މުއައްސަސާތަކުގެ މަގްސަދަކަށްވާންވީ ރައްޔިތުން އިތުބާރުކުރާ ބަޔަކަށްވުމަށް: ޕީޖީ

ދައުލަތުގެ މުއައްސަސާތަކުގެ އެންމެ މުހިންމު މަގްސަދަކަށްވާންވާނީ ރައްޔިތުން އިތުބާރުކުރާ ބަޔަކަށްވުން ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އޭސީސީގެ ސްޓްރެޓިކް އެކްޝަން ޕްލޭން އިފްތިތާހު ކުރުމަށް އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ އެންމެ މުހިންމު މަގްސަދަކަށްވާންވާނީ ރައްޔިތުން އިތުބާރުކުރާ ބަޔަކަށްވުން ކަމަށާއި އަދި މުއައްސަސާތައް ބައްޓަންކުރަންވާނީ އެ އަމާޒަށް ވާސިލްވުމަށްޓަކައި ކަމަށެވެ.
ދިވެހި ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި އަދުލުއިންސާފު ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ އެހާ ފަސޭހަ މަސައްކަތެއްނޫންކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ އެ މަސައްކަތްތަކަކީ ގޮންޖެހުން ބޮޑު ބުރަ މަސައްކަތެއް ކަމަށެވެ.
އިދާރާތަކުން އެއްބަޔަކު އަނެއް ބަޔަކަށް ފުރިހަމައަށް އެއްބާރުލުންދީ އެހީތެރިކަން ދޭން ޖެހޭ ކަމަށާއި ގުޅިގެން މަސައްކަތް ކުރެވޭނެ އުސޫލުތަކެއް ގާއިމްކުރަންޖެހޭ ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
އެކްޝަން ޕްލޭންގެ ތެރެއިން އަދި ޕްލޭންގެ ބޭރުންވެސް ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް ތިބި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ހަރުދަނާ ނިޒާމުތަކެއް ގާއިމް ކުރަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
ޖިނާއީ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ޕީޖީ އޮފީހާއި ހަމައަށް އައުމުން އެ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމުގެ ކުރިން ބަލަންޖެހޭ ބެލުންތަކެއް ހުންނަ ކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ މައްސަލައިގައި ލިބިފައިވާ ހެއްކާ، ގަރީނާ ވަޒަން ކުރަންޖެހޭ ކަމަށެވެ. އަދި އެ ހެއްކާ ގަރީނާއަކީ ޝަރީޢަތަަށް ބަލައިގަންނަ އަދި އެ މައްސަލައެއްގެ ޖިނާއީ ދައުވާއެއް ކުރެވޭނެ މިންވަރަށް ހުރި ހެކިތަކެއްތޯވެސް ވަޒަންކުރަންޖެހޭ ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތަކަކީ އެއްވެސް ސަބަބަކާ ހުރެ އިންސާފުނުލިބި ދޫވެގެންވާނެ މައްސަލަތަކެއް ނޫންކަން ފާހަގަ ކުރައްވާ ޕީޖީ ވިދާޅުވީ މިފަދަ މައްސަލަތައް ޝަރިޢަތާއި ހަމައަށް ގެންގޮސް ފުރިހަމަ އިންސާފު ހޯދައިދެވޭނީ ތަހުގީގު ކުރާ އިދާރާތަކުން ކުރާ މުއައްސަސާތަކުގެ ފެންވަރު މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރެވިގެން ކަމަށެވެ.
އަދި ތަހުގީގީ އިދާރާތަކުގައި ތިއްބަވާ ބޭފުޅުންގެވެސް ވިސްނުން ކުށްކުރާ މީހާގެ ވިސްނުމާއި އެއްވަރުވެގެން ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
އަބަދުވެސް ކަމެއް ހާސިލްކުރުމަށްޓަކައި އެ ދާންބޭނުންވާ ހިސާބެއް ސާފުކޮށް އެނގިފައޮތުމަކީ ވަރަށް މުހިންމު ކަމެއް ކަށާއި އަދި އެހިސާބަށް ދިޔުމަށްޓަކައި ކަންތައް ކުރާނެ ގޮތާއި ދާންވީ މިސްރާބު ކޮށާފަ ބާއްވަންޖެހޭ ކަމަށް ޕީޖީ ވިދާޅުވިއެވެ.
ސްޓްރެޓިކް އެކްޝަން ޕްލޭނެއް އެކަށައެޅި އެއަށް އަމަލުކުރަމުންދިޔުމުގެ މައިގަނޑު ބޭނުމަކީވެސް އެއީ ކަމަށާއި އަދި ޕްލޭން ސަބަބުން މުޅި އޭސީސީގެ ހުރިހާ މުވައްޒަފުންނަށް އެތަނުގެ އަމާޒު ހުރިގޮތާއި އަމަލުތައް ބަހައްޓަންވީ ގޮތް ސާފުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ