ސިޓީ ކައުންސިލުން ހިލާފުވީ ކޮން ގާނޫނަކާ ކަން އެނގޭކަށް ނެތް: ކައުންސިލް

އުސްފަސްގަނޑު ސަރަހައްދު ސިޓީ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް ބޭނުންކުރާ ކަމަށް ދައުލަތުން ބުނި ނަމަވެސް ސިޓީ ކައުންސިލުން ހިލާފުވެފައިވަނީ ކޮން ގާނޫނަކާ ނުވަތަ ގަވާއިދަކާ ކަން އެނގެން ނެތް ކަމަށް ސިޓީ ކައުންސިލުން އިއްޔެ ބުނެފި އެވެ.
ކައުންސިލުން އެހެން ބުނެފައިވަނީ އުސްފަސްގަނޑު އަތުލުމަށް ސިޓީ ކައުންސިލްގެ މައްޗަށް ދައުލަތުން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލައިގެ ޝަރީއަތުގަ އެވެ.
ދައުވާއަށް ޖަވާބުދާރީވަމުން ކައުންސިލުން ބުނެފައިވަނީ ކައުންސިލާ ބިންތައް ހަވާލުކުރި އެއްބަސްވުމުގެ ހަތަރު ވަނަ މާއްދާގައި އެތަން އަނބުރާ އަތުލެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ބިންތަކާ ގުޅޭ ގޮތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވަތަ ޓެކުހެއް ދައްކަންޖެހި އެ ފައިސާ ނުދައްކައިފިނަމަ އެތަން އަތުލެވޭނެ ކަމަށް އެ މާއްދާގައި ބުނެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ގާނޫނާއި ގަވާއިދާ ހިލާފަށް ކައުންސިލުން އެތަން ބޭނުންކުރާ ނަމަ ދައުލަތަށް އެ ބިން ނެގިދާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ދައުވާގައި ކައުންސިލުން އެތަން ގާނޫނާއި ގަވާއިދާ ހިލާފަށް ބޭނުންކުރާ ކަމަށް ބުނި ނަމަވެސް ގާނޫނާ ހިލާފަށް ކައުންސިލުން ކުރީ ކޮންކަމެއްކަން އެ ދައުވާގައި ބުނެފައިނުވާ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފުވިކަން ކަނޑައެޅުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ވެސް އަދި އެޓާނީ ޖެނެރަލަށް ވެސް ލިބިގެންނުވާ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އަދި އެކަން ކަނޑައެޅޭނީ އެކަމަށް އަދި ކުރާ ދައުވާއެއްގައި ޝަރީއަތުން ކަމަށާއި އެކަން އަމިއްލައަށް ކަނޑައެޅުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެންނުވާ ކަމަށް ވެސް ކައުންސިލުން ބުނެފައި ވެއެވެ.
އެހެންކަމުން އުސްފަސްގަނޑު ސަރުކާރާ ހަވާލުކުރަން ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ.
ކައުންސިލްގެ ވާހަކަތަކާ ގުޅިގެން ދައުލަތުން ބުނެފައިވަނީ އެ އެއްބަސްވުމުގެ ފަސް ވަނަ މާއްދާ އާއި ހަ ވަނަ މާއްދާ އަށް ބެލުމުން ކައުންސިލުން ހިލާފުވެފައިވަނީ ކޮބައިކަން އެނގޭނެ ކަމަށެވެ. އަދި ދައުވާއާ އެކު ހުށަހަޅާފައިވާ ލިޔުންތަކުން ވެސް އެކަން އެނގޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި ދައުވާ ސާފުނުވާ ކަމަށް ކައުންސިލުން ބުނަނީ މައްސަލަ ލަސްކުރުމަށްޓަކައި ކަމަށް ވެސް ދައުލަތުން ބުނެފައި ވެއެވެ.
އެ މައްސަލައިގެ އިއްޔެގެ އަޑުއެހުން ނިންމާލީ ކައުންސިލްގެ ވާހަކަތަކަށް ލިޔުމުން ޖަވާބުދާރީވުމަށް ދައުލަތަށް ފުރުސަތު ދިނުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ