސް ތަފާތެއް ނެތް ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.
އެމްޓީޑީގެ ރައީސް ކަމަށް އެޕާޓީގެ ކައުންސިލުން އައްޔަންކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގޭ ބަންދުގައި ހުންނަވަނިކޮށް ކުއްލިގޮތަކަށް އަނބުރާ ޖަލަށް ގެންދިޔަ މައްސަލައާއި ގުޅިގެން އެމްޓީޑީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އިސްމާއިލް އާސިފް ވިދާޅުވީ ރާއްޖޭގެ ބައެއްނޫސްތަކަށް ތަފާތު މައުލޫމާތު ދިނުމުގެ ބަދަލުގައި މީޑިޔާގެ ކުރިމަތީގައި ސިޔާސީ ބަހުސަކަށް ވަޑައިގަންނަވަން މިނިސްޓަރު އިމްރާން އަށް ދަންނަވާ ކަމަށެވެ.
އާސިފް ވިދާޅުވީ އަނިޔާވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޝެއިޚް އިމްރާންއާ ދެމެދު އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އަދި ޑޮކްޓަރުންގެ  އިރުޝާދުތަކާއި ޚިލާފަށް ރޭގަނޑުގެ ވަކިގަޑިއެއްގައި އަދީބު ޖަލަށް ގެންދަނީ ކީއްވެގެންތޯ ވެސް އާސިފްވަނީ ޝެއިޚް އިމްރާނާއި ސުވާލުކުރައްވާފައެވެ.
”އަނިޔާވެރިކަމުގައި ރައީސ ޔާމީންއާއި އެއްވެސް ތަފާތެއް ނެތް. ރޭގަނޑު ގަނޑިއެއްގައި އައިސް މި ގެންދަނީ ގޭ ބަންދުގައި ހުރި މީހެއް. ކީއްވެތޯ ރަސްމީގަޑީގައިނުގެންދެވެންވީ. ރަސްމީ ގަނޑީގަ ވެސް ގެންދެވޭނެ ނޫންތޯ؟“ އެމްޓީޑީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އިސްމާއިލް އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ އެމްޓީޑީ ނިކުމެ އޮތީ ވަރަށް ކެރިގެން ކަމަށާއި އެގޮތުން އެމްޓީޑީގެ މެމްބަރުން ތިބީ ”އެއްފައި އޮފީހުގަ އިނިއްޔާ އަނެއްފައި ޖަލު ގޮޅީގަ ބައިންދައިގެން“ ކަމަށެވެ.
އަދީބުގެ އާއިލާ އާއި އެމްޓީޑީގެ ފާޑުކިޔުން މިނިސްޓަރު އިމްރާން އަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ މިދަނޑިވަޅުގައި އަދީބު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ ޑޮކްޓަރުންގެ އިރުޝާދާއި ހިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ