ކުރީގެ ރައީސަށް ދީފައިވާ ސިކިއުރިޓީ ކަނޑައެއް ނުލަން: ޑިފެންސް މިނިސްޓަރު

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމަށް ދައުލަތުން ފޯރުކޮށްދީފައިވާ ސިކިއުރިޓީގެ ހިދުމަތްތައް ކަނޑާލައިފި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ދޮގުކުރައްވައިފި އެވެ.
ހަވީރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ މިދިޔަ ނޮވެމްބަރު 11 ގެ ފަހުން ކުރީގެ ރައީސަށް ފޯރުކޮށްދޭ ސިކިއުރިޓީގެ ހިދުމަތް މިހާރު ވެސް ދެއްވަމުން ގެންދަވާ ކަމަށާއި ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްވަންދެން އެކަން އެ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
"ދެ ޝިފްޓްގައި މައުމޫނުގެ ސިކިއުރިޓީ ބެލެހެއްޓުމަށް ސިފައިންގެ 10 މީހަކު ހަރަކާތްތެރިވާނެ. އެއީ ޝިފްޓެއްގައި ފަސް ސިކިއުރިޓީން. މިހާރު ވެސް މައުމޫން ސިންގަޕޫރުގައި އުޅުއްވާއިރު ވެސް ދެ ސިކިއުރިޓީން އެބަ ތިބި އެ ކޮޅުގައި. ގާނޫނު އަސާސީގައި ބުނެފައި އެބަ އޮތް ރައީސްކަން ކުރައްވާ ބޭފުޅުންނަށް އިނާޔަތާއި ހިމާޔަތް ދޭން ޖެހޭ ކަމަށް. އެހެންވީމަ އަޅުގަނޑުމެން އެކަން ގާނޫނު އަސާސީގައިވާ ގޮތަށް ކުރާނަން،" މައުމޫނުގެ ވެރިކަމުގައި ސިފައިންގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މައުމޫން ދިރިއުޅުއްވާ ގެކޮޅު މ. އަލިވާގޭގައި މި ދުވަސްވަރު ޔުނިފޯމްގައި ސިފައިން ނެތުމަކީ މައުމޫނަށް ސިކިއުރިޓީ ދިނުން ދައުލަތުން ހުއްޓާލުން ކަމަށް ބެލުމުގެ ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ޔުނިފޯމްގައި ތިބޭ ސިކިއުރިޓީން މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ޑިއުޓީގައި ނެތް ނަމަވެސް ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައުމޫނަށް ދައުލަތުން ފޯރުކޮށްދޭ ސަލާމަތީ ހިދުމަތްތައް ކަނޑާލި ކަމުގެ ރިޕޯޓްތަކެއް އިއްޔެ ބައެއް އަމިއްލަ މީޑިއާތަކުން ވަނީ ފަތުރައިފަ އެވެ. އެހެން ނަމަވެސް، ސަރުކާރުން އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.
މިދިޔަ ނޮވެމްބަރު 11 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މުހައްމަދު ނަޝީދު ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ބޭއްވި ނިއުސް ކޮންފަރެންސްގައި ވަނީ މައުމޫނަށް ހިމާޔަތް ދިނުމަށް ސިފައިންނަށް އެންގެވިކަން އިއުލާން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ