ކުލަގަދަ ރަސްމިއްޔާތެއްގައި މެރީ ބްރައުން ރެސްޓޯރެންޓް ހުޅުވައިފި

ދުނިޔެ އަށް މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރެންޓެއް ކަމަށްވާ މެރީ ބްރައުންގެ ރެސްޓޯރެންޓެއް ރާއްޖޭގައި ހުޅުވައިފި އެވެ. ކުލަގަދަ ރަސްމިއްޔާތަކާ އެކު މާފަންނު ސްޓޭޑިއަމްގެ ޓެނިސް ކޯޓުގައި އިއްޔެ ހަވީރު އެ ރެސްޓޯރެންޓުގެ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. ރެސްޓޯރެންޓް ހުޅުއްވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ މިފަދަ ރެސްޓޯރެންޓެއް ދިވެހިން ބޭނުންވެފައިވާ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށާއި މިފަދަ ކަންކަން ފަހިވާ ގޮތަށް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. "ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއްގައި މިފަދަ ކަންކަން ފަހިވާ ގޮތަށް ހުރުމަކީ މުހިންމުކަމެއް،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ލިލީއަކީ އަބަދުވެސް މިފަދަ ކަންތައްތައް ރާއްޖެ އަށް ތައާރަފުކުރާ ކުންފުންޏެއް ކަމަށެވެ. "ރާއްޖޭގެ ޓޫރިޒަމް ފަށައިގެން 1980ގެ މެދާ ހިސާބުން މި ކުންފުނީގެ [ލިލީ] ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ފަހިކަމެއް ގެނެސްދިން. ކާބޯ ތަކެތީގެ ހިދުމަތް ދިނުމުގެ ބައި ލިލީ ސްޓޯރުން އޭރު ވަކިން ހިންގަމުން ދިޔައީމަ ވަރަށް ގިނަ ފަރާތްތަކަށް ފަސޭހަ ލިބިގެން ދިޔަ. އެ ބޭފުޅުން އެކަމަށް އިންވެސްޓް ކުރިވަރު އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ޓޫރިޒަމް މިއަދު މިދެކޭ ހިސާބަށް އައުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެއް. އެ ދުވަހު އެ މަސައްކަތްތައް ރާއްޖެ އަށް ތައާރަފުކުރި ފަދައިން މިއަދު އަނެއްކާވެސް ފެނިގެން މިދަނީ މުޅިއާ މަސައްކަތްތަކެއް ލިލީ ސްޓޯރުން އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ކުރަމުންދާތަން،" ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތަކީ ހުޅުވިފައިވާ، ވާދަވެރި މާކެޓެއްގައި ވިޔަފާރިތައް ކުރިއަށް ގެންދެވޭނެ މާކެޓެއް އުފެއްދުން ކަމަށާއި އެކަމަށްޓަކައި ސަރުކާރުން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން އަންނަ ކަމަށެވެ. "ކުރިން ސަރުކާރަށް އާމްދަނީ ލިބޭ މައިގަނޑު އެއް ދާއިރާއަކީ ޑިއުޓީން ލިބޭ އާމްދަނީ. ނަމަވެސް އޭގެ ބަދަލުގައި މިހާރު ސަރުކާރުން މި ބަދަލު ކުރަނީ ޑިއުޓީއެއް ނުނަގާ ތަކެތި އެތެރެ ކުރުމަށްފަހު އޭގެން ވިޔަފާރިކޮށް ނިމުމުން އެއިން ކުޑަ ޕަސެންޓެއް ސަރުކާރަށް ދިނުން،" ރައީސް ނަޝީދު ވިދާޅުވި އެވެ. މެރީ ބްރައުން ރެސްޓޯރެންޓް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެ ރެސްޓޯރެންޓް ހުޅުވަން ރާއްޖޭގައި އިންވެސްޓްކުރި ލިލީ ގްރޫޕްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރެސްޓޯރެންޓް ހުޅުވަން އެ ކުންފުނިން 12 މިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްފައިވާއިރު، އެތަނުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ވެސް ވަނީ ރާއްޖޭން ބޭރުން ތަމްރީން ދީފަ އެވެ. ދުނިޔޭގެ 15 ގައުމެއްގައި 300 ރެސްޓޯރެންޓް ހިންގަމުން ގެންދާ މެރީ ބްރައުންގެ ޗެއާމަން ލޯރެންސް ލިޔު ވިދާޅުވީ ރާއްޖޭގައި މެރީ ބްރައުންގެ ރެސްޓޯރެންޓެއް ހުޅުވޭތީ އުފާކުރައްވާ ކަމަށެވެ. "ރެސްޓޯރެންޓް ވިޔަފާރީގައި 30 އަހަރު އަހަރެމެން ހޭދަކޮށްފިން. ގިނަ ގައުމުތަކެއްގައި ރެސްޓޯރެންޓްތަކެއް ހުޅުވައިފިން. އަޅުގަނޑުމެންގެ އަޒުމަކީ މި ރެސްޓޯރެންޓުގެ އެންމެ ފުރިހަމަ ރަހަ ދިވެހިންނަށް ފޯރުކޮށްދިނުން،" މެރީ ބްރައުންގެ ފައުންޑާ ނޭންސި ލިޔުގެ، ފިރިކަލުން ލޯރެސް ވިދާޅުވި އެވެ. ރާއްޖޭގައި ހުޅުވި ފުރަތަމަ ފާސްޓް ފުޑް ރެސްޓޯރެންޓްގެ ގޮތުގައި މެރީ ބްރައުން ހުޅުވާފައިވާއިރު، އެތަނަށް އިއްޔެ ވެސް ގިނަ އަދަދެއްގެ ބަޔަކު ގޮސް މި ބްރޭންޑުގެ ކެއުންތަކުގެ ރަހަ ބަލާފައިވެ އެވެ. މި ރެސްޓޯރެންޓުން 30- 400ރ. އާ ދެމެދުގެ އަގުތަކެއްގައި ތަފާތު ކެއުންތައް ލިބެން ހުރިއިރު، އެ ބާވަތްތަކުގެ ތެރޭގައި ކުކުޅާއި ކަނޑު މަހާއި ސީފުޑް ހިމަނައިގެން ތައްޔާރުކޮށްފައި ހުރި ކެއުންތަކާއި ދިވެހިން އާއްމު ކެއުމަށް ބޭނުންކުރާ ރިހަ އާއި ބަތް އަދި ސަބްމެރިން ފަދަ ބާވަތްތައް ވެސް ލިބެން ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ