ރައީސް ނަޝީދު ބޭނުންފުޅުވަނީ ބޮޑުވަޒީރަކަށް ވެވަޑައިގެން، މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލަން!

ދިވެހިރާއްޖޭގައި ވެރިކަންކުރަމުންދާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ބޭނުންފުޅުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ފޮނުއްވި މެސެޖެއްގައެވެ. އެކަމުގެ މަޝްވަރާތައް ކުރައްވަން ބޭނުންވާކަމަށްބުނެ އިއްޔެ ހަވީރުގެ ވަގުތެއްގައި، ރައީސް ޞާލިހަށް އަދި ކެބިނެޓްގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެންބަރުންނަށް މެސެޖެއް ފޮނުއްވިކަން "ވޮއިސް"އަށް ވަނީ އެނގިފައެވެ.
މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ކުރިން ފެށިގެން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމަށް ތާއިދުކުރައްވައި، ވަކާލާތު ކުރައްވާފައި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެމަނިކުފާނު ވަނީ ވަގުތު ޖެހުމުން، އެކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ވާހަކަ ދައްކަވާނެކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން ބޭނުންފުޅުވާފަދަ ވާހަކަތަކެއް ރައީސް ޞާލިހްގެ ފަރާތުން މިހާތަނަށް އާންމުގޮތެއްގައި އިވިފައެއް ނުވެއެވެ.
ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވަނީ 2023ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރެއް އެކުލަވާލުމަށް ހުށައަޅުއްވާފައެވެ. އަދި އެ އަހަރު ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި، މިހާރުގެ މަޖިލީހުގެ އިންތިޚާބު ބޭއްވެން ދެން ސަރުކާރު ދެމިއޮންނަގޮތަށް ހެދުމަށްވެސް އެދިވަޑައިގަންނަވާފައެވެ.
އެއަށްފަހު 2024ގައި ބާއްވާ މަޖިލީހުގެ އިންތިޚާބުގެ ކުރިން ގާނޫނަށް ގެނެވޭ ބަދަލުގެ ތެރެއިން، އަލަށް އިންތިޚާބުކުރެވޭ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަކު އައްޔަންކުރުމަށްވެސް ރައީސް ނަޝީދު ވަނީ ހުށައަޅުއްވާފައެވެ. ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަށްޓަކައި ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ ވޯޓަކަށް ދާންޖެހިދާނެކަމަށް ބެލެވެއެވެ.
2007ވަނަ އަހަރު ދިވެހިރާއްޖޭގައި ނެގުނު ވޯޓަކުން ވަނީ ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއްކަމަށް ކަނޑައަޅާފައެވެ. އެ ވޯޓުގައި އެމްޑީޕީން އޭރު ކެމްޕެއިންކޮށްފައިވަނީ ބަރުލަމާނީ ނިޒާމެއް އޮތުމަށެވެ. ނަމަވެސް މިދިޔަ އަހަރު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވަނީ އޭރުގެ ސަރުކާރުން އެ ވޯޓުގެ ނަތީޖާ އޮޅުވާލިކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ