ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަން ފަށައިފި

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށައިފި އެވެ.މި އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށް ނިންމާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހެވެ.އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރީ ފަހަރެކޭ އެއްގޮތަށް ގިނަ ގޮނޑިތަކެއް ހޯދީ އެމްޑީޕީންނެވެ. މީގެ ތެރެއިން 11 އަތޮޅު ކައުންސިލްގެ ރައީސް ކަން އެމްޑީޕީއިން ކާމިޔާބު ކުރިއިރު ބާކީ ހަތް އަތޮޅު ކައުންސިލްގެ ރައީސް ކަން ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމް އިންނެވެ. ސިޓީތަކުގެ ތެރެއިން މާލެ ސިޓީ ފިޔަވައި ދެން އޮތް ތިން ސިޓީގެ މޭޔަރު ކަމާއި އަޣުލަބިއްޔަތު ލިބުނީ އެމްޑީޕީއަށެވެ.ވޯޓުލައި ނިމޭތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން ގާނޫނު ލާޒިމު ކުރެ އެވެ. އެހެންކަމުން، އިލެކްޝަނުން އެކަން ކުރަން ޖެހިފައި އޮތީ މި މަހުގެ 24ގެ ކުރިންނެވެ.ވޯޓުފޮށިތަކުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށާފައިވާއިރު، ބައެއް ފޮށިތަކުގެ ނަތީޖާ ޔަގީންކުރަން އަލުން ގުނި އެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ވޯޓު އޮޅުވާލީ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން މުޒާހަރާވެސް ކުރި އެވެ.ދާއިމީ ނަތީޖާ އިއުލާނު ކުރިޔަސް، ބައެއް ދާއިރާތަކުގައި ލިބުނު ވޯޓު އެއްވަރުވެފައިވާތީ ގޮނޑިއާ މެދު ގޮތެއް ނުނިމެ އެވެ. އެހެންވެ، އެ ދާއިރާތަކުގައި ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އަދި ބައި އިލެކްޝަން ބާއްވާނެ އެވެ.އިންތިހާބުގެ ވަގުތީ ނަތީޖާއިން މާލެ ސިޓީން ޕީޕީއެމަށް 13 ގޮނޑި ލިބިފައިވެއެވެ. އެމްޑީޕީއަށް ލިބިފައިވަނީ ހަ ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށް އެއް ގޮނޑި ލިބިފައިވެއެވެ. މީގެ އިތުރުން 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމަށް ލިބިފައިވަނީ ހަތް އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މަގާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ