ވެރިންނާއި ހާކިމުން ވެސް ވާން ޖެހޭނީ ހެޔޮލަފާ ބަޔަކަށް

އީމާންތެރިކަމުން ތަރުބިޔަތު ވެފައިވާ ހެޔޮލަފާ ޟަމީރުތަކެއްގެ ވެރި ބަޔަކަށް މުސްލިމުން ވުމަށް އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅަ އެވެ. އެއީ ދިރިއުޅުމުގެ ތަފާތު އެކި މައިދާންތަކުގައި ރިވެތި އަޚްލާޤު ދަމަހައްޓައި މާތް އިޖުތިމާޢީ ހަޔާތެއް ގާއިމު ކުރުމަށްޓަކަ އެވެ. އިންސާނާގެ ޟަމީރު ހެޔޮ ގޮތުގައި ތަރުބިޔަތު ވެއްޖެ ނަމަ އޭގެ ހެޔޮ އަސަރު އެކި މައިދާންތަކުން ފެނިގެންދާނެ އެވެ.
މިގޮތުން މާލީ ހައްގުތައް އަދާކުރުމުގަޔާއި ކުށްތަކަށް އިއުތިރާފުވެ އުގޫބާތް ތަހައްމަލް ކުރުމުގަޔާއި ގާނޫނުތަކަށް ބޯލަނބައި އަމާނާތްތަކަށް ރައްކާތެރިވުމުގަޔާއި، ސިޔާސަތުތައް ހިންގައި ހުކުމް ކުރުމުގަޔާއި ވިޔަފާރި އާއި މުއާމަލާތުތަކުގަޔާއި، އެހެން މީހުންނަށް ހެޔޮ ފޯރުވުމާއި އިސްކަން ދިނުން ފަދަ ކަންކަމުގައި މީގެ ހެޔޮ އަސަރު ފެންނާނެ އެވެ.
މި ދެންނެވި މައިދާންތަކުގެ ތެރެއިން މިލިޔުމުގައި މި ބަލައިލަނީ ސިޔާސަތުތައް ހިންގައި ވެރިކަން ކުރުމުގައި ނުވަތަ އަދުލު އިންސާފުން ހުކުމް ކުރުމުގައި ހެޔޮލަފާ ޟަމީރަކުން ފެނިގެންދާނެ ހެޔޮ އަސަރުގެ މައްޗަށެވެ. ސިޔާސީ ކަންކަމާއި ވެރިކަން ހިންގުމާއި މީސްތަކުންގެ މައްޗަށް ހުކުމް ކުރުމުގެ ދާއިރާ އަކީ ބޮޑާކަމާއި އަނިޔާވެރިކަމާއި މަކަރު ހީލަތް ހެދުމާއި ވަކި ބަޔަކަށް ތަފާތު ކުރުން ފަދަ ނުރަނގަޅު އެތައް ސިފަތަކެއް ފެނިގެންދާ ދާއިރާ އެކެވެ.
ނަމަވެސް މިދާއިރާގައި ވެސް މަސައްކަތް ކުރާ މީހުންނަކީ އީމާންތެރިކަމުން ތަރުބިޔަތުވެފައިވާ ހެޔޮ ޟަމީރުތަކެއްގެ ވެރިން ކަމުގައި ވެއްޖެނަމަ މިދެންނެވި ފަދަ ނުރަނގަޅު ސިފަތައް ނެތިގެންދާނެ އެވެ. ނުވަތަ އެންމެ ކުޑަމިނުން އެފަދަ ކަންކަން މަދުވެގެންދާނެ އެވެ.
އިސްލާމީ ތާރީޚަށް ބަލާއިރު ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ގެ އަރިއަހުން ނަމޫނާ ލިބިވަޑައިގެން އެކަލޭގެފާނުގެ މަދަރުސާ އިން ތަރުބިޔަތުވެ ވެވަޑައިގަތް ޚަލީފާއިންނާއި ފަނޑިޔާރުންނަކީ ވަރަށް ވަރުގަދަ ޟަމީރުތަކެއްގެ ވެރި ބަޔަކު ކަމުގައިވި އެވެ. ގާތްތިމާގެ މީހަކަށް ވީތީ ހެޔޮކޮށް ހިތުމަކީ ނުވަތަ އެމީހަކާ މެދު ދެކޮޅުވެރިކަމެއް އޮތް މީހަކަށް ވީތީ އަނިޔާވެރިވުމަކީ އެ ބޭފުޅުންގެ ކިބައިން ފެނިގެން ދިޔަ ކަމެއް ނޫނެވެ.
ހުކުމްތައް ތަންފީޒު ކުރެއްވުމުގައި ވަކި މީހަކަށް އެބޭފުޅުން ނުބައްލަވަ އެވެ. ތަނަވަސްކަމާއި އާރާއި ބާރު އެބޭފުޅުންނަށް ލިބިވަޑައިގެންވާ ހާލަތުގައި ވެސް ޒާހިދުކަން މަތީ އެބޭފުޅުން އުޅުއްވި އެވެ. މި ކަންކަމުގެ އެންމެ ބޮޑު ސިއްރަކީ ހެޔޮލަފާ ޟަމީރުގެ ވެރިން ކަމުގައި އެބޭފުޅުން ވުމެވެ. މުޖުތަމައުގައި ހަމަހަމަ ކަމާއި އަދުލުވެރިކަމާއި މާތް ސިފަތައް ގާއިމު ވުމުގައި މިކަމުން ވަރަށްބޮޑަށް އަސަރު ފޯރާފައިވާ ކަން އެނގެއެވެ. އެބޭކަލުންގެ ސީރަތުން މީގެ މިސާލުތައް ފެނިގެން ދެއެވެ.
އުމަރުގެފާނުގެ ޒަމާނުގައި ބަނޑުހައި ހޫނުކަމުގެ އަހަރެއް އައެވެ. ތެޔޮ ފޮދެއްގައި ޖައްސަވާލައްވައިގެން ރޮށިކޮޅެއް ފިޔަވައި އެހެން އެއްޗެއް އެކަލޭގެފާނު ވެސް ފަރީއްނުކުޅުއްވަ އެވެ. ބައެއް އަސްހާބުންނަށް މިކަން އެނގިވަޑައިގެން އެ ވާހަކަ ދެންނެވުމުން ވިދާޅުވީ "މީސްތަކުން ބަނޑުހައި ހޫނު ކަމުގައި ތިއްބައި ތިމަން ކަލޭގެފާނު ފަރީއްކުޅުއްވާ ނަމަ އެއީ ވެރިއެއްގެ ކިބައިން ފެނިގެންދާނެ ނުބައިކަން ބޮޑުވެގެންވާ ސިފައެކެވެ."
އެހެން ދުވަހަކު އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲގެ ފާނުގެ ތުއްޕުޅު ދަރިކަނބަލަކު ވަރަށް ބޮޑަށް ބަނޑުފުޅު ހައިވެގެން އުޅުއްވާތަން ފެނިވަޑައިގަތުމުން އޭގެ ސަބަބާ ބެހޭ ގޮތުން ސުވާލު ކުރެއްވި އެވެ. ޢަބްދުﷲގެފާނު ވިދާޅުވީ "ބައްޕާފުޅުގެ ބެއްލެވުމުގެ ދަށުގައި ކާބޯތަކެތި ހުންނަ އިރު ވެސް އަޅުގަނޑުމެންނަށް ނުދެއްވާތީ މިފަދަ ކަންކަން މެދުވެރިވާނެ ނޫންތޯ އެވެ؟"
ޢުމަރުގެފާނު ވިދާޅުވިއެވެ. "އޭ ޢަބްދުﷲ އެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދުގައި ވަނީ ﷲގެ ފޮތެވެ. އެފޮތުގައި ތިޔަބައިމީހުންނަށް ދިނުމަށް ފަރުޟު ކުރެވިފައިވާ އެއްޗެއް ފިޔަވައި އެހެން އެއްޗެއް ތިމަންކަލޭގެފާނު ނުދެއްވާނަމެވެ. ތިޔަބައިމީހުން އެދެނީ ތިޔަބައިމީހުންނަށް ހައްގު ނޫން އެއްޗެއް ދެއްވައިގެން ތިމަންކަލޭގެފާނު ޚާއިނެއް ކަމުގައި ވެވަޑައިގަތުމަށް ހެއްޔެވެ؟"
ޢުމަރުގެފާނުގެ ސިފަފުޅުތައް ބަޔާން ކުރައްވަމުން އިބްނު ކަޘީރު ފާހަގަ ކުރައްވާފައިވާ ސިފަފުޅުތަކުގެ ތެރޭގައި ތަވާޟުޢުވެރިކަމާއި ދިރިއުޅުއްވުމުގެ ކުރަކިކަމާއި އަމިއްލަ އަތްޕުޅުން މަސައްކަތް ކުރެއްވުން ފަދަ ސިފަފުޅުތައް ބަޔާން ކުރައްވާފައި ވެއެވެ.
މުއުމިނުންގެ އަމީރު ޢަލީގެފާނަކީ ވެސް އީމާންތެރިކަމުން ތަރުބިޔަތު ލިބިވަޑައިގެންފައިވި ޟަމީރެއްގެ ވެރި ބޭކަލެކެވެ. އެއް ފަހަރަކު އެކަލޭގެފާނު ކުރެއްވެވި ހުކުމަކާ ގުޅޭ ގޮތުން ޖަޢުދުބުނު ހުބައިރާ ވިދާޅުވި އެވެ. "ކަލޭގެފާނުގެ އަރިހަށް ދެމީހުން އައި ހިނދު އޭގެ ތެރެއިން އެކަކީ އޭނާގެ މުދަލާއި އަނބިދަރިންނަށްވުރެ ވެސް ކަލޭގެފާނު ދެކެލޯބިވާ މީހެކެވެ. އަނެކަކީ ކަލޭގެފާނު ގަތުލުކޮށްލަން ކިރިޔާ ފުރުސަތެއް ލިބުނަސް ގަތުލު ކޮށްލާނެ މީހެކެވެ. އެކަމަކު ކަލޭގެފާނު ތިޔަ ހުކުމް ކުރެއްވީ އަނެކާގެ މައްޗަށް މީނާގެ ކޮޅަށެވެ." އެހިނދު ޢަލީގެފާނު ވިދާޅުވީ މިއީ ﷲ ގެ ހައްގުގައި ކުރާ ކަމެއް ކަމުގައެވެ.
އަދިވެސް ޢަލީގެފާނާ ބެހޭ ގޮތުން ރިވާވެގެން ވެއެވެ. އެކަލޭގެފާނުގެ އައްޑަނަކޮޅެއް ގެއްލުމަށް ފަހު ނަސްރާނީއެއްގެ އަތުން އެ ފެނިވަޑައިގެން އެ މީހާ ގޮވައިގެން ޤާޟީ ޝުރައިޙު އަރިހަށް ވަޑައިގަތެވެ. އަދި ވިދާޅުވި އެވެ. "މިއީ ތިމަންކަލޭގެފާނުގެ އައްޑަނަ އެވެ. ތިމަންކަލޭގެފާނު އޭނާ އަށް އެ ނުވިއްކަވަމެވެ. އަދި ހިބައިން ވެސް ނުދެއްވަމެވެ."
މި ވާހަކަފުޅާ މެދު އެއްޗެއް ބުނުމަށް ނަސްރާނީ އަށް ޝުރައިޙު ފުރުސަތު ދެއްވިއެވެ. އެހިނދު އޭނާ ބުނީ މިއީ ތިމަންނާގެ އައްޑަނައެއް ކަމަށެވެ. އަމީރުލް މުއުމިނީން އެ ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. އެހެންވެ ޝުރައިޙު ޢަލީގެފާނަށް ވިދާޅުވީ "ކަލޭގެފާނުގެ އެއްޗެއް ކަމަށް އޮތް ހެއްކަކީ ކޮބައިތޯ އެވެ؟" ޢަލީގެފާނު ވިދާޅުވީ ހެއްކެއް ނެތް ކަމަށެވެ. އެހެންވެ ޝުރައިޙު ނިޔާ ކަނޑައެޅުއްވީ އެއީ ނަސްރާނީގެ އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް މި ހުކުމް ރަނގަޅު ކަމަށް ޢަލީގެފާނު އެއްބަސްވެ ވަޑައިގަތެވެ.
އައްޑަނަ ހިފައިގެން ނަސްރާނީ ކަލޭގެ ނިކުމެގެން ގޮސް މަދު ފިޔަވަޅު ކޮޅަކަށް ފަހު އެނބުރި އަތުވެއްޖެ އެވެ. އައިސް ބުންޏެވެ. "ހަމަކަށަވަރުން މިއީ ނަބީބޭކަލުންގެ ހުކުމް ކުރެއްވުމާ އެއްފަދަ ހުކުމް ކުރެއްވުމެއް ކަމަށް ތިމަން ހެކިވަމެވެ. އަމީރުލް މުއުމިނީން އެކަލޭގެފާނުގެ ޤާޟީ އަރިހަށް ވަޑައިގެން ޤަޟިއްޔާ ހުށަހެޅުއްވުމުން ޤާޟީ އެ ހުކުމް ކުރެއްވީ އެކަލޭގެފާނާ އިދިކޮޅަށެވެ."
މިހެން ބުނެ އޭނާ ޝަހާދަތް ކިޔައި އިސްލާމްވެ، އެ އައްޑަނައަކީ ޢަލީގެފާނުގެ އައްޑަނައެއް ކަމަށް އިޢުތިރާފު ވިއެވެ. އަދި ބުންޏެވެ. "ޞިއްފީން ހަނގުރާމައިގެ ދުވަހު ޢަލީގެފާނު އަތްޕުޅުން އޭތި ވެއްޓުނީމާ އަހަރެން ނެގީ އެވެ. އެކަމަކު ތިމަން މިހާރު އިސްލާމް ވެއްޖައީމެވެ. މިއީ އެކަލޭގެފާނުގެ މިލްކެކެވެ."
މި ހާދިސާގައި ވެސް ޚަލީފާގެ ސިޔާސަތު ގެންގުޅުއްވީ އަދި ޤާޟީ ހުކުމް ކުރެއްވީ ވެސް ހެޔޮލަފާ ޟަމީރެއްގެ ހެޔޮ އަސަރުންނެވެ. ޚަލީފާ އަށް ލިބިވަޑައިގެންފައިވީ ބާރުގެ ބޭނުމެއް ނުކުރައްވަ އެވެ. ޤާޟީ ވެސް ހުކުމް ކުރެއްވުމުގައި ޚަލީފާއަކަށް ވީތީ ހެޔޮ ގޮތެއް ހައްދަވައިދެއްވާކަށް ނޫޅުއްވަ އެވެ. ޚަލީފާގެ ތެދުވެރިކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ހިނދު ވެސް އެކަލޭގެފާނުގެ ކޮޅަށް ހުކުމް ކުރެއްވުމަށްޓަކައި އެއްވެސް މަސައްކަތެއް ޤާޟީ ނުކުރައްވަވަ އެވެ.
ޢަލީގެފާނަކީ ތަވާޟުޢުވެރިކަމާއި ޒާހިދުކަމުގައި ވެސް ލާމަސީލު މިސާލެކެވެ. ތުރު ކުރައްވަން ބައްލަވައިގަންނަވާނީ އަގުހެޔޮ ހެދުންކޮޅެވެ. އަމިއްލަފުޅަށް ބާޒާރު ކުރައްވަ އެވެ. ނިކަމެތިންނަށް އެހީތެރިވެ ދެއްވައި، ހެޔޮމަގަށް މީހުންނަށް އިރުޝާދު ދެއްވާ ހައްދަވަ އެވެ. މިހުރިހާ ކަމަކީ ވެސް ހަމަ ހެޔޮލަފާ ޟަމީރެއްގެ ހެޔޮ އަސަރެވެ.
ޢުމަރުބުނު ޢަބްދުލް ޢަޒީޒަކީ ވެސް ޒާހިދުކަމުގައި އަރާ ހުންނެވި ބޭފުޅެކެވެ. މާލިކު ބްނު ދީނާރު ވިދާޅުވި އެވެ. "މީސްތަކުން ބުނެ އުޅެނީ މާލިކަކީ ޒާހިދެއް ކަމުގަ އެވެ. އެކަމަކު ޢުމަރުބުނު ޢަބްދުލް ޢަޒީޒާ އަޅައިބަލާއިރު ތިމަންގެ ހުރީ ކޮން ޒާހިދު ކަމެއް ހެއްޔެވެ؟ މުޅި ދުނިޔެ އެކަލޭގެފާނަށް އެކީ ލިބިވަޑައިގަތް އިރުވެސް އެހުރިހާ ކަމެއް އެކަލޭގެފާނު ވަނީ ދޫކުރައްވާފައެވެ."
މިއީ ހަގީގަތުގައި ވެސް ތެދެކެވެ. އެކަލޭގެފާނުގެ މުޅި ޚިލާފަތުގެ މުއްދަތުގައި ވެސް ގެންގުޅުއްވީ ހަމައެކަނި އެންމެ ގަމީހެކެވެ. އެއް ދުވަހަކު އެކަލޭގެފާނު ފަރީކުޅުއްވަން މޭބިސްކަދުރުކޮޅެއް ބައްލަވައިގަންނަވަން ދިރުހަމެއް ދަރަންޏަށް ނަންގަވަން އަނބިކަނބަލުން އަރިހު އެދިވަޑައިގަތެވެ. އެކަމަނާ ވިދާޅުވި އެވެ. "ނެތެވެ. ކަލޭގެފާނުގެ ޚަޒާނާ އިން އެ މިންވަރު ނަންގަވަންވީ ނޫންތޯ އެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ. "އަތްފައިގައި ކަސްތޮޅު އެޅިގެން ނަރަކައިގެ އަލިފާނުގައި އިނުމަށް ވުރެ އެއްޗެއް ފަރީނުކުޅުއްވައި ހުންނެވުން މާބޮޑަށް ވެސް ފަސޭހައެވެ."
އެކަލޭގެފާނުގެ ޚަލީފާ ކަމުގެ މުއްދަތުގައި އަނިޔާވެރިކަން ފެތުރެން އެއްގޮތަކަށް ވެސް ފުރުސަތެއް ނުދެއްވަ އެވެ. ދަރަނިވެރިންނާއި ކައިވެނި ކުރަން ބޭނުން މީހުންނާއި ޔަތީމުންނާއި މިސްކީނުންނާއި މިނޫން ވެސް އެހީތެރިކަން ބޭނުންވާ އެންމެންނަށް އެހީތެރިކަން ފޯރުކޮށްދެއްވި އެވެ. މިފަދަ އަޚުލާގެއް މިކަލޭގެފާނަށް ވެސް ލިބިވަޑައިގެންފައި މިވަނީ ހަމަ އީމާންތެރިކަމުން ތަރުބިޔަތުވެފައިވި ހެޔޮ ޟަމީރެއްގެ ސަބަބުންނެވެ.
ވެރިކަން ކުރުމާއި ހުކުމް ކުރުމުގައި މިނޫނަސް މިފަދަ އެތައް މިސާލުތަކެއް އިސްލާމީ ތާރީޚުން ފެންނާނެ އެވެ. އީމާންތެރިކަމުން ތަރުބިޔަތުވެފައިވާ ޟަމީރުތަކެއް ވާނަމަ މިއަދު ވެސް މިއާ ގާތްކުރާ ފަދަ މިސާލުތައް ފެންނާނެ އެވެ. ވީމާ ސިޔާސަތާއި ވެރިކަން ކުރުމުގައި އަދި މިނޫނަސް ދިރިއުޅުމުގެ އެހެން މައިދާންތަކުގައި ވެސް އެންމެ ފުރިހަމަ ގޮތުގައި އަމަލުތައް ބަހައްޓައި މުޖުތަމައުގައި މާތް ސިފަތައް އަށަގެންނެވުމަށްޓަކައި ހެޔޮލަފާ ޟަމީރު ވަރަށް މުހިންމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ