ވެސްޓް ހޭމް އަތުން ޔުނައިޓެޑް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓްޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހޭމް އަތުން ޔުނައިޓެޑް ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ޔުނައިޓެޑު ބަލިވި ދެވަނަ މެޗެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ވެސްޓް ހޭމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން މެޗުގެ 20 ވަނަ މިނެޓުގައި އަންދްރޭ ޔާމޮލެންކޯ އާއި މެޗުގެ 35 ވަނަ މިނެޓުގައި މާކް ނޯބަލްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ވެސްޓް ހޭމް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ފެލިޕޭ އެންޑަސަން ދިން ބޯޅައަކުން ވެސްޓް ހޭމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޔާމޮލެންކޯއެވެ. ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޔާމޮލެންކޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ވެސްޓް ހޭމް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓު ފަހުން ޔުނައިޓެޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސްކޮޓް މެކްޓޮމިނޭ ދިން ބޯޅައަކުން އަންދްރޭސް ޕެރޭރާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. ޕެރޭރާއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވެސްޓް ހޭމްގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ވެސްޓް ހޭމްއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޔާމޮލެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފެލިޕޭ އެންޑަސަން ފޮނުވާލި ހަމަލާ، ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ޔުނައިޓެޑަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން މެކްޓޮމިނޭ ދިން ބޯޅައަކުން ވެސްޓް ހޭމްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޔުނައިޓެޑްގެ އިނގިރޭސި ޑިފެންޑަރު ހެރީ މެގޭރާ ފޮނުވާލި ބާރު ހަމަލާ، ވެސްޓް ހޭމްގެ ކީޕަރު ލޫކަސް ފަބިއަންސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، ވެސްޓް ހޭމް އިން ވަނީ ލީޑު ފުޅާކޮށްފައެވެ. ހިލޭ ޖެހުމަކުން ވެސްޓް ހޭމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި ޑިފެންޑަރު އާރޮން ކްރެސްވެލްއެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ޔުނައިޓެޑް ގޯލުގެ މަތީ ކަނަކަށެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި އާސެނަލް ވަނީ ހަނި ތަފާތަކުން އެސްޓަން ވިލާ އަތުން މޮޅުވެފައެވެ. ފަހު ވަގުތު އާސެނަލުން ކާމިޔާބުކުރި ދެ ލަނޑާއެކު އާސެނަލް މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ 20 ވަނަ މިނެޓުގައި ޖޯން މެކްގިން ކާމިޔާބުކޮށްދިން ލަނޑާއެކު ވެސްޓް ހޭމް އިން ފުރަތަމަ ހާފު ނިންމާލީ 1-0ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފު ފެށިތާ 14 މިނެޓު ފަހުން އާސެނަލަށް ލިބުނު ޕެނަލްޓީއަކުން ނިކޮލަސް ޕެޕޭ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ވެސްލީ މޮރައޭސް ކާމިޔާބުކުރި ލަނޑުން އެސްޓަން ވިލާއަށް އަލުން ލީޑު ލިބުނު ނަމަވެސް، މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި އާސެނަލުން ވަނީ ދެ ލަނޑު ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 81 ވަނަ މިނެޓުގައި އާސެނަލަށް ކެލަމް ޗޭމްބާސް ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗުގެ 84 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ހޯދައިދިނީ ޕިއެރޭ އެމެރިކް އޮބަމަޔާންގްއެވެ.
ލީގުގައި އާސެނަލާއި ވެސްޓް ހޭމްއަށް ވެސް ހަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. އާސެނަލް ހަތަރުވަނައިގައި އޮތް އިރު، ވެސްޓް ހޭމް އޮތީ ފަސްވަނައިގައެވެ. ވެސްޓް ހޭމް އަތުން ރޭ ބަލިވި ޔުނައިޓެޑް އޮތީ ކުޅުނު ހަ މެޗުން ލިބުނު އަށް ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ