ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ ވަސީލަތްތައް ގާއިމުކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ކުޅިވަރު މުބާރާތްތައް ބޭއްވޭނެ ފަދަ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން މެންބަރުން ވަނީ ސާފް ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި އެކިއެކި އިންވިޓޭޝަނަލް ގޭމްސް ރާއްޖޭގައި ބޭއްވުމުގެ މަގު ފަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އަދި އެތުލެޓިކްސް އާއި ފެތުމަށް ރާއްޖޭގައި އެކަށީގެންވާ ވަސީލަތްތަކެއް ގާއިމުކުރެވިއްޖެ ނަމަ އެފަދަ ސަރަހައްދީ އަދި ބައިނަލްއަގުވާމީ އެކިއެކި މުބާރާތްތައް ރާއްޖޭގައި ބޭއްވިދާނެކަން ފާހަގަކުރެއްވި އެވެ.
މިއަދުގެ ޖަލްސާގައި، ސާކް ގައުމުތަކުގެ މެދުގައި އިމިގްރޭޝަން އޮތޯރިޓީޒް ޖަމިއްޔާއެއް އުފެއްދުމަށް ވެސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ މި ޖަމިއްޔާ އަކީ ސާކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި މައުލޫމާތާއި އިންޓެލިޖަންސް ހިއްސާކޮށް، އިމިގްރޭޝަން މެނޭޖްމަންޓް ހަރުދަނާ ކުރުމާއި ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި އިމިގްރޭޝަންގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ހުނަރު އިތުރުކުރުމަށްޓަކައި، މި ސަރަހައްދުގެ ގައުމުތަކުގެ އިމިގްރޭޝަންގެ މެދުގައި އުފައްދާ ޖަމިއްޔާއެއް ކަމަށެވެ.
ސާކް ހިމެނޭ ގައުމުތަކުގެ ތެރެއިން އިމިގްރޭޝަން މެނޭޖްމަންޓުން ކުރިއެރުން ހޯދާފައިވާ ގައުމުތަކުގެ އެހީގައި ރާއްޖޭގެ އިމިގްރޭޝަން މުވައްޒަފުން ތަމްރީނުކޮށް، އިމިގްރޭޝަންގެ ހިންގުން ހަރުދަނާ ކުރުމަށް މިކަމުން މަގުފަހިވެގެންދާނެކަން ވަޒީރުން ފާހަގަކުރައްވާފައިވެ އެވެ. އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިކުރުވާފާނެ ކަމަށް ޝައްކުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ލިބޭނެ ނިޒާމެއް ގާއިމުކުރުމުގެ މަގުވެސް މިކަމުން ފަހިވެގެންދާނެ ކަމަށް މެންބަރުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ