ޗެކުތަކަކަށް ފައިސާ ނަގައިގެން ދަނިކޮށް ރަހީނުކޮށް ފޭރިއްޖެ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ޗެކުތަކަކަށް ފައިސާ ނަގައިގެން ނިކުތް މީހަކު ރަހީނުކޮށް ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ރަހީނުކޮށްފައިވަނީ އެހެން ކުންފުންޏަކުން އެސްބީއައިއަށް ޗެކުތަކެއް ޖަމާކޮށް ފައިސާ ނަގައިގެން ނުކުތް ބިދޭސީ މުވައްޒަފެއް ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.
އެ ބިދޭސީ މުވައްޒަފު މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފަކާ ހަވާލާދީ ރާއްޖޭގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުން، ފޭރިފައިވަނީ 130،000 ރުފިޔާއެވެ. އަދި އޭނާ އަތުން ފޭރިފައިވަނީ ޓެކްސީއަކަށް ގަދަކަމުން އަރުވައިގެން ގެންގޮސް، ހުޅުމާލޭގެ ކޮޓަރިއަކަށް ވެއްދުމަށްފަހު ތޫނު އެއްޗަކުން ބިރުދައްކައިގެން ކަމަށް ބުނެފައިވެއެވެ.
މައުލޫމާތު ދިން މީހާ ބުނެފައިވާ ގޮތުން، ފޭރުމަށްފަހު ބިދޭސީ މީހާ ދޫކޮށްލާފައިވަނީ ހުޅުމާލޭގައި މީހުން މަދު އަނދިރި ސަރަހައްދެއް ކަމަށްވާ ހުޅުމާލޭގެ ހާފްވޭ ހައުސް ކައިރިއަށެވެ.
ބޭންކުން ގިނަ އަދަދަކަށް ފައިސާ ނަގައިގެން އެއްތަނުން އަތެއްތަނަށް ފައިސާ ގެންދަނިކޮށް މީގެ ކުރިންވެސް އެތައް ފަހަރަކު ފައިސާތައް ފޭރިގެންފައިވެއެވެ. އެކަމާއި ގުޅިގެން ފުލުހުން ވަނީ ބޮޑެތި އަދަދުތަކުގެ ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދާއިރު ފުލުހުންގެ އެހީތެރިކަން ހޯދަން އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ