ވަކީލު ބައްދަލުވުމުގެ ކުރިން ޓެސްޓް ހައްދަން ޝަރުތު ކުރަނީ ޔާމީން ވީމަ: ވަކީލުން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންނާ ބައްދަލުކުރަން ފުރުސަތު ނުދެނީ އެމަނިކުފާނާ މެދު ތަފާތު ކުރުންތައް ގެންގުޅޭތީ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
މާފުށީ ޖަލުގައި ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމިނާ އެމަނިކުފާނުގެ ވަކީލުންނަށް ބައްދަލުކުރެއްވޭނީ ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގައިޑްލައިންތަކަ އެއްގޮތަށް ޕީސީއާރް ޓެސްޓެއް ހައްދައިގެން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ވަކީލުންނަށް އަންގައިފަ އެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު މިހާރު އޮތް ގޮތުން ރާއްޖޭގައި އަންނަނީ އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއި ދެމުން ކަމަށެވެ. އެހެން ނަމަވެސް އުސޫލުތައް ބަދަލު ކުރި ކަމަށް ބުނެ، ޑިސެމްބަރު 6، 2020 ގައި ބޭއްވި ރައީސް ޔާމީންގެ ޝަރީއަތަށް ފަހު އެމަނިކުފާނާ ބައްދަލުވުމުގެ ފުރުސަތު ހިފަހައްޓާފައި ވަނީ ކޮވިޑް-19 ގެ ހާލަތަށް ކޮން ބަދަލެއް އައުމުންތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ.
"މިދިޔަ ދުވަސްތަކުގައި އައި ލުޔެއް. އެނގިވަޑަައިގަންނަވާނެ ފަދައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވައިފި ލ. އަތޮޅަށް. ސަރުކާރުގެ ކުންފުނިތަކުގައި ތިއްބަވާ ބޭބޭފުޅުން އެބަ ދަތުރު ކުރައްވާ އެކި ނަން ނަމުގައި އެކި ތަންތަނަށް،" ޖަމީލް ވިދާޅުވި އެވެ.
ވަކީލް އާދަމް އާސިފް ވިދާޅުވީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ދޫނިދޫ ޖަލަށް އޭނާ އިއްޔެ ޒިޔާރަތް ކުރެއްވި ކަމަށެވެ. އަދި ގައިދީންނާ ބައްދަލު ކުރުމުގެ ކުރިން ޕީސީއާރް ޓެސްޓެއް ހަދަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް ވީމަ ވަކި ތަފާތު ގޮތެއް އޮންނަންވީ ކީއްވެތޯއޭ ސުވާލަކީ. އަދި 24 ގަޑިއިރު ވެސް ނުވޭ. އިއްޔެ ހަވީރު ވީ ކަމެއްގެ ވާހަކަ އަޅުގަނޑު މި ދެންނެވީ،" އާސިފް ވިދާޅުވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށް ގާނޫނީ ވަކީލުންގެ ހައްގު ބޭނުންކުރަން އެދޭ ހާލަތުގައި އެ ހައްގު ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ގާނޫނުއަސާސީން ލާޒިމްވާ ކަމަށާއި އެކަމަށް އިތުރު ޝަރުތުތަކެއް ކުރިމަތިކުރަން ނުޖެހޭކަން ވެސް އާސިފް ފާހަގަ ކުރެއްވި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުން މިއަދު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕީޖީ ހުސެއިން ޝަމީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެ ދެ ބޭފުޅުން ރައީސް ޔާމީނާ ދޭތެރޭ ތަފާތު ކުރުންތައް ގެންގުޅުއްވައި، އެކި ގޮތް ގޮތައް ނުފޫޒު ފޯރުއްވަމުންދާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.
ކޮވިޑް-19 އާ ގުޅިގެން އަމަލު ކުރަމުން އަންނަ އުސޫލުތަކަށް އެޗްޕީއޭ އިން އެންމެ ފަހުން ގެނައި ބަދަލުތަކުގެ ތެރޭގައި ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ މީހުން ވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހުށަހަޅަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ