އެމްޑީޕީގެ ތިލަފަތް މިހާރު ހަމަކޮށްދޭން ޖެހެނީ ޕީޕީއެމްއިން: ޔާމީން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރަމްޒު ކަމަށްވާ ތިލަަފަތް ހަމަކޮށްދޭން ޖެހެނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނިކުމެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޕީޕީއެމްއިން ވާދަކުރާ ކެންޑިޑޭޓް، ފާތިމަތު ނާޒިމާއަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސަރުކާރާއި ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރަމްޒެއްގެ ގޮތުގައި ހުންނަނީ ތިލަފަތެއް ކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެ ޕާޓީގެ އިސް ދެ ލީޑަރުން ތިއްބެވީ ތިލަފަތުގެ ދެ ފަޅީގައި ކަމަށެވެ. "މިހާރު ދެ ތިލަފަތް ހުރީމާ އެބަ އެނގޭ އެމީހުން ވިސްނައިފައި ކުރި ކަމެއް ކަން، އެއް ތިލަަފަތުގައި އެއިނީ [ރައީސް] އިބްރާހީމް މުޙައްމަދު ޞާލިޙު، އަނެއް ތިލަފަތުގައި އެއިނީ ރައީސް ނަޝީދު،" ރައީސް ޔާމީން ވިދާޅުވިއެވެ. ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެމްޑީޕީ ބައިބައިވެފައިވާ ކަމަށާއި މިހާރު އެ ޕާޓީގެ "ތިލަފަތް ހަމަކޮށްދޭން ޖެހެނީ" އިދިކޮޅު ޕީޕީއެމުން ނިކުމެ ކަމަށެވެ. "ތިލަފަތް ހަމަކޮށްދޭން ޖެހެނީ ޕީޕީއެމުން ނިކުމެ، މިހާރު އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވެސް ހީވޭ ޕީޕީއެމުން އަބްދުއްރަހީމާއި ރައީސް ޔާމީނާ ތާއީދުކުރަނީ އެމްޑީޕީގެ ވަކި މީހަކު ޗެއާމަނަކަށް އަންނާށޭ،" ޔާމީން ވިދާޅުވިއެވެ. ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ އެމްޑީޕީގެ ދަފްތަރު އޮތީ އެތެރޭގެ އިންތިހާބުތަކަށް އިދިކޮޅު ޕީޕީއެމަށް ނުފޫޒު ފޯރުވޭ ގޮތަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ކެމްޕެއިނު ދަތުރެއްގައި އދ. މަހިބަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އިދިކޮޅު ޕީޕީއެމްގެ 20،000 މީހުންނަށް ވޯޓު ލެވޭ ކަމަށެވެ. "އަޅުގަނޑުމެންގެ [ޕާޓީގައި] 94،000 މީހުން ތިބިއިރުގައި، މި ޕާޓީގެ ރައީސް ކަނޑައަޅަން ނުވަތަ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަން ނޫނިއްޔާ މި ޕާޓީން ގައުމީ މަޖިލީހަށް ނުވަތަ ރައްޔިތުންގެ މަޖިލީހަށް ނުކުންނަ ކެންޑިޑޭޓު ހޮވަން ޕީޕީއެމްގެ 20،000 މީހުންނަށް އެބަ ވޯޓުލެވޭ،" ފައްޔާޒް ވިދާޅުވިއެވެ. "އެހެންވީމާ އެ މީހުންނެއް ނޫންތޯ މި ޕާޓީގައި ގޮތް ނިންމަނީ." ފައްޔާޒް ވަނީ މިކަން ބަދަލުކުރަން ޖެހޭ ކަމަށާއި ޗެއާޕާސަން ކަމަށް ހޮވިއްޖެ ނަމަ އެ ކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ