ރައީސް ޔާމީން އދ. އަށް ވަޑައިނުގަތީ ޖެހިލުންވެވަޑައިގަންނަވާތީ، ކެރިވަޑައިނުގަނެގެން: މިނިސްޓަރު ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކުވެރި ދައުލަތްތައް (އދ) ގެ އާންމު މަޖިލީހަށް ވަޑައިނުގަތީ އެކަން ކުރައްވަން ޖެހިލުންވެ ވަޑައިގެން، ކެރިވަޑައިނުގަނެގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ، މިއަދު ހެނދުނު، ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހާއްސަ މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ، އދ. ގެ އާންމު މަޖިލީހަށް ވަޑައިގެން ގައުމުތަކުގެ ވެރިންނާ ކުރިމަތިލައްވައި، ވާހަކަފުޅުދެއްކެވޭ ވަރަށްވުރެ ގިނައިން ރައީސް ޔާމީން ވަނީ އދ. އަށް ނިސްބަތްކުރައްވައި އެއްޗެހި ކިޔުއްވާފައި ކަމަށެވެ.
މިނިސްޓަރު ޝާހިދު މި މޭރުމުން ވާހަކަ މިދެއްކެވީ، އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަން ވަޑައި ނުގެންނެވީ އެކަމަށް ފުރުސަތު ލިބިވަޑައިނުގަނެގެން ނޫން ކަމަށާއި އެހެން ދިމާވީ، އެ ފުރުސަތު ލިބިވަޑައިގެންނެވި ފަހަރުތަކުގައި ރާއްޖޭގައި މުހިންމު ކަންތައްތަކެއް ހިނގާފައި ހުރި ހާލަތުތަކެއް އޮތުމުން ގައުމަށް އިސްކަން ދެއްވަން ޖެހިވަޑައިގަނެގެން ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވާތީ އެކަމާ ގުޅޭ ގޮތުން ޕްރޮގްރާމްގެ ޕްރެސެންޓަރު އާމިރު ސަލީމް ސުވާލު ދެންނެވުމުންނެވެ.
"އެ ވިދާޅުވާ ދުވަސްވަރު ރައީސް ޔާމީން ހުންނެވީ ސިންގަޕޫރުގައި. ދެން މުޅި މާލެ ފެނަށް ޖެހުނު ވަގުތު ހުންނެވީ މެލޭޝިއާގައި. މީ ރައްޔިތުންނަށް އެނގޭ ކަންކަން. ދެން ކޮން އިތުރުފުޅެއްތޯ މިހައްދަވަނީ؟" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގައި ގައުމު ތަމްސީލު ކުރުން އެންމެ ރަނގަޅީ ގައުމުގެ އެންމެ އިސް ވެރިޔާ ކަމަށެވެ. އޭގައި ގިނަ ސަބަބުތަކެއް ހުރިކަން ޝާހިދު ފާހަގަކުރެއްވި އެވެ.
"އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުކުރުމަކީ ބައިނަލް އަގުވާމީ ގޮތުން ގައުމު ތަމްސީލުކުރުމަށް ލިބޭ އެންމެ ފަހި ފުރުސަތު. އެއީ ގައުމު ބޭރު ދުނިޔޭގެ ސަމާލުކަމަށް ގެނެސް ފުރުސަތުތައް ހޯދަން ލިބޭ އެންމެ މުހިންމު ފުރުސަތު. ހުރިހާ ގައުމުތަކެއްގެ ވެރިން އދ ގެ އާންމު ޖަލްސާއަށް ވަޑައިގަންނަވަނީ އެހެންވެ." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، އެ މުހިންމު މަސައްކަތަކީ ގައުމީ ނިސްބަތުގައި ވަރަށް ވެސް މުހިންމު މަސައްކަތެއް ކަމަށާއި އެކަން ރައީސް ސޯލިހު އެވަނީ ފުރިހަމަ ކުރައްވާފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ