އެއް ބަޔަކު އަނެއް ބަޔަކަށް ބާޣީންގެ ދަރަޖަ ދިނުން!

އިސްމާއީލް ރަޝީދު
ވެރިކަން ބަދަލުވުމާއެކު ސިޔާސީ މައިދާން ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިގެންދިޔަ އެވެ. ވެރިކަމުން ވެއްޓުނު މީހުންގެ ވާހަކަތައް އަމާޒުވެގެންދިޔައީ ވެރިކަމާ ހަވާލުވި އިއްތިހާދުގެ ބައިވެރިންނާ ދިމާލަށެވެ. އިއްތިހާދުގެ ބައިވެރިންގެ ޓާގެޓަކަށްވެގެންދިޔައީ އެމްޑީޕީ އެވެ.
އެދެބައި މީހުންގެ މެދުގައި ބަހުގެ ހަމަލަތައްދަނީ ރައްދުކުރަމުންނެވެ. ވެރިކަން ބަދަލުވި ދުވަހުގެ ފަހު ދުވަހު ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާގެ ސަޕޯޓަރުންނާ ބައްދަލުކޮށް، ވެރިކަން ބަދަލުވިގޮތުގެ ތަފްސީލެއް ދެއްވާފަ އެވެ. އެމްޑީޕީގެ  ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވީ މަޖުބޫރުކުރުވައިގެން، އެ ނޫން އެއްވެސް ގޮތެއް ނެތިގެންކަމަށެވެ. އަދި އެހާދިސާއަކީ ބަޣާވާތެއްކަމަށް ވިދާޅުވެ އެކަމުގައި އުޅުއްވި ބޭފުޅުންނަކީ ބާޣީންކަމަށް ވިދާޅުވި އެވެ. އެހިސާބުން ބާޣީންގެ ވާހަކަ ސިޔާސީ ބައްދަލުވުންތަކުގަ އާއި އެ ނޫން ވެސް ތަންތަނުގައި އެ ބަސް ބޭނުން އިތުރުވި ކަހަލަ އެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅާއެކު ބާޣީން ހަރަކާތުގައި އުޅުނުކަމަށް ގަބޫލް ކުރެވޭ މީހުންނާދިމާލަށް އެމްޑީޕީއަށް ސްޕޯޓްކުރާ ބައެއް މީހުން ބާޣީން" މި ބަސް ބޭނުންކޮށް މުހާތަބު ކުރަމުންދިޔަ އެވެ. ވެރިކަމާ ހަވާލުވި ފަރާތްތަކުން އެމްޑީޕީއަށް ތާއިދު ކުރާ މީހުންނަށް "ބާޣީން" ގެ ނަމުން މުހާބަތަކު ކުރަން ފެށި އެވެ. އެއްބަޔަކު އަނެއް ބަޔަކަށް ބާޣީންނަކީ ތިއީ ކަމަށް ބުނެ ވާހަކަ ދައްކަމުން ދަނިކޮށް މަދަނީ އިއްތިހާދުން ހުކުރު ދުވަހު ބޭއްވި މަހާސިންތާގައި ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ހަގީގީ ބާޣީންނަކީ އެއީ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
"ހަގީގީ ބާޣީންނަކީ އަޅުގަނޑުމެންނާ ދިމާލަށް ބާޣީން ކަމަށް ބުނާ މީހުން،" ހެދިގޮނޑުދޮށަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ ބަޔަކާ މުހާތަބު ކުރައްވާ ވަރަށް ފޯރީގައި ރައީސް ވަހީދު ވިދާޅުވި އެވެ.
ބާޣީންގެ ވާހަކަ ގުގުމާފައިވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ދުވަހުން ފެށިގެނެ އެވެ. ބެލެވޭގޮތުގައި އެ ބަސް ބޭނުންކުރަން ފެށީ ވެރިކަން ބަދަލުވިގޮތުގެ މައްޗަށް ނަޒަރުކުރުމަށް ފަހުގަ އެވެ. "ބަޣީން" މި ބަސް ދިވެހި ރަދީފުގައިވާގޮތުން ބޭނުން ކުރަނީ " ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް މަސައްކަތްކުރާ މީހުން" ނަށެވެ.
ވެރިކަމުން ވެއްޓުނު މީހުންނަށް ބާޣީންގެ ދަރަޖަ ދިން އިރު، ވެރިކަމުގައި ތިބި މީހުންނަށް ވެސް ދީފައިވަނީ ބާޣީންގެ ލަގަބެ އެވެ.
އެއް ބަޔަކު އަނެއްބަޔަކަށް ބާޣީން ނޭ ކިޔާގޮވަމުންދާއިރު ހަގީގީ ބާޣީންނަކީ ކޮބައިކަމެއް ރައްޔިތުންނަކަށް ނޭނގެ އެވެ. ނަމަވެސް އެގޭ އެއް ހަގީގަތަކީ ދިވެހި ރަދީފުގައި "ބާޣީން" ނޭ ބުނެފައިވަނީ "ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް މަސައްކަތްކުރާ މީހުން" ނަށް ކަމެވެ.
ބަޣާވާތް ކުރުމަކީކޮބައިކަން ބައެއް ގާނޫނުތަކުގައި ބަޔާންކޮށްފައި ވެ އެވެ. އެގޮތުން ދިވެހި ސިފައިންގެ ގާނޫނުގެ 33 ވަނަ މާއްދާގައި ބުނެފައިވަނީ ސިފައިންގެ ތެރޭގައި ބަޣާވާތްކޮށްފިނަމަ ނުވަތަ ފިތުނަފަސާދަ އުފައްދައިފިނަމަ، ނުވަތަ އެއިން ކަމެއް ކުރަން ރާވައިފިނަމަ، ނުވަތަ އެފަދަކަމެއް ކުުރުމަށް ހިތްވަރުދީފިނަމަ، ނުވަތަ އެއިންކަމެއް އެހެން ބަޔަކު ކުރާކަން ނުވަތަ ރާވާކަން އެނގިހުރެ އެއިންކަމަކާބެހޭ މައުލޫމާތު ސިފައިންގެ އިސްވެރިޔަކަށް ނާންގައިފިނަމަ، ނުވަތަ އެންގުން ލަސްކޮށްފިނަމަ، އެފަދަ ސިފައިންގެ ކޮންމެ މީހަކު މި ގާނޫނުގެ ދަށުން ކުށްވެރިވާނެ އެވެ.
ސިފައިންގެ ގާނޫނުގެ 33 ވަނަ މާއްދާގައި މަތީގައިވާ އިބާރާތް ބަޔާންކޮށްފައިވާއިރު، ސިފައިންގެ ގާނޫނުގައި ބަޣާވަތްތެރިންގެ ވާހަކަ ވެސް ލިޔެފައިވެ އެވެ. އެގޮތުން ސިފައިންގެ ގާނޫނުގެ 48 ވަނަ މާއްދާގެ (ދ)ގައި ބަޣާވާތްތެރިންކަމަށް ބުނެފައިވަނީ "ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ގެއްލުންވާ ފަދަ އަމަލެއްކުރާ ދިވެހިންނެވެ." ސިފައިންގެ ގާނޫނުގައި ބަޣާވަތާބެހޭ ގޮތުން ދައްކާފައިވާ ވާހަކަތައް އެހެން ހުރިއިރު އެ ނޫން ބައެއް ގާނޫނުތަކުގައި ވެސް ބަޣާވަތާބެހޭ މާއްދާތައް ލިޔެފައިވެ އެވެ.
ގާނޫނުލްއުގޫބާގުތުގައި 33 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނުލް އުގޫބާތުގެ 29ވަނަ މާއްދާއިން ފެށިގެން 32 ވަނަ މާއްދާތަކުގައި ހުރިހާ ޒާތެއްގެ ބަޣާވާތެއްގެ ހިމެނެ އެވެ. ގާނޫނުލް އުގޫބާތުގެ 29 ވަނަ މާއްދާގައި ބުނެފައިވަނީ " ދައުލަތާއި އިދިކޮޅު އަމަލެއްކުރަން އުޅޭ ނުވަތަ އެކަމާ ބައިވެރިވާ ނުވަތަ އެކަމަށް އެހީވެދޭ މީހެއްގެ ޢުޤޫބާތަކީ، އުމުރަށް ޖަލަށްލުން، އުމުރަށް އަރުވާލުން ނުވަތަ ދިހައަހަރާއި ފަނަރަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން މި އެވެ."ގާނޫނުތަކުންނާއި ދިވެހި ބަހުގެ ރަދީފަށް ބަލާއިރު ބަޣާވާތުގެ ގޮތުގައި މަތީގައިވާ ކަންކަން ބަޔާންކޮށްފައިވާއިރު، ބާޣީންނޭ ކިޔައިގެން އެއްބަޔަކު އަނެއްބަޔަކަށް ބާޣީންގެ ނަމުން މުހާބަތު ކުރަމުންދާއިރު އުފެދޭ ސުވާލަކީ ހަގީގީ ބާޣީންނަކީ ކޮބާތޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ